ސްޕައިނަލް މަސްކިއުލާ އެޓްރޮފީ ޓައިޕް-2 (އެސްއެމްއޭ-ޓައިޕް2) އަކީ ވާރުތަވާ ބައްޔެކެވެ. ސީދާ ފަރުވާއެއް ނެތް މި ބަލީގައި ގައިގެ މަސްތަކުގެ ބާރު އެއްދުވަހުން އަނެއް ދުވަހަށް ދަށްވަމުން ކެނޑެމުންދެ އެވެ. މިހެން ދިމާވަނީ ސްޕައިނަލް ކޯޑް( މައިބަދަ) ގައި ހުންނަންވާ "ލޯވާ މޯޓާ ނިއުރޯންސް" ނާރު ސެލްތައް ނެތުމުންނެވެ. މިނާރު ސެލްތަކުގެ މަސައްކަތަކީ މަސްތަކުގެ ހަރަކާތް ކުރުމަށް ބޭނުންވާ މެސެޖް ފޮނުވުމެވެ.
އޯލެވެލް އަދި އޭލެވެލްގައި ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު ނުކުޅެދުންތެރިކަން ހުރި ފުރަތަމަ ދަރިވަރު ކަމަށްވާ މުހައްމަދު ރައިޝާން އަހުމަދު 22، ދުނިޔެއަށް އުފަންވީ އެސްއެމްއޭ- ޓައިޕް2 ބަލީގެ ކުއްޖެއްގެ ގޮތުގަ އެވެ. ހިތްހެޔޮ މިޒާޖެއްގެ މީހުންނާ ގުޅޭ ރައިޝާން ބުނާގޮތުގައި، އޭނާގެ ގައިގެ ބާރު ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުން އަދި މަސްތަކުގެ ބާރު ނެތެމުންނެވެ.
"އެއްވެސް ގޮތަކަށް ކޮޅަކަށް ނުހުރެވޭ. އަތާފައިގެ ހުރި ބާރު ވެސް ނެތެމުންދަނީ،" ރައިޝާން ބުންޏެވެ.
ރައިޝާންގެ މަންމަ އާމިނަތު އިބްރާހީމް ބުނިގޮތުގައި، ވިހައިގެން ހޮސްޕިޓަލުން ގެއަށް ގެނައިއިރު އެއްވެސް ބައްޔެއް ހުރިކަމެއް ފާހަގަވެފައެއް ނުވެ އެވެ. ނަމަވެސް ހަތަރު މަހުގައި އަތްފައި ހަރަކާތް ނުކުރާކަން ފާހަގަވި އެވެ.
"ޑޮކްޓަރަށް ދެއްކީމަ ވިދާޅުވީ އިންޑިއާއަށް ދިއުމަށް. އިންޑިއާގައި ކުރި ޓެސްޓްތަކުން އެނގުނީ މިއީ އެސްއެމްއޭ ޓައިޕް 2 ކަން،" ރައިޝާންގެ މަންމަ ބުންޏެވެ.
ފަރުދާގެ ފަހަތުގައި ރައިޝާންގެ މަންމަ އާއި ބައްޕަ މުހިންމު ރޯލެއް އަދާކުރި
ރައިޝާންގެ ބައްޔަށް މާބޮޑު ފަރުވާއެއް ދެވެން ނެތް ނަމަވެސް އޭނާގެ މަންމަ އާއި ބައްޕަ ހުރީ އެޅިހާބަތަކަށް ރިހަވެގެނެއް ނޫނެވެ. ޚާއްސަ އެހީ ބޭނުންވާ ކުއްޖެއް ނަމަވެސް ސްކޫލަކީ ކުލަޖައްސަން ފޮނުވާ ތަނެއްގެ ގޮތުގައި ހަދާކަށް އެމީހުން ބޭނުމެއް ނުވި އެވެ. ކުދިންނަކީ މީހުން އުޅޭ ގޮތް "ކޮޕީ"ކުރާ ބައެއް ކަމަށް ވާތީ އުޅުމާއި ވިސްނުން ތަރައްގީ ވާނީ އެހެން ކުދިންނާއެކު އުޅެގެން ކަމަށް އެމީހުން ވިސްނި އެވެ.
ރައިޝާން ފުރަތަމަ ވެއްދީ އަމީރު އަހުމަދު ސްކޫލަށެވެ. އެއަށްފަހު ކަލާފާނު ސްކޫލަށެވެ. ގްރޭޑް 1 އަށް ދިއުމުގެ ކުރިން ރައިޝާންގެ ބައްޕަ އާއި މަންމަ "ބޭބީ ސްޓްރޯލާ" އަކާއި "ބޭބީ ހައި ޗެއާ" އަކާއި ގުޅުވައިގެން ޚާއްސަ ގޮނޑިއެއް އޭނާއަށްޓަކައި އީޖާދުކުރި އެވެ. އެގޮނޑީގެ ސަބަބުން ކިޔަވަން ފަސޭހަވި އެވެ. "ޕަވާޑް ވީލްޗެއާ"އެއް ލިބެންދެން ރައިޝާން އެގޮނޑި ބޭނުންކުރި އެވެ.
