ސޯޝަލް މީޑިއާގެ އަސަރު މިއަދު އެކި މީހުންނަށް ކޮށްފައި ވަނީ އެކި ވަރަށެވެ. އޭގެ ސަބަބުން ދުވަހަކު ދެކެފައިނުވާ އަދި ދިމާ ވެސް ނުވާ އެތައް މީހުން ގާތް މީހުންނަށް ވެފައިވެ އެވެ. ދިމާވާން ނުޖެހޭ އަދި ފެންނަން ވެސް ނުޖެހޭ ގާތް ރައްޓެހިންގެ ސަބަބުން އެންމެ ލަދުރަކި މީހާއަށް ވެސް އެތައް ރަށްޓެހިން ސޯޝަލް މީޑިއާގެ ސަބަބުން މިއަދު ލިބިފައިވެ އެވެ.

ސޯޝަލް މީޑިއާގެ ސަބަބުން ފައިދާވާ ގޮތަށް އެތައް ގެއްލުމެއް ވެސް އަންނަނީ ލިބެމުންނެވެ. އެއީ އެ ބޭނުންކުރުމުގައި ބެލެންސް ނުކުރެވޭތީ އެވެ. އެއްވެސް ކަމަކަށް ގޮސް ހުސްވެ، އަމިއްލަ ދިރިއުޅުމަށް އަސަރު ކުރާނަމަ އެކަމަކުން ލިބޭނީ ފައިދާއަށް ވުރެ ބޮޑަށް ގެއްލުމެވެ.

ވަގުތު އިސްރާފު ކުރެވުމުގެ އިތުރުން ހަމަ ނިދިން މަހްރޫމްވުމަކީ ވެސް ގިނަ މީހުންނަށް ދިމާވެފައިވާ މައްސަލައެކެވެ. ޚާއްސަކޮށް ލަހުން ނިދުމަކީ ސޯޝަލް މީޑިއާއަށް ދެވި ހިފައިފައިވާ ގިނަ މީހުންގެ ވަރަށް ބޮޑު އާދައެކެވެ. ފުރާވަރަށް އަޅާ އުމުރުގެ ކުދިންނަށް ވެސް އަންނަނީ މިކަމުގެ ނުބައި އަސަރު ކުރަމުންނެވެ.

ފުރާވަރަށް އަޅާ އުމުރަކީ ހޯމޯންސްއަށް އަންނަ ބަދަލެއްގެ ސަބަބުން، ކުރިން ނިދައި އުޅުނު ގަޑިތަކަށް ބަދަލުގެންނަ އުމުރެކެވެ. އޭގެ އިތުރުން ސްކޫލްގެ އެކި މަސައްކަތުގެ ސަބަބުން ބައެއް ފަހަރު ލަހުން ނިދަން ޖެހެ އެވެ. ނަމަވެސް މިއީ މަދު ހާލަތްތަކެކެވެ. އެފަދަ އެއްވެސް ސަބަބެއް ނެތި ސޯޝަލް މީޑިއާގައި ވަގުތު ހޭދަކޮށް ނިދި ނަގާލުމަކީ، ކިޔެވުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

ނިދި ހަމަނުކޮށް ހެނދުނު ހޭލަން ޖެހޭނަމަ މޫޑަށާއި، ވިސްނުމަށް ބަދަލު އާދެ އެވެ. ހެނދުނުގެ ނާސްތާ ނަގަން ބޭނުން ނުވުމަކީ ވެސް ނިދި ހަމަނުވާ ކުދިންގެ ފަރާތުން ފެންނަ ވަރަށް އާންމު މައްސަލައެކެވެ. ރަނގަޅު ނާސްތާއެއް ނުނަގާ ސްކޫލަށް ދިއުމަކީ ވިސްނުމުގެ ބާރު ކޮށިވެ، ކްލާހުގެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ނުކުރެވޭނެ ސަބަބެކެވެ.

ރޭގަޑު ހޭލާ އުޅުމަކީ ޑިޕްރެސްވާ ކަމެއް ކަމަށް 2017 ގައި ބަޔޯ މޮލިކިއުލްސް މަޖައްލާގައި ޝާއިއު ކުރި ދިރާސާއަކުން ދައްކަ އެވެ. އެ ދިރާސާއިން އިތުރަށް އެނގުނު ގޮތުގައި ރޭގަނޑު ގިނަ ވަގުތު ހޭލާ އުޅުމަށްފަހު ހެނދުނު ނިދަން އޮންނަ މީހުން، އެ މީހުންގެ ކަންބޮޑުވުންތައް އެހެން މީހުންނާ ހިއްސާކުރުން މަދެވެ. އަދި ކަންކަމާ ދެތެރޭ ރަނގަޅު ނަޒަރަކުން ދެކޭ މިންވަރު ވެސް މަދެވެ. މީގެ ސަބަބުން ހިތްހަމަނުޖެހުމާއި ފިކުރު ގިނަވެ އެވެ. ހަމަ ނިދި ނުލިބޭނަމަ، ހެނދުނު ތެދުވެ މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ވެސް ކުޑަވެ އެވެ. މިކަމަކީ މިހާގެ ކުރިއެރުމަށް އަސަރު ކުރާނެކަމެކެވެ.

ރޭގަނޑު ހޭލާއުޅޭ މީހުންނަށް ހަކުރު ބަލިޖެހުމާއި އަދި ޖެހިފައިވާ ނަމަ އެބަލި މެނޭޖުކުރުމަކީ އުނދަގޫ ކަމެއް ކަމަށް، ފަހުގެ ހޯދުންތަކުން ދައްކަ އެވެ. މިހެން ދިމާވާ ސަބަބެއް ކަމަށް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅު ވަނީ، ރޭގަނޑު ހޭލާއުޅުމުގެ ސަބަބުން ނިދާ ގަޑިތަކާއި ކާ ގަޑިތަކަށް ބަދަލު އައިސްފައި ވާތީ އެވެ. އަދި ކާން ރަނގަޅު ނޫން ވަގުތުތަކުގައި ކާން ބޭނުންވާތީ އެވެ.