ކުޅިވަރުގެ ކޯޗުންނަކީ ކުޅުންތެރިންގެ ފޮރުވިފައިވާ ހުނަރު ދެނެގަނެ، އެ ހުނަރުގެ ފުރިހަމަ ބޭނުން ކުރުމަށް ބުނެދީ، އެކަން ކުރިއަރުވައި، މޮޅު ކުޅުންތެރިއަކަށް ހެދުމުގެ އެންމެ ބޮޑު މޭސްތިރިޔާ އެވެ. ވާދަވެރި ކުޅިވަރެއްގައި ނަމަ އިދިކޮޅު ޓީމުގެ އުކުޅުތައް ދެނެގަނެ، އަމިއްލަ ޓީމްގެ ގޭމްޕްލޭން ރާވައި، މޮޅުވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއްގެ ޒިންމާ ނަގާ ފަރާތެވެ. އަލަށް ޓީމާ ގުޅޭ ޕްލޭޔަރުން އޭނާ ބޭނުންވާ ފެންވަރަށް ތަރައްގީ ކުރުމަށް ގިނަ ތަމްރީނު ތަކެއް ދިނުމަށް ގަދައަޅާ މަސައްކަތް ކުރާ ފަރާތެވެ. މުޅި ޓީމު އަދި ސަޕޯޓަރުން އެންމެ އިތުބާރު ކުރާ މީހާ އެވެ.
ހ. ޅައިމަގު މުހަންމަދު ޝަރަފް އަކީ ރާއްޖޭގައި އުފެދުނު ވޮލީ ކޯޗުންގެ ތެރޭގައި ހިމެނޭ މޮޅު އަދި އެހައިމެ ކާމިޔާބު ވޮލީ ކޯޗެކެވެ. އޭނާގެ އާއިލާއަކީ ކުޅިވަރުގެ އާއިލާއެއް ނޫން ކަމަށާއި އޭނާއަށް އެކަމުގެ ތެރެއަށް ވަނުމަށް ޝައުގުވެރިވީ ކީއްވެގެން ކަމެއް ޚުދު އޭނާއަށް ވެސް ބުނަން ނޭނގެ އެވެ.
ސްކޫލް ދައުރު ނިމުނުއިރު އޭނާ އިންޓަ ސްކޫލް ލެވެލްގެ ގިނަ ކުޅިވަރުތަކެއްގައި ބައިވެރިވެފައިވެ އެވެ. މައިގަނޑު ގޮތެއްގައި ކުޅުނީ ފުޓްބޯޅަ، ބާސްކެޓް އަދި ވޮލީ އެވެ. އޭގެ ތެރެއިން އޭނާ ކުޅޭހިތްވީ ވޮލީ އެވެ. ނަމަވެސް ޝަރަފު ބުނާގޮތުގައި އޭނާއަކީ ކުޅެން އެހާ މޮޅު މީހެއް ނޫނެވެ. މީހުން އޭނާ ފާހަގަ ކުރަނީ މޮޅު ލީޑަރެއްގެ ގޮތުގަ އެވެ.
"ކުޅެން ރަނގަޅު ނޫނަސް އަޅުގަނޑުގެ ލީޑާޝިޕް ރަނގަޅު ވީމަ އެކަން އެހެން މީހުން ވަރަށް ފާހަގަކުރޭ. ގްރޭޑް 11 އަދި 12 ގަ އުޅުނު އިރު ސްކޫލް ވޮލީ ޓީމްގެ ކެޕްޓަން ކަން ވެސް ލިބުނު،" ޝަރަފް ބުންޏެވެ.
