ދިވެހި ބައްޕައަކަށް އުފަން މި ޒުވާނާ ދިރިއުޅެނީ ރާއްޖެއިން ބޭރުގައި. އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން އޭނާ ރާއްޖެއަށް ޒިޔާރަތްކޮށް ހަދާއިރު މޫދަށް އެރި އުޅޭއިރު ކަނޑުތަކާއި ފަރުތަކަށް ކުނި އަޅާފައި ހުންނާތީ އޭނާ ވަރަށް ދެރަވޭ. ކަނޑުތައް ހިމާޔަތް ކުރަން ކޮންމެވެސް ކަމެއް ކުރަން އޭނާ ނިންމީ އެހިސާބުން. އޭނާ ދެކޭ ގޮތުގައި މުޅި ކަނޑު އޭނާއަށް ސާފު ނުކުރެވުނު ނަމަވެސް ކަނޑުތައް ސާފުކޮށް ބެހެއްޓުމަށް އޭނާއަށް މުހިންމު ރޯލެއް ކުޅެވިދާނެ. އެކަމަށްޓަކައި އޭނާ ނިންމީ "ސީކިން ކަނޑު"ގެ ނަމުގައި ހަރަކާތްތަކެއް ހިންގަން. އޭގެ ސަބަބުން މީހުން ކުރިއަށް ވުރެ ބޮޑަށް ހޭލުންތެރި ވާނެ ކަމަށް އޭނާ ގަބޫލުކުރޭ.

ދިވެހިންގެ ހިތްހަމަޖެހުމާއި ގުޅިފައިވާ އެއްތަނަކީ ދިވެހި ކަނޑުތަކާއި ފަރުތަކެވެ. އެތަނަކީ ދިވެހިންގެ ކާނާއާއި، އާމްދަނީގެ މައިގަނޑު މަސްދަރެވެ. އެ ކަނޑުގެ ނޫކުލައިގެ ފުންމިނާއި، އުދަރެހާއި ހަމައަށް ފެންނަން އޮންނަ ތަނަވަސްކަމުން މިނިވަންކަން އިހުސާސް ކޮށްދެ އެވެ. ދިވެހި ކަނޑުތަކުގެ ބިޔަ ރާޅުތަކާއި އޭގެ އަޑުން ދިވެހި ލޭހިނގާ ކޮންމެ މީހަކަށް ފުން އަސަރުތަކެއް ގެނުވަދޭކަން ސްވިޓްޒަލޭންޑްގައި ދިރިއުޅޭ ދިވެހި ބައްޕައަކަށް އުފަން މިޒުވާނާ އެދަނީ ހާމަކޮށްދެމުންނެވެ.

ޏ. ފުވައްމުލަކަށް އުފަން އެރަށު މުޝަތަރީގޭ، އަހުމަދު ބަދީއުއަށާއި ސްވިޓްޒަލޭންޑްގެ ރައްޔިތެއް ކަމަށްވާ މަރީސާ ނޮގުއެރާ އަށް ލިބިފައިވާ ލުޔޫނާ ބަދީއު ނޮގުއެރާ (ލުޔޫނާ)ގެ އެންމެ ޅަފަތުގައި ދިރިއުޅުނީ ފުވައްމުލަކުގައި ކަން މިއަދު ވެސް އޭނާ ވަރަށް ފަޚުރުވެރި ކަމާއެކު ބުނެ އެވެ.

ލުޔޫނާ މިއަހަރު ރާއްޖޭގެ މިނިވަން ދުވަހު ސަގާފީ ހެދުމެއް ލައިގެން ފޮޓޯއަކަށް ހުއްޓިލައިގެން: ފުއައްމުލަކަށް ނިސްބަތް ވީތީ އޭނާ އުފާވޭ

"އަޅުގަނޑު ވަރަށް އުފާވޭ ފުވައްމުލަކަށް ނިސްބަތްވާތީ އެއީ އަޅުގަނޑަށް ވަރަށް ޚާއްސަ ރަށެއް. ފުވައްމުލަކު ވަށައިގެންވާ ކަނޑާ މޫދާ، އެބިޔަ ރާޅުތަކާ ދޭތެރޭ ބުނެވޭނީ ހަމަ 'އޯސަމްއޭ'. ދެން އަޅުގަނޑު އަބަދުވެސް އޯޝަން (ކަނޑު)އަށް ހާއްސަ ޝައުގުވެރި ކަމެއް ހުރޭ. އަޅުގަނޑުގެ އުމުރުގެ ފުރަތަމަ ދުވަސްތައް ހޭދަކުރީ ރާއްޖޭގައި. ސާފު ފަރުދާ އެއްފަދަ ނޫކުލައިގެ ފެނާއި، ހުދު ދޮންވެލީގެ ގޮނޑުދޮށްތަކުގައި. ކަނޑަކީ ސްވިޓްޒަލޭންޑްގައި ދިރިއުޅޭތީ އަޅުގަނޑު އެންމެ މިސްވާ އެއްތަން،" ލުޔޫނާ ބުންޏެވެ.

