ލޮނު ލުނބޯއަކީ ޒަމާނުއްސުރެ ދިވެހީންގެ ސުފުރާތަކުން ޖާގަ ދެވިފައިވާ، ކެއުންތައް މީރުކުރަން ބޭނުންކުރި، އަދި މިހާރު ވެސް ބޭނުން ކުރެވެމުން އަންނަ ސަޓަނީގެ ތެރޭގައި ނުހިމެނޭ ކެއުމަށް އިތުރު ފުރިހަމަކަން ގެނެސްދޭ އަސާރައިގެ ބާވަތެކެވެ. ރަހަމީރު އަދި ތައްޔާރުކޮށްލަން ވެސް ފަސޭހަ އެއްޗެކެވެ.

ގިނަ ދުވަހު ހަލާކުނުވާ ގޮތަށް ލޮނު ލުނބޯ، ތައްޔާރުކުރުމަށްޓަކައި ލުނބޯ ދެ ފަޅިއަކަށް ފަޅާލާފައި އެއަށް ލޮނު އަޅައި މަތިޖެހި ފުޅިއެއް ފަދަ އެއްޗެއްގެ ތެރޭގައި ފިތިބާރުވާ ފަދަ ގޮތަކަށް އަތުރައި އަވީލަ އެވެ. ލޮނު ލުނބޯ ހެދުމަށް ބޮޑެތި ލުބޯގެ ބަދަލުގައި ކުދި ލުނބޯ ބޭނުންކުރުމުން އެއްފުޅިއެއްގައި ގިނަ ލޮނު ލުނބޯ ހަދާލެވޭނެ އެވެ. ލުނބޯތަކުގެ ތެރެއަށް ރަހަމީރުކުރަން ބައެއް ފަހަރު ކަޅުދިރި ވެސް އަޅަ އެވެ. ލޮނުގެ ތެރެއަށް ރީނދޫ ވެސް ލަ އެވެ.

ލުނބޯތަކަށް ލޮނުލާފައި ގިނަދުވަހު ބެހެއްޓުމުން ފާމެންޓް ވެ އެވެ .ފާމެންޓް ވުމުން އޭގައި ޕްރޯބަޔޯޓިކް ނުވަތަ ރަނގަޅު ބެކްޓީރިއާ އުފެދެ އެވެ. މި ބެކްޓީރިއާ އަކީ ބަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. ލޮނު ލުނބޯ އިން ލިބޭ ދެވަނަ ފައިދާއަކީ ގިނަ އަދަދަކަށް ވިޓަމިން ސީ ލިބުމެވެ.

ވިޓަމިން ސީގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަވެ އެވެ. ލުނބޯގައި ގިނަ އަދަކަށް އެންޓިއޮކްސިޑެންޓްސް ވެސް ހިމެނެ އެވެ. އޭގެ ސަބަބުން ކެންސަރުން ސަލާމަތް ކޮށްދެ އެވެ. ލޮނު ލުނބޯގެ ތޮށްޓަކީ ފާމެންޓްކުރުމުގެ ތެރޭގައި މަޑުވެ ހިތިރަހަ ގެއްލި ކެވޭ ގޮތަށް ބަދަލުވެފައިވާ އެއްޗެކެވެ. ލުނބޯތޮށި ކެއުމުން ގިނަ އަދަދަކަށް ފައިބާ ލިބެ އެވެ. ފައިބާއަކީ ހަޖަމް ކުރުމަށް މުހިން އެއްޗެކެވެ.

ލޮނު ލުނބޯ މީރުވެފައި، އޭގައި ފައިދާތަކެއް އެކުލެވިފައި ވީނަމަވެސް، ބޮޑެތި ބަލިތަކަށް ބޭސްކުރާ ފަރާތްތަކުން ލޮނު ލުނބޯ ބޭނުން ކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާހޯދުން ވަރަށް މުހިންމެވެ.