މާލޭ މީހުންނަށް ގޯތި ދޭން ހިއްކަން ފެށި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އަލުން ފަށައިފި އެވެ.

ރަސްމާލެ ވެސް ހިއްކަން ފެށި ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިޔަށް ނުގެންދެވިގެން އެ މަސައްކަތް ވަނީ މެދުކަނޑާލައިފަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 23 ހެކްޓަރުގެ ބިން ހިއްކާފަ އެވެ. އެއަށްފަހު އެ މަޝްރޫއުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލީ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާ ކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އީޕީއޭގެ އާއްމު އިއުލާނަކުން އޭރު އެންގުމާ ގުޅިގެން ކަމަށް ބުނެ އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ކުރަނީ. ފޮޓޯ: އެޗްޑީސީ

މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، އީޕީއޭގެ ހުއްދަ އަލުން ލިބުމާއެކު ތިންވަނަ ފިޔަވަހިން ބާކީ 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފެށީ އިއްޔެ ހަވީރު އެވެ.

އެޗްޑީސީ އިން ބުނީ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށިއިރު އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި ބައެއް އުޅަނދުތައް މިހާތަނަށް ވެސް ނަގާފައި ނުވާތީ، މި މަސައްކަތް ކުރިއަށް ގެންދަން ވަރަށް ބޮޑަށް ދަތިވާނެ ކަމަށެވެ.

"ވީމާ އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ވީހާވެސް އަވަހަށް ނަގައި ފަޅުތެރެ ހުސްކޮށްދިނުމަށް މި ކޯޕަރޭޝަނުން އެދެމެވެ،" އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.