އޭނާ ކިޔެވި ދާއިރާއަކީ ކޮމިއުނިކޭޝަން އެންޑް އިނފޮމޭޝަން އަދި ހެލްތް އެވެ. އެއަށް ފަހު އޭނާ ވަނީ ސްވިޓްޒަލޭންޑްގައި އެކި ވަޒީފާތައް ވެސް އަދާކޮށްފަ އެވެ. މި ވަގުތު އޭނާ މަސައްކަތް ކުރަނީ އެ ގައުމުގައި ނުކުޅެދޭ މީހުން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ނެރުމަށް އެހީތެރިވެ ދޭ ޖަމިއްޔާއެއްގަ އެވެ.

ލުޔޫނާގެ ބައްޕާ އާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ފުއައްމުލަކަށް ނިސްބަތް ވީތީ އޭނާ ފަޚުރުވެރިވޭ.

ސްވިޓްޒަލޭންޑްގައި ދިރިއުޅުނު ނަމަވެސް ދޭތެރެ ދޭތެރެއިން އޭނާ ރާއްޖެއަށް ޒިޔާރަތްކުރެ އެވެ. އަދި ފުވައްމުލަކުގައި ދިރިއުޅޭ އޭނާގެ އާއިލާއާއި ބައްދަލުކޮށް ވެސް ހަދަ އެވެ. އެގޮތަށް އައިސް އުޅޭއިރު މޫދަށް އެރިއުޅުމަކީ އޭނާއަށް އެންމެ ހިތްހަމަ ޖެހުން ލިބޭ އެއްކަމެވެ.

"އަޅުގަނޑަށް ހީވާގޮތުގައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާ ބެހޭގޮތުން ދިވެހިން އެހާ ހޭލުންތެރިއެއް ނޫން، އަޅުގަނޑު ވެސް ހިމަނައިގެން މިހެން މިބުނީ. މޫދަށް އެރިއުޅޭއިރު މޫދު ހަޑިކޮށް އޮންނާތީ ވަރަށް ދެރަވޭ،" ރާއްޖޭގައި އޯޕަން ވޯޓާ ޑައިވިން ކޯސް ފުރިހަމަ ކޮށްފައިވާ ލުޔޫނާގެ ކަންބޮޑުވުމެއް ހިއްސާކޮށްލި އެވެ.

ލުޔޫނާ ޑައިވިންއަށް ގޮސް ނަގާފައިވާ ފޮޓޯއެއް: ކަނޑާށާއި މޫދަށް ކުނި އަޅާފައި ހުންނަތަން ފެނުމުން އޭނާ ދެރަވޭ. ފޮޓޯ:ސިނާ ރިއްޓާ

ލުޔޫނާ ދެކޭ ގޮތުގައި އޭނާއަށް ރާއްޖޭގެ ކަނޑުތައް ސާފުކޮށް ބޭއްވުމަށް މާބޮޑުކަމެއް ނުކުރެވުނަސް މީހުންގެ ތެރޭގައި ހޭލުންތެރިކަން އުފެއްދިދާނެ އެވެ. އޭގެ ސަބަބުން މޫދަށާއި ކަނޑަށް ކުނިއެޅުން މަދުކުރެވިދާނެ އެވެ. އަދި ކަނޑުގެ ދިރުންތަކަށް ސާފު މާހައުލެއް ހޯދައިދެވިދާނެ އެވެ. އެކަމަށްޓަކައި އޭނާ ނިންމީ "ސީކިން ކަނޑު"ގެ ނަމުގައި ވަރަށް މުހިންމު ޕްރޮޖެކްޓެއް ފަށާށެވެ. މެރިން އިކޯސިސްޓަމް (ކަނޑުތަކުގެ ދިރުން) ހިމާޔަތް ކުރުމުގެ މުހިންމު ކަމާ ދޭތެރޭ މީހުން އިތުރަށް ހޭލުންތެރި ކުރުވުމަށެވެ.