ކޯޗިން ތެރެއަށް ނިކުމެވުނު ގޮތް
ޝަރަފް ސްކޫލް ނިންމާފައި ވޮލީ ކުޅުމުގެ ތެރެއަށް ނިކުތެވެ. އޭރު އަމިއްލައަށް އިސްނަގައިގެން މާލޭގެ ސްކޫލް ލެވެލްގެ ޓީމްތަކަށް ކޯޗްކޮށްދިނެވެ. އެ ދުވަސްވަރު ވޮލީ ކުޅުމުގެ ތެރެއިން އޭނާއަށް ވިސްނެން ފެށީ މޮޅު ވޮލީ ކުޅުންތެރިއަކަށް ނުވެވޭނެ ކަމެވެ. ނަމަވެސް ވޮލީއާ ދުރުވުމުގެ ވިސްނުމެއް ނެތެވެ. ކޮންމެ ވެސް ގޮތަކަށް ވޮލީއަށް ޚިދުމަތް ކުރަން ބޭނުންވި އެވެ. އެފަދަ ފުރުސަތަކަށް ބަލަން ހުއްޓައި، ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ވޮލީކޯޗިން ކޯހެއް ހިންގަން އުޅޭކަން އިނގުމުން އެކޯހުގައި ބައިވެރިވި އެވެ. ކޯސް ނިމުނުއިރު، ލިބުނު ނަތީޖާ ރަނގަޅުވުން ވެގެން ދިޔައީ ކޯޗިންގެ ތެރެއަށް އޭނާއަށް ރަނގަޅަށް ވަދެވުމެވެ.
"ފެޑެރޭޝަން އިންޓަނޭޝަން ޑީ ވޯލިބޯލް (އެފްއައިވީބީ)ގެ ފުރަތަމަ ލެވެލް ރާއްޖޭގައި ނިންމާފައި ލެވެލް ދޭއް އަޅުގަނޑު ހެދީ އިންޑިއާގައި. ޖެހިގެން އައި އަހަރު އިންޑިއާގަ އެފްއައިބީ ލެވެލް ދޭއް ފުރިހަމަ ކުރުމަށް ފަހު ބަހުރެއިން ގައި ތިންވަނަ ލެވެލް ހެދީ. އެއީ އެންމެ މަތީ ލެވެލް ވޮލީ ކޯޗިންގެ،" ޝަރަފް ކިޔައިދިނެވެ.
ރަސްމީކޮށް ކޯޗިން ފެށުން
ޝަރަފަކީ އަބަދުވެސް އޭނާ ކުރާ ކަންކަމުގައި އަމިއްލަ ގޮތްތަކެއް ގެންގުޅޭ މީހެކެވެ. އެކި ވަސީލަތް ބޭނުންކޮށްގެން މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނެ ގޮތް ބަލައި ހޯދަ އެވެ. ރިސާޗް ހަދަ އެވެ. ގެންގުޅެނީ އަމިއްލަ "ފިލޯސަފީ" އެކެވެ. ބޭނުން ކުރަނީ އަމިއްލަ "ތިއަރީ" އެވެ. އޭގެ ސަބަބުން އޭނާގެ ކުރިމަގު ކޮށުނީ ހީވެސް ނުކުރާހާ ރަނގަޅަށެވެ.
ދުނިޔޭގެ ފެންވަރުގެ ކޯޗިން ސެޓްފިކެޓާއެކު ރަސްމީކޮށް ފުރަތަމަ ކޯޗް ކޮށްދިނީ 1997ގެ ކްލަބް މުބާރާތަކަށް ގަލޮޅުން ނެރުނު "ވިޗެންޒާ" ކިޔާ ކްލަބަކަށެވެ. އެފަހަރު މުޅި ޓޯނަމަންޓްގެ އެންމެ މޮޅު ކޯޗުކަން ޝަރަފްއަށް ލިބުނެވެ.
ޝަރަފް ބުނި ގޮތުގައި ވޮލީ ކުޅުމުގެ މާގިނަ ތަޖުރާބެއް ނެތި އެފަދަ ޝަރަފުވެރި އެވޯޑެއް ލިބުމުން އޭނާ މޮޅު ކޯޗަކަށް ވުމަށް ދެކެމުން އައި ހުވަފެން ތަކުގައި ކުލަޖެހުނެވެ.
ޝަރަފްގެ ކާމިޔާބީ ފެނި އޭނާއަށް ވަރަށް ގިނަ ޓީމުތަކުގެ ލޯ އަމާޒުވި އެވެ. އަދި އެ ދުވަސްވަރު އެންމެ ފޯރިގަދަކޮށް ބޭއްވި އޮފީސްތަކުގެ ވޮލީ މުބާރާތުގައި ނެޝަނަލް ސެކިއުރިޓީ ސާވިސް (ސިފައިން)ގެ ޓީމްގެ ކޯޗްގެ ގޮތުގައި ހަމަޖެހިގެން ދިޔުން ވެސް ވީ ހަމަ އޭނާއަށް ހުރި ހެޔޮފާލެއްގެ ގޮތުގަ އެވެ.
