ށ. ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދަށް އިތުރު ފަސް ދުވަސް ކޯޓުން ޖަހައިފި އެވެ.

ފުލުހުން ބުނީ ސިހުރު ހެދި ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ ތިން ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރި އެވެ. ދެން އިތުރު 10 ދުވަސް ކޯޓުން ޖެހި އިރު އެ މުއްދަތު އިއްޔެއަށް ވަނީ ހަމަވެފަ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އިއްޔެ ކޯޓުން އޭނާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހާފައިވެ އެވެ. މިއީ އޭނާގެ ބަންދުގެ މުއްދަތު ޖެހި ތިން ވަނަ ފަހަރު އެވެ.

ފުނަދޫގެ ބައެއް މީހުން ބުނި ގޮތުގައި ހައްޔަރު ކުރި މީހާއަކީ މިދިޔަ މަޖިލިސް އިންތިހާބުގައި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ހައްމާދު މަމްދޫހު (މަންޑޭ) އަށް ސިހުރު ހަދަން މަސައްކަތް ކުރި މީހެކެވެ.

މިކަމުގެ އަޑީގައި ހުރީ ފުނަދޫ ކައުންސިލްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު އިބްރާހިމްފުޅު ކަމަށް އެ ރަށުގެ ރައްޔިތުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެކަމަކު، އެ ތުހުމަތުތައް އަހުމަދު ވަނީ ދޮގު ކުރައްވައިފަ އެވެ. އަހުމަދާ ދެކޮޅަށް އެ ރަށުގައި މިހާރު ދަނީ މުޒާހަރާ ވެސް ކުރަމުންނެވެ.