އިޒްރޭލުން ފަލަސްތީނުގެ ޣާޒާގައި ހިންގަމުން ގެންދާ އުދުވާނު ހުއްޓުވުމަށް ސައުތު އެފްރިކާއިން ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ހުށަހެޅި މައްސަލާގައި އިޒްރޭލާ ދެކޮޅަށް އެ ކޯޓުން ކުރި ހުކުމަކީ ހުޅަނގުގެ ގައުމުތަކަށް އަޑުއަހަން އެހާ ފަސޭހަ އެއްޗަކަށް ނުވި އެވެ. ބާރުގަދަ ގައުމުތަކުން އެހެން ގައުމުތަކަށް ބިރު ދައްކައި އެގައުމުތަކުގެ ވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވަސީލަތެއްގެ ގޮތުގައި އިންޓަނޭޝަލަން ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ބޭނުންކުރި ކުރުމަށް ނިމުމެއް އައީ ކަމަށް މިފަހަރުގެ ހުކުމުން ބެލެވިދާނެ އެވެ. އެހެންކަމުން އެމެރިކާއާއި ޔޫރަޕްގެ ގިނަ ގައުމުތަކުން އައިސީޖޭގެ ހުކުމާ މެދު އަދި ތިބީ ތުންފިއްތައިގެންނެވެ.

އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކަކީ އިޒްރޭލުން ބުނާ ގޮތުގައި އެގައުމުގެ ގައުމީ ސަލާމަތަށް ހުރި ނުރައްކާ ނައްތާލުމަށް ކުރާ ހަނގުރާމައެކެވެ. އެ ހަނގުރާމާގައި އަމާޒަކީ އެމީހުން ޓެރެރިސްޓުން ކަމަށް ނިންމައިފައިވާ ހަމާސް އެވެ. ހަމާސް ނައްތާލުމުގެ ބޭނުމުގައި އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ދުނިޔެއަށް ހާމަވަމުންދާއިރު އިޒްރޭލުގެ އަމަލުތަކާ މެދު އެމެރިކާ އާއި ހުޅަނގުގެ ބާރު ގަދަ ގައުމުތަކުން އައީ ދެފުށް ދެގޮތް ސިޔާސަތެއް ދުނިޔެއަށް ދައްކަމުންނެވެ.

އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ދެކޭ ގޮތުގައި އިޒްރޭލްގެ ދެމި އޮތުމާއި އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަކީ ކޮންމެހެން ވެސް ކަށަވަރުވެފައި އޮންނަންޖެހޭ ކަންތަކެވެ. އެކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގެ ހައްގު އިޒްރޭލަށް ލިބެ އެވެ. އެ އަސާސްގެ ދަށުން އިޒްރޭލުން ގާޒާގައި ކުރަމުންގެންދާ ހަނގުރާމައަކީ މައްސަލައެއް ކަމަށާއި އެމެރިކާ އާއި ޔޫރަޕްގެ ގިނަ ގައުމުތަކުން ނުދެކެ އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގިނަ ގައުމުތަކުން އިޒްރޭލްގެ ހަމަލާތަކަށް ތާއީދުކުރަމުން ދިޔަ ކަމަށް ވިޔަސް އިންސާނީ ހައްގުތަކަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބަން ޖެހޭނެ ކަމަށް އެގައުމުތަކުން އައީ ބުނަމުންނެވެ. ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބަން ޖެހޭނެ ކަމަށް ބުނަމުން އިޒްރޭލުގެ އުދުވާނުގައި ބައިވެރިވަމުން ގެންދިޔަ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކަށް ކުރިމަތިވި އެންމެ ބޮޑުގޮންޖެހުމަކީ ސައުތު އެފްރިކާ އިން އިޒްރޭލާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓަށް ވެއްދި މައްސަލަ އެވެ.

އެ މައްސަލަ ކުރިޔަށް ގެންގޮސް ސައުތު އެފްރިކާ އިން އެދުނުގޮތަށް ކޯޓުން އިޒްރޭލާ ދެކޮޅަށް ނެރުނު އަމުރާއެކު ބައިނަލްއަގުވާމީ ގާނޫނުތައް ދަމަހައްޓަން ގޮވާލާ ބޮޑެތި ގައުމުތަކަށް މިވަގުތު ވަނީ ހަގީގަތުގައި ބުނާނެ މާބޮޑު އެއްޗެއް ނޭނގިފަ އެވެ.