އޭނާގެ ކޯޗިންގެ ދަށުން ސިފައިންގެ ޓީމަށް ޖެހިޖެހިގެން ފަސް އަހަރު ފައިނަލްގައި ކުޅެ، ތަށި ކާމިޔާބު ކުރެވުނެވެ. އޭރު ކްލަބް ވިޗެންޒާގެ ކޯޗަކީ ވެސް ހަމަ އޭނާ އެވެ. ވިޗެންޒާ ވެސް ދެވަނަ ޑިވިޝަންގައި ކުޅެ ވިދިވިދިގެން ހަތަރު އަހަރު ތަށި ހޯދުމަށް ފަހު އެއްވަނަ ޑިވިޝަނުން ޖާގަ ކަށަވަރު ކުރި އެވެ. އަދި އެއްވަނަ ޑިވިޝަންގައި ކުޅެ އެއް އަހަރު ތަށި ކާމިޔާބު ކުރި އެވެ.
ގައުމީ ޓީމްގެ "ހެޑް" ކޯޗަކަށް ހުރެ ތާރީޚީ ކާމިޔާބީއެއް ހޯދައިދިން
ދެހާހުގެ ކުރީކޮޅު ގައުމީ ޓީމު ސާފް ގޭމްސްއަށް ތައްޔާރު ކޮށްދިނުމުގައި ރާއްޖޭން ބޭރު ކޯޗެއްގެ އެސިސްޓެންޓެއްގެ ގޮތުގައި ޝަރަފް މަސައްކަތް ކުރި އެވެ.
"މޮޅުވުމަކީ އޭރު އަހަރުމެންނަށް ހަމަ އެއްގޮތަކަށް ނުވާނެ ކަމެކޭ ބުންޏަސް ހަމަ ރަނގަޅުވާނެ،" ޝަރަފް ބުންޏެވެ.
އެކަން ސިކުނޑީގައި ބައިންދައިގެން 2009 އިން 2014 އާ ހަމައަށް ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ހުރެ މުޅި ޓީމުގެ ކުޅުމުގެ ފެންވަރު ރަނގަޅު ކުރި އެވެ. އޭގެ ހެއްކަކީ 2011 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯޖީ)ގައި ރާއްޖެ ޓީމު ސެމީ ފައިނަލުން ޖާގައެއް ކަށަވަރު ކުރުމެވެ. އަދި 2013 ގައި ސެންޓްރަލް ޒޯން ލެވެލް މުބާރާތެއްގައި ފައިނަލް އާ ހަމައަށް ދަތުރުކުރެވި، ދިވެހި ވޮލީގެ ތާރީޚްގައި ވެސް ފުރަތަމަ މެޑެލްއެއް ލިބުމެވެ.
ޝަރަފް ޓީމާ ހަވާލުވީއިރު ކުޅުންތެރިންގެ އެންމެ ބޮޑު ބޭނުމަކަށް އޭރުވެފައި އޮންނަނީ ޓީމުގަ ކުޅުތެރިއެއްގެ ގޮތުގައި ހިމެނުން ކަމަށާއި ސަބަބަކީ އޭރު އެއްވެސް ބޭރު ޓީމެއްގެ އަތުން ކުރިހޯދުމަކީ އޭރުގެ ރޫހެއް ނޫނެވެ.
ކޯޗިން ކެރިއާގައި އެންމެ އުފާވި ދުވަސް
ޝަރަފް ބުނިގޮތުގައި އޭނާގެ 25 އަހަރުވީ ކޯޗިން ކެރިއާގައި ކޯޗުކޮށް ނުދޭ ދިވެހި ވޮލީ ކުޅުންތެރިއަކު މަދުވާނެ އެވެ. އެ ދިގު މާޒީގައި އޭނާ އެންމެ އުފާވި ދުވަހަކީ، ހަވީރު އެވޯޑްގައި ދިވެހި ރާއްޖޭގެ އެންމެ މޮޅު ވޮލީކުޅުންތެރިއާ ކަމަށް އޭނަ ޓްރެއިންކުރި ތިން ކުޅުންތެރިން ވާދަކުރި ދުވަސްކަން އޭނަ އުފަލާއެކު ފާހަގަކުރި އެވެ.
