ކަށްޓަކުން ރޮދީގެ ބޮޅުތަކެއް، އެއްބޮޅު އަނެއް ބޮޅު ގުޅުވައިގެން ވިޔާ "ކްރޮޝޭ" ވިއުމަކީ ވަރަށް ކެތްތެރިމީހަކަށް ނޫނީ ނުކުރެވޭނެ ވަރަށް ކަވި މަސައްކަތެކެވެ. ކްރޮޝޭ ވިއުމުގެ މަސައްކަތް ވުޖޫދުވީ ވަރަށް ކުރީ ޒަމާނެއްގައި މީހުން ފޫހިފިލުވުމަށް ކުރި މަސައްކަތެއްގެ ތެރެއިންނެވެ.

މި ވިއުމުން ނަފްސާނީ ދުޅަހެޔޮކަން ލިބެ އެވެ. ހަށިގަނޑާއި ސިކުނޑި ރިލޭކްސް ކުރުވަ އެވެ. މަޑުމަޑުން އިނދެ ކުރާ މި މަސައްކަތަކީ ހިނގާ ބިނގާވެ އުޅުމަށް ދަތި މީހުން ކުރުމަށް ވެސް ވަރަށް ރަނގަޅު މަސައްކަތެކެވެ. ތިމާވެއްޓާ ވެސް ރައްޓެހި ކްރޮޝޭ ވިއުމުގެ ތެރެއިން އިޖްތިމާއީ ފައިދާތަކެއް ވެސް ލިބެ އެވެ. އެ ކަމަށް ޝައުގުވެރިކަން ހުންނަ މީހުންނާ ގުޅުން އުފެދި ރައްޓެހި ރަހުމަތްތެރިން އާލާވުމަށް މަގުފަހިވެ އެވެ.

މަރިޔަމް ސަމާ ޚާލިދް މުހައްމަދު (ސަމާ) އަކީ ސީއެޗްއެސްސީ ނިންމުމަށްފަހު ޒަވާޖީ ހަޔާތެއް ފަށައި އެކައިވެންޏަށް ލޯބި ލޯބި ދެ އަންހެން ކުދިން ލިބިފައިވާ 30 އަހަރުގެ ޒުވާން މަންމައެކެވެ. ކްރޮޝޭ ވިއުމަށް ފަރިތަ މީހެކެވެ. ހުޅުމާލެ ފޭސް 2ގައި ދިރިއުޅޭ ސަމާ ބުނިގޮތުގައި ކްރޮޝޭއަށް ޝައުގުވެރިކަން އުފެދުނީ އއ. ތޮއްޑޫއަށް މަޝްހޫރު ދަނޑުވެރިއެއް ކަމަށްވާ ގަމީރާ އާދަމް ނުވަތަ އޭނާގެ މައިދައިތަ އެ މަސައްކަތް ކުރާ ތަން ފެނިގެންނެވެ.

"އަޅުގަނޑުގެ މައިދައިތައަކީ މަލްޓި ޓަސްކާއެއް (އެއްފަހަރާ އެތައް ކަމެއްކުރާ މީހެއް). މަންމައަށް ކުރަން ނޭނގޭ ކަމެއް ނުހުންނާނެ. ހޮބީއެއްގެ ގޮތުގައި ކޮރޯޝޭ ވިއުމުގެ މަސައްކަތް ވެސް ކުރާނެ،" މައިދައިތައަށް ތައުރީފު ކުރަމުން ސަމާ ބުނެލި އެވެ.

ހުނަރު ކުރިއެރުވީ އަމިއްލަ މަސައްކަތުން

މައިދާތަގެ ފަރާތުން ތައާރަފުވި ކްރޮޝޭ ދަސްކުރުމަށް އޮންލައިން ވީޑިއޯތައް އޭނާ ބަލާހެދި އެވެ. އަދި ވިޔުމަށް ބޭނުންވާ ސާމާނު ގަނެގެން އަމިއްލައަށް ދަސްކުރި އެވެ. ދަސްކުރުމުގެ މަރުހަލާގައި އެހެން މީހުންނަށް ވެސް ދިމާވާ ކަންތައް ކަމަށްވާ ބޮލަށް ބަރުވުމާއި ކުރިއަށް ނުގެންދެވިގެން ހުއްޓާލުމުގެ ވިސްނުން ސަމާއަށް ވެސް އަ އެވެ. ނަމަވެސް އެ ވިސްނުންތަކަށް ފުރުސަތު ނުދީ އެމަސައްކަތް ދަސްކުރުމުގައި ސަމާ ކުރިއަށް ދިޔަ އެވެ. މިއަދު އޭނާ ފޯރާފައި ހުރި ހިސާބަށް އާދެވުނީ ބުރަ މަސައްކަތުންނެވެ. އެއީ އެތައް ވަގުތެއް ހޭދަކޮށް ކުރި މިންނެތް މަސައްކަތުގެ ނަތީޖާ އެވެ.

