ކުރާ ކޮންމެ ކަމެއްގައި ވެސް އެންމެ މޮޅު ކުއްޖާއަށް ވުމަށް ކުރާ މަސައްކަތުން ލިބިފައިވާ ހުނަރު ކުރިއެރުވުމަށް ބުރޫ އަރާކަމަށް ޑެންމާކުގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.
ދިރާސާގައި އިން އިތުރަށް ހާމަވިގޮތުގައި ޕާފެކްޝަނިޒަމް (އެންމެ ފުރިހަމަ މީހާއަށް ވުން) ސިފަ ފުރާ ވަރަށް އަޅަމުން އަންނަ ފިރިހެން ކުދިންނަށް ވުރެ އަންހެންކުދިންގެ ކިބައިން މިސިފަ ބޮޑަށް ހުންނަ ކަމަށް ހޯދިފައިވެ އެވެ. އޭގެ ސަބަބުން އެކުދިން ފުރާވަރު އުމުރު ފަހަނަ އަޅައި ދިއުމުން ވެސް އެންމެ ފުރިހަމަކޮށް ކަންކަން ނިންމުމުގެ ވިސްނުން ހުންނާތީ، އަމިއްލަ ހުނަރާއީ ގާބިލްކަން ކުރިއެރުވުމަށް ހުރަސް އެޅެ އެވެ. ނަތީޖާއަކަށް ވަނީ އެކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރުމެވެ.
މިކަން އުމުރުން އެންމެ ފަސްއަހަރުންފެށިގެން ފާހަގަވާން ފަށާނެ އެވެ.
ޕާފެކްޝަނިޒަމް އަކީ ވަރަށް ގެއްލުން ހުރިކަމެކެވެ. ކަމެއްގައި މޮޅުވެ ކުރިއަރައިދިއުމަށް މަސައްކަތް ކުރުމަކީ ދިމާވާ ޖޮންޖެހުންތަކުން އަރައި ގަތުމަށް މުހިންމު ކަމެކެވެ. ނަމަވެސް ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ނިންމުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވަންޏާ އަމިއްލަ ކެޕޭސިޓީ ތަންނުދޭ ކަންކަމުގެ ފަހަތުން ދުވެ، އެކަމެއް ހާސިލް ނުވާނަމަ އަބަދު މާޔޫސްވެފައި ހުރުމަކީ ވާނެ ކަންކަމެވެ. އެފަދަ މާޔޫސް ވުމާއެކު އަމިއްލަ ހަށިގަނޑަށް ފަރުވާކުޑަ ކުރެވޭތަން އަންނާނެ އެވެ. އޭގެ ތެރޭގައި ކާހިތް ނުވުން، އަބަދު ދެރަވެފައި ހުރުމާއި ހިތާމަކުރުން ހިމެނެ އެވެ.
އެންމެ ފުރިހަމައަށް ކަންކަން ކުރަން ބޭނުންވާ ކުދިންގެ ފަރާތުން ފެންނަ އަލާމަތްތައް:
- އަމިއްލަ މީހާއަށް ފާޑުކިއުން
- ތިމާއަކީ ވަރަށް ބޭކާރު އަދި ދަށް ފަންތީގެ ކުއްޖެއް ކަމަށް ދެކުން
- ކަމެއް ހާސިލްނުވާހާ ހިނދަކު ތިމާއަކީ ފެއިލްވެފައިވާ ކުއްޖެއް ކަމަށް ދެކުން
- ތިމާ އާއި އެހެން މީހުންނާ އަޅާކިއުން
- މަސައްކަތް ލަސްކުރުން އަދި އެކަމެއް ރަނގަޅުކުރުމަށް ގިނަގިނަން ޗެކް ކުރުން
ކަމެއްގައި މޮޅުވުމަށް މަސައްކަތް ކުރާ ކުއްޖަކު ނަމަ، އެކަމެއް ހާސިލްކުރުމަށްޓަކައި ގިނަ އޮޅިތަށް ގިރާ ކުރާނެ އެވެ. ނަމަވެސް އެންމެ ފުރިހަމަކޮށް ކަމެއްކުރުމަށް މަސައްކަތް ކުރާ ކުއްޖާގެ މަސައްކަތް އެންމެ ފަހުވަގުތާ ހަމަޔަށް ލަސްކުރެ އެވެ. މިކަމަކީ ކަމާބެހޭ މާހިރުން ވިދާލުވާ ގޮތުގައި ކުއްޖާގެ ކުރިއެރުމަށާއި ކާމިޔާބަށް ހުރަސް އެޅޭނެ ކަމެކެވެ. ހާސްކަމާއި ވަރުބަލިވުން އިތުރު ވާނެކަމެކެވެ.
ސައިކޮލޮޖިސްޓުން ބުނާގޮތުގައި، ޕާފެކްޓް ވާން އަންހެންކުދިން ކުރާ މަސައްކަތުގެ ސަބަބުން އެ މަސައްކަތަށް ހަގީގަތުގައި ދޭންޖެހޭ ސަމާލުކަމެއް ނުދެވޭނެ އެވެ. ކުށެއް ކުރެވިދާނެތީ އާވިސްނުމަށް ޖާގަދޭން ބޭނުމެއް ނުވާނެ އެވެ. ކުރާ މަސައްކަތުގެ ފަން (މަޖާ) އިން މަހުރޫމުވެ އެވެ. އަދި އުނދަގޫ ކަންކަމުން ބޯދަމައި ގަންނާނެ އެވެ.