އިނގިރޭސި ބަހުން ވާހަކަ ދެއްކުން ރަނގަޅު ކުރުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވައިފި އެވެ.

މިނިސްޓަރު ފައިސަލަށް އިނގިރޭސި ބަސް ފަރިތަކޮށްދިނުމަށް ރައީސް ނަޝީދު ޝައުގުވެރިކަން ފާޅުކޮށްފައި މިވަނީ އިނގިރޭސި ބަހަށް ފަރިތަކުރަން ކޯޗެއްގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވެފައިވާ ވަގުތެއްގަ އެވެ.

"އެއީ، ދިވެހި ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރު ވީމަ، ދިވެހި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ވަކި ސްޓޭންޑަޑެއް ހުންނަކަން އަޅުގަނޑު އަމިއްލައަށް ގަބޫލުކޮށް، އަޅުގަނޑު އެ ޕްރެކްޓިސްކޮށް، އެ ޓްރެއިނިންތައް ހަދާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަ މަސް ތެރޭ މިކަން ރަނގަޅު ކުރާނަން،" ފައިސަލް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ފައިސަލް އަށް އިނގިރޭސި ކިޔަވައިދިނުމުގެ ވަޒީފާއަށް ޝައުގުވެރިވެލައްވާ ކަމަށެވެ. އެމަނިކުފާނުގެ އެހީ ބޭނުންފުޅުވާނަމަ ފައިސަލް ވަޑައިގަންނަވަން ޖެހޭނީ ގާނާގެ ވެރިރަށް އަކްރާއަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިދިޔަ ޑިސެމްބަރު މަސް ތެރޭގައި ނަޝީދު ވަނީ އައްޔަން ކުރައްވައިފަ އެވެ. އެހެންވެ މަގާމުގެ ޒިންމާ އަދާކުރެއްވުމަށް އެމަނިކުފާނު ވަނީ ދިރިއުޅުން ގާނާއަށް ބަދަލުކުރައްވާފަ އެވެ.