ސްކޫލަށް ފޮނުވާފައި އެހިސާބުން އަދި ދުލެއް ނުކުރެ އެވެ. ވަކި ގަޑިތަކަކަށް ކަންތައް ތާވަލުކޮށް، ރައިޝާން ސްކޫލްގަ އުޅޭ ގަޑިތަކުގައި އޭނާގެ މަންމަ އާއި ބައްޕަ އޭނާގެ ކަންކަން ކޮށްދިނުމަށް އޭނާގެ ކުލާހަށް ގޮސްހަދަ އެވެ.
"އެދުވަސްވަރު ކޮންމެ ސްކޫލަކަށް ވެއްދި ކަމުގައި ވިޔަސް، ވެއްދުމުގެ ކުރިން ވެސް އެ ސްކޫލެއްގެ މުދައްރިސުންނާ ވާހަކަދައްކައި އޮޅުން ފިލުވައިދެން ރައިޝާންއަށް ބޭނުންވާނެ އެހީތެރިކަމާކާ ބެހޭ ގޮތުން. އަދި މަތީ ފްލޯތަކަށް ގެންދަންޖެހޭ ގަޑިތަކަށް ސްކޫލަށް ގޮސް އޭނާ އުރާލައިގެން މައްޗަށް ގެންގޮސްދެން،" ރައިޝާންގެ މަންމަ ކިޔައިދިނެވެ.
މުދައްސިސުންނާއި ރަހުމަތްތެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު
ބަލީގެ ގޮތުން ސްކޫލްގަ އުޅުނުއިރު ވަރަށް ގިނަ އުނދަގޫތައް ދިމާވި ނަމަވެސް އުނދަގޫތަކަށް ލުއިކަމެއް ގެނެސް ދިނުމުގައި އޭނާގެ މުދައްރިސުންނާއި ރަހުމަތްތެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނުކަން ރައިޝާން ފާހަގަކުރެ އެވެ. ޕީއީ ގަޑިތަކުގައި އޭނާއަށް ރެފްރީކަން ދިނުމާއި ސްކޫލްގެ އެކި އިވެންޓްތަކާއި، ސްކޫލުގެ މަގާމުތަކަށް ކެމްޕެއިން ކުރުމުގައި ވެސް އެހީތެރިވެފައިވެ އެވެ.
"ގޯނި ރޭސް ޖަހައިދީފައި އެބަހުރި ބައެއް ޓީޗަރުން އަޅުގަނޑު އުފުލައިގެން. އަޅުގަނޑު ލިޔާ ގަޑިތަކުގައި ވެސް ކުދިން އަޅުގަނޑުގެ އަތަށް ގަލަން ލައިދީފަ އަތް އުފުލާދޭ. ދެން އަޅުގަނޑު ލިޔަނީ،" ރައިޝާން ސްކޫލް އިރުގެ ހަނދާންތައް އާކޮށްލަމުން ކިޔައިދިނެވެ.
ރައިޝަން ވަނީ ކަލާފާނުގައި އޭނާ ނިސްބަތްވި "ހޯރަ" ހައުސްގެ ކެޕްޓަންކަން ކޮށްފަ އެވެ. އަދި ތިން އަހަރު ޕްރިފެކްޓް ކަން ވެސް ކޮށްފަ އެވެ. އަތުގައި ބާރު ނެތިގެން ނުލިޔެވޭތީ އޯލެވެލް އިމްތިހާން ހެދީ ހާއްސަ ހުއްދައެއްގެ ދަށުން ސްކްރައިބާސް (ލިޔެދޭ މީހުން) ބޭނުންކޮށްގެނެވެ. ނަމަވެސް އިނގިރޭސި މާއްދާއަށް ސްކްރައިބާ ބޭނުން ނުކުރެވުމުން ވަރަށް ހިތްވަރާއެކު އަތުން ލިޔުނެވެ. އެއްއަތް ވާޅުވުމުން ދެއަތް ވެސް ބޭނުން ކުރިކަމަށް ރައިޝާން ބުންޏެވެ.