އިޒްރޭލުން ރަފާގައި ހިންގަމުންގެންދާ ހަނގުރާމައިގެ އުދުވާނު ވަގުތުން ހުއްޓާލައި ގާޒާއަށް އެހީގެ ސާމާނު ވެއްދޭނެ މަގު ތަނަވަސްކޮށްދީ، ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް، ދުނިޔޭގެ ކޯޓުން އެންގިކަމަށް ވިޔަސް އިޒްރޭލުން ބުނީ އެގައުމުން އެ އެންގުމަށް ބޯ ނުލަނބާނެ ކަމަށެވެ. ސަބަބެއް ކަމުގައި ބުނީ އެ ހުކުމަކީ ވަކި ފަރާތަށް ޖެހިފައި އޮތް ހުކުމެއް ކަމަށްވުމެވެ.

އައިސީޖޭގެ ހުކުމަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން މަރުހަބާ ކިޔައި ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯ ލެނބުމަށް އިޒްރޭލަށް ގޮވާލި އެވެ. އެ ގައުމުތަކުގެ ތެރޭގައި ތުރުކީ އާއި ސައޫދީ އަރަބިޔާ އާއި ނޯވޭ އާއި މުސްލިމް ގިނަ ގައުމުތައް ހިމެނެ އެވެ. ޔޫރަޕިއަން ޔޫނިއަންގެ އެންމެ އިސް ޑިޕްލޮމެޓް ކަމުގައިވާ ޖޯސެފް ބޮރެލް ވިދާޅުވި ގޮތުގައި އައިސީޖޭގެ ހުކުމްގެ ސަބަބުން ގައުމުތަކަށް އޮތީ އިޒްރޭލާ އެއްބައިވުމާއި ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމާ ދެގޮތުން ކުރެ ގޮތެއް ނިންމަން ޖެހިފަ އެވެ.

އިޒްރޭލާ ދެކޮޅަށް ކޯޓުން ކުރި ހުކުމާ މެދު ވާހަކަ ދައްކަން ބާރުގަދަ ގައުމުތަކުން ފަސްޖެހިފައި ވަނިކޮށް އިނގިރޭސި ފޮރިން މިނިސްޓަރު ޑޭވިޑް ކެމަރަން ވަނީ އެހުކުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ހުކުމުގެ ސަބަބުން އިޒްރޭލްގެ ދެމިއޮތުމަށް ހުރަސް އެޅޭ ކަމަށެވެ.

އިޒްރޭލަށް ހުރިހާ ގޮތަކުން ވާގިވެރިވަމުން އަންނަ އެމެރިކާއިން ރަސްމީ ސިފައެއްގައި ބައިނަލްއަގުވާމީ ކޯޓުގެ ހުކުމާ ބެހޭ ގޮތުން ވާހަކައެއް އަދި ނުދައްކަ އެވެ.

ބައިނަލްއަގުވާމީ ކޯޓުން އިޒްރޭލާ ދެކޮޅަށް ކުރި ހުކުމަށް އިޒްރޭލުން ބޯނުލެނބި ކަމަށް ވިޔަސް، އަދި ކޯޓަށް އިޒްރޭލާ ދެކޮޅަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ވިޔަސް، ކޯޓުގެ ހުކުމަކީ ބާރު ގަދަ ހުކުމެކެވެ. އެ ހުކުމުގެ ސަބަބުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބަން ގައުމުތަކަށް ގޮވާލަމުން އަންނަ އެމެރިކާއާއި ޔޫރަޕަށް އެމީހުންގެ ވާހައަކީ އަސާސެއް އޮތް ވާހަކައެއް ކަމަށް ސާބިތު ކޮށްދޭން ޖެހޭނެ އެވެ. ނޫނީ ބައިނަލްއަގުވާމީ ކޯޓުތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ގާނޫނުގެ ބޭނުން ކެނޑުނީ އެވެ. ކޯޓުގެ ހުކުމުގެ ސަބަބުން ބާރުގަދަ ގައުމުތައް މިވަގުތު ތިބީ ބުނާނެ އެއްޗެއް ނޭނގި އާޝޯޚު ވެފަ އެވެ. އެއީ އެގައުމުތަކަށް ކުރިމަތިވި އިމްތިހާނެކެވެ.