ސަމާ އަތުން ވިޔެފައިވާ ކުޑަކުއްޖެއްގެ ހެދުމެއް. މިއީ ގިނަ ވަގުތު ހޭދަވާ ބުރަ މަސައްކަތެއް.

މިހާރު ސަމާއަށް ހެދުމެއް ވިއުމަކީ ދާދި ފަސޭހަކަމެކެވެ. އޭނާ މިމަސައްކަތް ހުއްޓާނުލާ ކުރާތާ 9 އަހަރު ވަނީ ފުރިފަ އެވެ.

"އެހެންވީމާ މަސައްކަތުގެ ސްޕީޑްވެސް މިހާރު އަވަސްވާނެ،" ސަމާ ބުންޏެވެ. ދެ ކުދިން ބަލަމުން އެބުރަ މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެކަމުގައި ދެމިހުރެވެނީ ފިރިމީހާއާއި ސަމާއާ ދެމީހުންގެ ދެފަރާތުގެ އާއިލާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭތީ ކަމަށް އެނާ ގަބޫލު ކުރެ އެވެ.

އެންމެ ފުރަތަމަ ތައްޔާރުކުރީ ބެބީ ހެދުމެއް

މީހުން އެންމެ ބޮޑަށް ބޭނުންވަނީ ބޭބީ ހެދުން ކަމަށް ވާތީ ސަމާ ފުރަތަމަ ވެސް ވިއުނީ ބޭބީ ހެދުމެކެވެ. އެއަށް ފަހު ބޭބީއަށް ބޭނުންވާ ތަފާތު ތަކެއްޗެވެ. ސަމާ ތައްޔާރުކުރާ ބޭބީ ހެދުންސެޓް ތައްޔާރުކޮށްދޭ އަގަކީ 1،000 ރުފިޔާ އެވެ. އެސެޓްގައި ހިމެނެނީ ބޭބީ ހެދުމަކާއި، ތޮތްޕާއި، ބޫޓު ފަދަ ތަކެއްޗެވެ.

ސަމާ އަތުން ވިޔެފައިވާ ކުޑަކުއްޖެއްގެ ހެދުމެއް. ކުޑަކުދިންގެ ހެދުން ވިޔަން ވަރަށް ޑިމާންޑް ބޮޑު ކަމަށް އޭނާ ބުނޭ

"އެންމެ ހިނގަނީ ބޭބީ އަށް ބޭނުންވާ ތަކެތި. އެހެންވެ އެންމެ ގިނައިން ވިޔާ އެއްޗަކީ އެއީ. މިދުވަސްކޮޅު ބޭބީ ތޮތްޕަކީ ވަރަށް ގިނައިން ވިޔަން ޖެހޭ އެއްޗެއް .އޭގެ އިތުރުން ވެސް ޑެކޮރޭޓިވް ( ޒީނަތްތެރިކުރަން ބޭނުންކުރާ ) ތަކެތި ވެސް ވިޔަން،" ސަމާ ކިޔައިދިނެވެ.

ކްރޮޝޭ އަކީ އަގުބޮޑު މަސައްކަތެއް

ކްރޮޝޭ ވިއުމަކީ ދެއަތުން ކުރާ، ބުރަ އަދި އަގުބޮޑު މަސައްކަތެކެވެ. އެކަމަށް ބޭނުންކުރާ ވޫލް ހޯދުމަކީ އުނދަގޫ ކަމެކެވެ. އަދި ވިއުމުގައި ވަރަށް ވަގުތު ވެސް ހޭދަވެ އެވެ. އެހެން ނަމަވެސް މަސައްކަތަށް އޮންނަ ޝައުގުވެރިކަން ބޮޑުކަމުންންނާއި ލިބޭ ތަރުހީބު އިތުރުވަމުން ދިއުމަކީ ކިތަންމެ އުނދަގޫ މަސައްކަތެއް ނަމަވެސް، އެކަމުގައި ދެމިހުރުމަށް ސަމާއަށް ލިބޭ ހިތްވަރެކެވެ.

"ކްރޮޝޭ ވިއުމަށް ބޭނުންވާނީ ކައްޓަކާއި ވޫލް ބޮނޑިއެއް. ވިޔަމުން ހެދުމުގެ ބައްޓަން ގެނެސް ،ސިފަ ގެނެސް ތައްޔާރުކުރާނީ ލިބިފައިވާ އިލްމުގެ އަލީގައި. އެހެންވީމަ ނޯމަލް ހެދުން ވިއްކާ އަގަކަށް ކޮރޯޝޭ ހެދުމެއް ނުވިއްކޭނެ،" އޭނާ ބުންޏެވެ.