"އަޅުގަނޑު ކިޔެވި ރޮނގެއް ނޫން މީކީ. ނަމަވެސް މިކަމުގަ އުޅެމުން ދަސްކުރަމުން މިގެންދަނީ. އަޅުގަނޑު އަތުގައި މިކަމާބެހޭ ދިވެހި ފޮތް ވެސް ހުންނާނެ،" އޭނާ ބުންޏެވެ.

ސީކިން ކަނޑު: ލުޔޫނާގެ ބޮޑު ޕްރޮޖެކްޓް

ސީކިން ކަނޑުގެ ޕްރޮޖެކްޓްގެ ފުރަތަމަ ކަމަކަށް އޭނާ ކުރަން ވިސްނީ ކަނޑުގެ ދިރުންތައް ދައްކުވައިދޭ ކާޑުތަކެއް އުފެއްދުމަށެވެ. އެ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް ކަން އޭނާ ފާހަގަކުރި އެވެ. އެއީ ކޮންމެ ކާޑަކީ ވަކިވަކިން އަމިއްލައަށް ޑިޒައިން ކޮށްގެން ހަދާ އެއްޗަކަށް ވާތީ އެވެ. އެކަމަށް ވަގުތު ހޯދުމަކީ އެ މަސައްކަތުގައި ހުރި އެންމެ ބޮޑު ގޮންޖެހުން ކަމުގައި އޭނާ ބުންޏެވެ.

"ސީކިން ކަނޑު ޕްރޮޖެކްޓްއަށް ތައްޔާރުވުމަށް ހަދާ ކާޑުތައް ހެދުމަކީ މިމަސައްކަތުގައި ހުރި އެންމެ ބޮޑު ޗެލެންޖް. ގިނަ ފަހަރަށް މަސައްކަތް ކުރަނީ އޮފީހަށް ދިއުމަށް ރޭލްގައި ދަތުރުކުރާއިރު ރޭލުގަ އިނދެ. ނޫނީ މަސައްކަތުން ލިބޭ ބްރޭކް ގަޑީގަ. ނުވަތަ ނިދުމުގެ ކުރިން. އޮފް ދުވަސްތަކުގައި ވެސް މަސައްކަތް ކުރަން. ދެން ވަގުތު ލިބޭތޯ އެކި ގޮތް ގޮތުން ވަރަށް މަސައްކަތް ކުރަން،" ލުޔޫ ބުންޏެވެ.

ލުޔޫނާ ޑައިވްއަކަށް ދަމުން ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާގެ ޕްރޮޖެކްޓް ފެށުމުގައި ހުރި ގޮންޖެހުންތައް ގިނަ ނަމަވެސް ދުލެއް ނުދޭނެ.

އޭނާ ކާޑު ތައްޔާރު ކުރަނީ ކަނޑުގެ ދިރުންތަކުގެ ދިވެހި ނަން ހިމަނައިގެންނެވެ. އެއީ އޭނާ ގަބޫލު ކުރާ ގޮތުގައި ދިވެހިން ވެސް އަދި ޓޫރިސްޓުން ވެސް އޭގައިވާ ޖަނަވާރަށް ކިޔާނަން އިނގެން ބޭނުންވާނެތީ އެވެ.

ކަނޑު ގާޑިއަންސް ގޭމް: ދިރުން ދަސްކުރުމަށް "ފަން" ގޮތެއް

މީހުންގެ ސަމާލުކަން އެ މައްސަލައަށް އަނބުރާލައި، އެކަމުގެ ތެރެއަށް މީހުން ބޮޑަށް ވެއްދުމަށް ސީކިން ކަނޑުގެ ފަރާތުން ތައާރަފް ކުރަން ވިސްނާ ކަނޑު ގާޑިއަންސް ގޭމްސްގެ ކުރު ތައާރަފެއް ވެސް އޭނާ ދިނެވެ.

"އެ ގޭމަކީ ދެ މީހުން ނުވަތަ ހަ މީހުންނަށް ކުޅެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ގޭމެއް. ކަނޑު ދެކެ ލޯބިވާ ނުވަތަ ޝައުގުވެރިކަން ހުރި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް މަޖާ އަދި އިބުރަތްތެރި ފިލާވަޅެއް ލިބިދޭ ގޭމަކަށް އެ ގޭމް ވާނެ،" އޭނާ ބުންޏެވެ.

