މިއަދު މި މުޖުތަމައުން ފެންނަ ގިނަ މައިންބަފައިންނަކީ އެމީހުންގެ ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރަން ވަރަށް ބޮޑު އިސްކަމެއްދޭ ބައެކެވެ. އެމީހުންގެ ވަގުތާއި، މަސައްކަތާއި، އާއިލާއާއި، އަދި ފައިސާ އެދަރިންގެ ހައްގުގައި ގުރުބާން ކުރެ އެވެ.

މިކަންކޮށްފައި ދަރިންގެ ފަރާތުން ތަފާތު ފެންނަށް ވަރަށް ބޮޑަށް އުންމީދު ކުރެވެ އެވެ. ކަންވާނީ ވެސް އެހެންނެވެ. ނަމަވެސް ވިސްނާލަންޖެހޭ ހަގީގަތަކީ މި "ހައި އެކްސްޕެކްޓޭޝަން "އާހުރެ، ދަރިން ކުރާ ކުދި ކުދި ކަންތައް ވެސް ބޮޑެތިކަންތައް ކަމުގައި ބެލެވި އެ ކުދިންނާ ދިމާލަށް އެއްޗެހި ކިޔޭތަން އަންނަކަމެވެ. މިކަންކުރެވެނީ ރަނގަޅު ކުރުމުގެ ބޭނުމުގަ އެވެ. ވަކި އުސޫލެއް ގަވާއިދެއްގެ ތެރެއަށް ފައްތައި، އެކުއްޖާ ތަރުބިއްޔަތު ކުރުމުގެ ވިސްނުމުގަ އެވެ.

ނަމަވެސް ނަތީޖާއަކަށް ވަނީ އެގޮތަށް ކިޔޭއެއްޗެހީގެ ސަބަބުން ކުދިންގެ މިޒާޖަށާއި އުޅުމަށް ބޮޑެތި ނޭދެވޭ ބަދަލުތަކެއް އައުމެވެ. އަބަދު އެއްޗެހި ކިޔާނަމަ ކުދިންނަށް ވިސްނެން ފަށަނީ އަދި ގަބޫލުކުރެވެނީ އެކުދިންނަކީ މައިންބަފައިން ކިރާ މިންގަނޑަށް ނުފެތޭ، ދަށު ދަރަޖައިގެ ކުދިން ކަމަށެވެ.

ސައިކޮލޮޖިސްޓުން ބުނާގޮތުގައި މައިންބަފައިންގެ ފަރާތުން ކުދިންނަށް ރައްދުވާ ނޭދެވޭ ބަސްތަކުގެ ސަބަބުން އެކުދިން ބަސްނޭހުން އިތުރު ވާނެ އެވެ. އެކަމަކީ މައިންބަފައިން ކިޔާ އެއްޗެއްސަށް އެކުދިން ނުރުހޭކަން ދެއްކުމުގެ ގޮތުން ކުރާކަމެކެވެ. ކުދިން ބަސްނާހަނީ އެކުއްޖާއަށް ރައްދުކުރާ ބަސްތަކުގެ ސަބަބުން އެކުއްޖާ ދެރަވާތީ އެވެ.

ތޫނު އެއްޗަކުން ހަމަލާއެއްދީފިނަމަ ޒަޚަމްވެ، ފާރުގަނޑެއް ހެދޭ ފަދައިން އެއްޗެހި ކިއުމުން ހިތް ޒަޚަމްވެ އެވެ. ހިތުގައި ފާރުގަނޑެއް ހެދެ އެވެ. މި ޒަޚަމް ރަނގަޅުކުރުމަށް ކުދިން ކުރާކަމަކީ ބުނާގޮތް ނުހެދުމެވެ. ނުވަތަ މައިންބަފައިން ނުރުހޭ ގޮތްގޮތަށް އަމަލު ކުރުމެވެ.

އެކަމުގެ ހައްލަކީކޮބާ؟

ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ކުއްޖާގެ ފަރާތުން ބަސްނޭހުން އިތުރުވާނަމަ އެކަން ރަނގަޅުކުރަން މަޑުމައިތިރިކަމާ ލޯތްބާއެކު ނަސޭހަތްތެރިވުން އަވަސްކުރުން ވަރަށް މުހިންމެވެ. އެހެން ނޫނީ ބޮޑުވަމުން ދާވަރަކަށް މައިންބަފައިން ނުރުހޭ އިތުރު މަގުތައް ޚިޔާރު ކުރަން ފަށާނެ އެވެ. އަމިއްލަ ހަށިގަނޑަށާއި ނަފްސަން ގެއްލުން ދީފާނެ އެވެ. ކިޔެވުމާ ދުރުވާން ފަށާފާނެ އެވެ. ނުބައިމަގު ޚިޔާރުކޮށްފައިވާ ކުދިންނާ ގުޅި އެމަގުން ހިނގަން ފަށާފާނެ އެވެ.