ސަމާ އަތުން ވިޔެފައިވާ ކުޑަކުއްޖެއްގެ ހެދުމެއް. މިކަހަލަ ހެދުމެއް ވިޔަން ނުވަ ވަރަކަށް ގަޑިއިރު ހޭދަވާ ކަމަށް ބުނޭ.

ސަމާ އަބަދުވެސް ވިޔަން ފަށަނީ އޯޑާ ލިބުމުންނެވެ. ހުއްޓާ ނުލައި ވިޔާނަމަ ނުވަ ގަޑިއިރު ތެރޭގައި ހެދުން ސެޓެއް ނިންމާލެވެ އެވެ. އެހާ ވެސް އެ މަސައްކަތަށް އޭނާ ފަރިތަ އެވެ. އޯޑާ ނަގަމުން، ވިޔަމުން މިއަދު ރާއްޖޭގެ ހުރިހާ ދިމާއަކަށް ސަމާ ތައްޔާރުކުރާ ތަކެތި ފޯރޮކޮށްދެ އެވެ. އެކަމަށްޓަކައި "އެންޑްލަސް އެމްވީ" ގެނަމުގައި އޭނާ ވަނީ ވިޔަފާރިއެއް ވެސް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

ކްރޮޝެޓާ މޯލްޑިވްސް ވުޖޫދަށް އަންނަނީ

ސަމާ ބުނިގޮތުގައި ކްރޮޝޭއަށް އޮންނަ ޑިމާންޑް ދުވަހެއް ދުވަހަކަށް އަންނަނީ ބޮޑުވަމުންނެވެ. އަދި ކުރެވޭ މަސައްކަތަށް ވުރެ ލިބޭ އޯޑަރު ގިނަކަމުން މަސައްކަތް އޮންނަނީ ފުނިޖެހިފަ އެވެ. ވީމާ ހުސްވަގުތަކީ އޭނާއަށް ހަމަ "ނެތް" އެއްޗެކެވެ. އެކަމުގެ ހައްލެއްގެ ގޮތުން ކްރޮޝެޓާ މޯލްޑިވްސް ގެނަމުގައި ސަމާ އާއި އަދި ކްރޮޝޭ ވިޔާ ވަރަށް ގިނަ ފަރާތްތައް ގުޅިގެން ޖަމިއްޔާއެއް ރަޖިސްޓްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެ ޖަމިއްޔާގައި 60 ވަރަކަށް މީހުން ހިމެނެ އެވެ. ސަމާ އުންމީދު ކުރަނީ، އެ ކޮމިއުނިޓީ އުފެދުމަށް ފަހު އެކަކަށް ލިބޭ އޯޑަރު ނިންމާ ނުލެވިއްޖެ ނަމަ، ދެވަނަ މީހަކާ ހަވާލު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ބޭނުމަކީ މިހާ ބޭނުންތެރި މަސައްކަތެއް ހުއްޓުނަނުދީ ޑިމާންޑާ އެއްވަރަށް ކޭޓާ (ފޯރު) ކޮށްދިނުމެވެ.

ސަމާ އަތުން ވިޔެފައިވާ ކުޑަކުއްޖެއްގެ ހެދުމެއް. މިއީ ބުރަ ކަވި މަސައްކަތެއް ކަމަށް އޭނާ ބުނި.

ކްރޮޝޭ ދަސްކޮށް މިކަމުގެ ތެރެއަށް ގިނަ ބަޔަކު ވަނުމަކީ ސަމާގެ ވަރަށް ބޮޑު އެދުމެވެ. މަސައްކަތް ދަސްކުރާ ބައެއް ކުދިން އެއްޗެހި އަހާ އޮޅުން ފިލުވަން މެސެޖްކޮށް ހަދާކަން ވެސް އޭނާ ފާހަގަކުރި އެވެ.

"އަދި ކޯހެއް ނުހިންގަން. ވަގުތެއް ވެސް ނުވޭ އެކަމަކަށް. ނަމަވެސް ދަސްކުރެވެން އޮތްގޮތަކަށް ދަސްކުރާށޭ އަޅުގަނޑު ބުނާނީ. ގިވްއަޕް ނުކޮށް ކުރިއަށް ގެންދާށޭ. އަމިއްލަ ސެލްފަށް ވަގުތު ދީގެން ކުރިއަށް ގެންދާށޭ. އަހާ އޮޅުން ފިލުވާށޭ،" ސަމާ ބުންޏެވެ.

ކޮރޯޝެޓާ މޯލްޑިވްސްގެ ނަމުގައި އެކި އިވެންޓްތަކުގައި ބައިވެރިވެފައިވާކަން ވެސް ސަމާ ފާހަގަކުރެ އެވެ. އޭގެ ތެރޭގައި ރަމަޒާން ފެސްޓް އަދި ހިޔަލަ މާކެޓް ހިމެނެ އެވެ. އަދި މިއަހަރު ޖުލައި މަހު އޮންނަ ފުޑް ކާނިވަލްގައި ބައިވެރިވުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.