އޭނާގެ ގޭމް އުފައްދަން ވިސްނާފައި ވަނީ ދެ ބަޔަކަށެވެ. އެއްބަޔަކީ ވާދަވެރި ގޭމެއްގެ ގޮތުގަ އެވެ. އަނެއް ބަޔަކީ ހުރިހާ ބައިވެރިން ގުޅިގެން ކުޅޭ ގޭމެއްގެ ގޮތުގަ އެވެ. ވާދަވެރި ގޭމްގައި ކޮންމެ ބައިވެރިޔަކު ވެސް ސާފު، ރީތި އަދި އެ ތާނގައިވާ ދިރުންތަކަށް ދުޅަހެޔޮ ފަރެއް އުފައްދަން ޖެހެ އެވެ. ހުރިހާ ބައިވެރިން ގުޅިގެން ކުޅޭ ގޭމްގައި އެންމެ ވެސް ގުޅިގެން ރީތި އަދި ސާފު ފަރެއް އުފައްދަން ޖެހެ އެވެ. ގޭމްގައި މޮޅުވެވެނީ އެންމެ ދުޅަހެޔޮ ފަރެއް ބިނާކުރެވޭ ބަޔަކަށެވެ. ނުވަތަ މީހަކަށެވެ.

މި ގޭމް ރިސޯޓްތަކާއި، ޑައިވިން ސެންޓަރުތަކާއި އަދި ސްކޫލްތަކާއި، ސުވެނިއާ ފިހާރަތަކުން، މުސްތަގުބަލުގައި ފެނުމަކީ އޭނާ ދެކޭ ހުވަފެނެކެވެ. އޭގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމާ ބެހޭ ޖަމިއްޔާތަކާއި އަދި ކަނޑާއި ކަނޑުގެ ދިރުންތަކާ ބެހޭ ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުން އެނާގެ ގޭމަށް ޖާގަ ލިބިގެން ދިއުމަކީ ވެސް އޭނާ ދެކެން ބޭނުންވާ ދުވަހެކެވެ.

"ކާޑު ގޭމް ތައާރަފް ކުރަން ބޭނުންވަނީ ހިމާޔަތް ކުރަންޖެހޭ ފަރުތަކެއްވާ ކަން މީހުންނަށް އަންގައި ދިނުމަށް. އަދި ފަރަކީ އުފައްދާ ހިމާޔަތް ކުރެވޭނެ ތަނެއް ކަމާއި، ކިހިނެތްތޯ އެކަން ކުރާނީ އަންގައި ދިނުމަށް. ހަގީގަތުގައި ފަރުތަކަށް ލޯބި ޖައްސައި ޝައުގުވެރިކަން އުފެއްދުމަށް މިކަން މިކުރަނީ،" ލުޔޫނާ ބުންޏެެވެ.

ލުޔޫނާ ތައްޔާރު ކުރަމުންދާ ކާޑްތައް: ކާޑް އަދި ކާޑް ގޭމް ގެތެރެއިން ކަނޑާއި ކަނޑުގެ ދިރުންތަށް ހިމާޔަތް ކުރުމަށް މީހުން ހޭލުންތެރި ކުރުމަށް އޭނާ ވިސްނާ

ކަނޑުގެ ދިރުމާއި ފަރުތަށް ހިމާޔަތް ކުރުމަށްޓަކައި މޫދާއި ގޮނޑުދޮށް ސާފު ކުރުމާއި، ފަރެއް ހަދައި އެހެން މީހުން އެތަނަށް ގެނެސް ބަލަހައްޓަން ހަވާލު ކުރެވިދާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ. ކަނޑުގެ ދިރުން ދިރުވައި އާލާ ކުރުމަށް އަދިވެސް ކުރެވިދާނެ ކަންތައް އެބަހުރި ކަމަށާއި ނަމަވެސް މި ވަގުތު އޭނާގެ ފޯކަސްއަކީ ކާޑު ހެދުން ކަމުގައި ލުޔޫ ބުންޏެވެ.

އޭނާގެ މިޕްރޮޖެކްޓް ފަށައިގަތުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް އޭނާ ހުރީ ފަހަތަށް ޖެހޭކަށް ނޫނެވެ. ލުޔޫނާއަށް ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި ފުލްޓައިމް ވަޒީފާއެއްގައި އުޅެމުން މި މަސައްކަތަށް ވަގުތު ހޯދުމަކީ ކުރިން ފާހަގަ ކޮށްލެވުނު ފަދައިން މިކަމުގައި ހުރި އެންމެ ބޮޑު ގޮންޖެހުމެވެ.