"އެ ތިން ކުޅުންތެރިންނަކީ އައްކަޅޭ (އަޝްފާގް އާދަމް)، ބަޓިސް (އިޝާން މުހައްމަދު)، އަދި ލޯންގޭ (އަހުމަދު އަބްދުލް ކަރީމް). އެއީ އަޅުގަނޑު ގެންގުޅު ޖޫނިއާ ޓީމެއްގެ ތިން ކުޅުންތެރިން،" ޝަރަފް ވަރަށް އުފަލާއެކު ފާހަގަކުރި އެވެ.
ދެހާސް ސާދައިގައި ގައުމީ ޓީމުން ރިޓަޔާ ކުރި ނަމަވެސް، ޝަރަފް ވޮލީ ކުރިއަރުވަން ކުރަމުން ގެންދާ މަސައްކަތަށް ކުޑަ ވެސް ހީނަރު ކަމެއް ނާދެ އެވެ. އެކި ޓީމުތަކަށް ކޯޗް ކޮށްދިނުމުގައި ކުރިއަށް ދިޔަ އެވެ. އެއްވަނަ ޑިވިޝަންގެ ޓީމުތަކަށް މިހާރު ވެސް ކޯޗްކޮށްދެ އެވެ. ކާމިޔާބު ކަމާއެކުގަ އެވެ.
ޝަރަފް ދެކޭ ގޮތުގައި ކޯޗުންނަކީ ފިޓްކޮން ތިބެން ޖެހޭނެ ބައެކެވެ. ފިޓްކޮށް ހުރުމަކީ ރަނގަޅު ނިންމުންތަށް ނިންމުމުގައި އެހީވެދޭނެ ކަމެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ. އެކަމަށްޓަކައި ނިދުމާއި ކެއުން ވަކި ގޮތަކަށް ބައްޓަން ކުރެވިފައިވެ އެވެ. އެކަމުގައި އެންމެ ބޮޑު އެހީތެރިއަކީ އޭނާގެ އަންހެނުންކަން އުފަލާއެކު ފާހަގަ ކުރެ އެވެ.
"ހުރިހާ ކަމެއްގައި ވެސް އަޅުގަނޑުގެ އެންމެ ބޮޑު އެހީތެރިއަކީ އަޅުގަނޑު އަންހެނުން،" ޝަރަފް ބުންޏެވެ.
ޝަރަފްގެ ދިގު ތަޖުރިބާގެ އަލީގައި، މިއަދު ވޮލީއަށް ނިކުންނަށް ބޭނުންވާ ކުއްޖަކަށް އޭނާގެ ވަރަށް ޚާއްސަ މެސެޖެއްވެ އެވެ. އެއީ އަމިއްލަ ސިއްހަތަށްޓަކައި ހިތްހަމަޖައްސާލުމަށް ކުރާ ކަމެއްގެ ގޮތުގައި ކުޅޭނަމަ، އެކުއްޖެއްގެ ހުރިހާ ވަގުތެއް ކުޅިވަރަށް ނުދިނުމަށެވެ. ނަމަވެސް ކެރިއާއެއްގެ ގޮތުގައި ނަގާނަމަ ސީރިއަސްވުމަށެވެ. އަދި އެކުދިންގެ ބެލެނިވެރިންނަށް ޝަރަފް ބުނެލަން ބޭނުން ވަނީ މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި، ކުދިން ގޭތެރޭގައި ބަންދުކޮށްފައި ބޭތިއްބުމުގެ ބަދަލުގައި، ކުޅިވަރުގެ ތެރެއަށް އެކުދިން ނެރުމަށެވެ. އެއީ ކުޅިވަރުގެ ސަބަބުން ނުބައި މަގަކަށް ނުދާނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.
"އޯލެވެލް އަދި އޭލެވެލްގެ ގަދަ ދިހައެއްގައި އެބަ ހިމެނޭ ނެޝަނަލް ޓީމްގެ ކުދިން. އެހެންވީމަ ބުނެވިދާނެ ކިޔެވުމާއި ކުޅިވަރާއި މި ދެކަންތަކަކީ އެކުއެކީގައި ކުރިޔަށް ގެންދެވިދާނެ ދެކަންތަކޭ،" ކާމިޔާބު ކޯޗެއްގެ ހައިސިއްޔަތުން ޝަރަފް އޭނާއަށް ޔަގީންކުރެވޭ ކަމެއް ބުނެލި އެވެ.