އޭލެވެލް ހެދީ ސީއެޗްއެސްއީގަ އެވެ. އޭރުގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ އާއި ސީއެޗްއެސްސީގެ މެނޭޖްމަންޓާއި، މުދައްރިސުން އަދި ޚާއްސަކޮށް ކަލާފާނާއި ސީއެޗްއެސްސީ އިން އަލަށް ދިމާވި ރަހުމަތްތެރިންގެ އެހީތެރިކަމުގެ ސަބަބުން ވަރަށް ގިނަ ފަސޭހަތަކެއް ރައިޝާން އަށް ލިބުނުކަން ވަރަށް ޝުކުރުވެރިކަމާއެކު އޭނާ މިއަދު ފާހަގަ ކުރެ އެވެ. ސްޓޭޖަށް އަރަންޖެހޭ ވަގުތުތަކުގައި ސްޓޭޖަށް ވެސް އަރުވާދީ ހަދައެވެ. އަދި ލެބޯޓަރީއަށް މައްޗަށް ދާންޖެހޭ ގަޑިތަކުގައި ލެބޯޓަރީގައި ނަގާދޭ ފިލާވަޅު ހަމަ އެވަގުތު ދެވަނަ ޓީޗަރަކު ތިރީ ކުލާހުގައި އިންނަ ރައިޝާން އަށް ނަގައިދެ އެވެ.
"ސީއެޗްއެސްއީގައި ދިވެހި ލިޔުންތެރިކަމުގެ ޖަމިއްޔާއިން އިންތިޒާމު ކުރި ހަރަކާތްތަކަށް ރައްޓެހި ކުދިން އަޅުގަނޑު ގޮނޑިއާއެކީ އުފުއްލައިލައިގެން ސްޓޭޖަށް އަރުވާނެ. އިންޓަހައުސް ސްޕޯޓްސް މުބާރާތެއްގައި އޮށޯވެ އޮވެ ކުޅެވޭނެ ގޮތަށް އެނދެއް ވެސް ގެންގޮސްދިން،" ރައިޝާން ކިޔައިދިނެވެ.
ކިޔަވާހިތްވަނީ ސައިކޮލޮޖީ
ދެހާސް ނަވާރައިގައި އޭލެވެލް ނިންމުމަށްފަހު އިންޑިއާގެ ޑޮކްޓަރުންގެ ލަފާގެ މަތިން އޭނާ މަސައްކަތް ކުރީ އިނގިރޭސިވިލާތުގައި ޑިގްރީ ހާސިލުކުރުމަށެވެ. ނަމަވެސް އެއަހަރު މުޅި ދުނިޔެއަށް ފެތުރުނު ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން އެދޮރު ބަންދުވި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ ނިއުރޮލޮޖިސްޓެއްގެ ހެޔޮބަސް ގަބޫލުކޮށް ވަޒީފާގެ މައިދާނަށް ނިކުމެވޭނީ އަޑުގެ ބާރު ބޭނުންކޮށްގެންކަން ގަބޫލުކޮށް، ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ސައިކޮލޮޖީ ޑިގްރީއެއް ހެދުމަށްޓަކައި ޕަބްޖީގެ ކާމިޔާބު ދަތުރު ހުއްޓާލި އެވެ.
ކޯހުގެ ކުރީކޮޅު ކޮވިޑްގެ ސަބަބުން ކްލާސްތައް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. ކޮވިޑަށްފަހު ފުރަބަންދު އުވާލުމުން ކްލާސްތަކަށް ހާޒިރުވީ ޕިކަޕްތަކާއި، ވޭންތަކާއި، މޯލްޑިވްސް ރެޑް ކްރެސެންޓް އަދި އެކްސެސިބަލް ވެހިކަލްތަކުގަ އެވެ. ކޯސް ފެށި މާގިނަ ދުވަސް ނުވަނީސް ހުޅުމާލެ ފޭސް2 އަށް ރައިޝާންގެ އާއިލާ ބަދަލުވި އެވެ. ކިތަންމެ ދަތިތަކެއް ކުރިމަތި ވީނަމަވެސް ގަދަ ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ، ކާމިޔާބު ކުރެވޭނެކަން ރައިޝާން ސާބިތު ކޮށްދިނެވެ. ކޯސް ނިންމާލީ ޖެހިޖެހިގެން ތިން ސެމެސްޓާގައި "ޑީންސް އެވޯޑް" ހާސިލްކޮށް މުޅި ކޯހުން ދެވަނަ ހޯދައިގެންނެވެ.
މިވަގުތު އޭނާ ވަނީ އަންނަ ޖުލާއި މަހު އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުންނެވެ.
"އިށީނދެ އިންނަން އުނދަގޫ ވާތީ ޑޮކްޓަރަށް ދެއްކީމަ ލަފާދެއްވީ ބުރަކަށި ސީދާކުރަން. 'ސްކޯލިއޯސިސް ކަރެކްޝަން ސާޖަރީ'އެއް ހަދަން،" ރައިޝާން ބުންޏެވެ.
ސާޖަރީއަށްފަހު ސައިކޮލޮޖީގެ ދާއިރާއިން އިތުރަށް ކިޔެވުމަކީ އޭނާ ދެކޭ ހުވަފެނެކެވެ.