ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ނާނާ ޕާޓޭކަރު މަރުވުމާ ގުޅިގެން ގޯއާގެ ފުލުހުން ވަނީ "އަންނެޗުރަލް ޑެތު" ނުވަތަ ގުދުރަތީ ގޮތަކުން ނޫން ގޮތަކަށް މަރުވުމުގެ މައްސަލައެއް ރަޖިސްޓްރީކޮށް ތަހުގީގު ފަށައިފި އެވެ. އުމުރުން 75 އަހަރުގެ އެކްޓަރު މަރުވެފައިވަނީ ގޯއާގައި ހުންނަ އޭނާގެ ގޭގައި ހާޓް އެޓޭކެއް ޖެހިގެންނެވެ.
ޕޮލިސް ރިކޯޑުތަކުން ދައްކާ ގޮތުގައި، ނޭޝަނަލް އެވޯޑު ހޯދާފައިވާ އެކްޓަރު ބަމްބޮލިމްގައި ހުންނަ މަނީޕާލް ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އޮތީ މަރުވެފަ އެވެ.
ހޮސްޕިޓަލުން މެޑިކޯ-ލީގަލް ކޭސް (އެމްއެލްސީ) ރިޕޯޓެއް ފޮނުވުމާ ގުޅިގެން ޕޮލިސް އިންސްޕެކްޓަރު ނިތިން ނައިކްގެ އިސްނެގުމުގެ ދަށުން ދަނީ އިތުރު ތަހުގީގުތައް ހިންގަމުންނެވެ.
މިއީ އެއްވެސް ގޯސް ކަމެއް ނުވަތަ ޝައްކުކުރެވޭ ކަމެއް ހިނގާފައިވޭތޯ ކަށަވަރުކުރުމަށްޓަކައި، ގޭގައި އެކަނި އޮއްވާ މަރުވެ، ހޮސްޕިޓަލަށް ގެންދާއިރު މަރުވެފައިވާ މީހުންގެ މައްސަލަތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން ކުރެވުނު ކަމެކެވެ.
ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމަންޓުގެ ވެރިޔާ ދެއްވި މައުލޫމާތުގައި ބުނެފައިވަނީ، އޭނާ ހޮސްޕިޓަލަށް ގެންދެވުނީ ފަތިހު 4:30 ހާއިރު ކަމަށާއި، ފަރުވާ ދިނުމަށް ކުރެވުނު މަސައްކަތްތަކާއެކުވެސް ހޮސްޕިޓަލަށް ގެންދެވުނުއިރު މަރުވެފައިވާތީ ގާނޫނީ ގޮތުން ފުލުހުންނަށް އަންގަން ޖެހުނީ ކަމަށެވެ.
ނާނާ ޕާޓޭކަރުގެ ޖަނާޒާގެ ކަންކަން ކުރިއަށްދިޔައީ ޕޫނޭގެ ދޮންޖޭ އަވަށުގައި ހުންނަ އޭނާގެ ފާމް ހައުސްގަ އެވެ. ދައުލަތުގެ އިއްޒަތުގައި ބޭއްވުނު މި ޖަނާޒާގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ސިޔާސީ ފަރާތްތަކުން ބައިވެރިވި އެވެ.
ނާނާގެ ދަރިފުޅު މަލްހާރު ޕާޓޭކަރު މީޑިއާއަށް މަޢުލޫމާތު ދެމުން ބުނީ، އޭނާގެ ބައްޕަ ދޫކޮށްދިޔަ ތަރިކައާއި ވިސްނުން ކުރިއަށް ގެންދިއުމަކީ އާއިލާގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
އެއާއެކު ގޯއާއިން ހަށިގަނޑު ގެނައުމުގައި ވަގުތު ނެގުމުގެ ސަބަބުން ޖަނާޒާގެ ކަންކަން ރޭގަނޑު ލަސްވި ނަމަވެސް، ލަސްނުކޮށް ކުރިއަށް ގެންދިޔައީ ހާދިސާ ހިނގިތާ ގިނަ އިރުތަކެއްވެފައިވާތީ ކަމަށްވެސް އޭނާ ބުންޏެވެ.
"އަލްޓްރާ ޕްރޮސެސްޑް" ކެއުންތަކަށް ދެވި ހިފަނީ ކީއްވެ؟
އާއްމު "ޕްރިޒަވޭޓިވްސް"އާއި ހިތުގެ ބަލިތަކާ ހުރި ގުޅުން!