"އަޅުގަނޑު ފަރުމާކުރާ ގޭމް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެބަ މަސައްކަތް ކުރަން. އެފަރާތަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ތަކެތިން އެ މަސައްކަތް ކޮށްދޭނެ ބަޔަކަށް ވުން މުހިންމު. އެއީ އަޅުގަނޑުގެ މުޅި ޕްރޮޖެކްޓްގެ ވިސްނުމަކަށް މިއޮންނަނީ ކަނޑުގެ ދިރުންތަކަށް ތިމާވެއްޓާ ރައްޓެހި މާހައުލެއް ގާއިމުކޮށްދިނުން ކަމަށްވާތީ،" ލުޔޫނާ ބުންނެވެ.

އޭގެ އިތުރުން ކަނޑުގެ ދިރުންތަކާ ބެހޭ ގޮތުން ތަފްސީލީ މައުލޫމާތު ހޯދުމުގައި ވެސް ދަތިތަކެއްވާކަން އޭނާ ފާހަގަ ކުރި އެވެ. އެކަމަށްޓަކައި މެރިން ބަޔޮލޮޖިސްޓެއް ހޯދުމަކީ ވެސް އުނދަގޫ ކަމެއް ކަމަށް އޭނާ ބުންޏެވެ. ރާއްޖޭގެ "މިޔަރު" ޖަމިއްޔާގެ މަސައްކަތް އޭނާ ވަރަށް ގާތުން ބަލާ ކަމަށާއި އެ ޖަމިއްޔާއާ އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށް އޭނާ ބުންޏެވެ.

ލުޔޫނާ ކަނޑުއަޑީގައި ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާ ކަނޑުހިމާޔަތް ކުރަން ފަށާ މަސައްކަތުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށް ބުނި. ފޮޓޯ: ސިނާ ރިއްޓާ

"ރާއްޖޭގެ މިޔަރު ޖަމިއްޔާއަކި "ކޮންޒަވޭޝަނުން" ( ގުދުރަތީ ވަސީލަތްތަކާއި، ތިމާވެއްޓާއި، ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުން). އެމީހުންގެ އެހީތެރިކަން މިކަމުގައި ހޯދިދާނެ،" ލުޔޫނާ ބުންޏެވެ.

އޭނާގެ މަސައްކަތުގެ ފުރަތަމަ ފޭސް ކާމިޔާބު ކުރެވުމުން ކުރިއަށް ރާވާފައި ހުރި ބައެއް ވިސްނުންތައް ވެސް އޭނާ ވަނީ ހިއްސާ ކޮށްފަ އެވެ.

"މުސްތަގުބަލުގައި ޑައިވިން ފިންސް ޑިޒައިންކޮށް ވިއްކުމަށް ވިސްނަން. އެއިން ލިބޭ ފައިސާ އިން ފްރީ ޑައިވިން ފިންސް ޑޮނޭޓް ކުރުމަކީ އަޅުގަނޑުގެ ވިސްނުމެއް. އަދި ރާއްޖޭގެ ސްކޫލްތަކުގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެސް ވިސްނަން. އެއީ ރާއްޖެއާއި ސްވިޓްޒަލޭންޑްގެ ބައެއް ފަރާތްތަކުން މިހާރު ވެސް އަޅުގަނޑު ކައިރީ އެކަމަށް އެދިފައިވާތީ،" ލުޔޫނާގެ ކުރިއަށް ހުރި ވިސްނުން ހިއްސާ ކުރަމުން ބުންޏެވެ.

ލުޔޫގެ އުންމީދަކީ މި މަސައްކަތުގައި އޭނާއަށް ކުރެވޭނެ އެންމެ ބޮޑަށް މި މަސައްކަތް ކުރުމެވެ. އެކަމަށްޓަކައި އިތުރު ޑައިވިން ކޯސްތައް ފުރިހަމަ ކުރުމަށް އޭނާ ވަނީ ނިންމާފަ އެވެ. މިވަގުތު ވެސް އޭނާ އެދަނީ ސެއިލިން (ދޯނި ދުއްވުމުގެ) އަމަލީ ކޯހެއް ފުރިހަމަ ކުރަމުންނެވެ. އޭނާގެ އުންމީދަކީ ރާއްޖޭގެ ކަނޑުތަކުގައި ކޮންމެ ވެސް ދުވަހަކުން އޭނާ އަމިއްލައަށް ދޯނި ދުއްވާލުމެވެ.