ނައިޖީރިއާގައި "ވަރީގެ ވެރިރަށު"ގެ ގޮތުގައި ބަލައި ކާނޯގައި ދިރިއުޅޭ މި ދެމަފިރިންގެ ކައިވެންޏަށް އެތައް ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. އެ ދެމަފިރިން ދާދި ފަހުން ވަނީ ކައިވެނީގެ ރަންޔޫބީލް ނުވަތަ 50 އަހަރު ފުރުން ފާހަގަކޮށްފަ އެވެ.
މަހްމޫދު ކަބީރު ޔޫސުފް އާއި ރާބިއަތު ތޯހިރު ވަނީ އެ މީހުންގެ ކައިވެނީގެ ސިއްރާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.
މަހްމޫދު ބުނީ އޭނާގެ އަންހެނުންނަކީ ވަރަށް ދީލަތި މީހެއް ކަމަށާއި ކައިވެނީގައި އޭނާގެ ހިއްސާ ވެސް ބޮޑު ކަމަށެވެ. އެ ދެމަފިރިންނަށް ވަނީ 13 ދަރިން ލިބިފަ އެވެ. އުމުރުން 60 ގެ އަހަރުތައް ގުނަމުންދާ ތޯހިރު ވަނީ ދަތި ހާލަތުގައި ވެސް ފިރިމީހާގެ ކެތްތެރިކަމަށް ތައުރީފް ކޮށްފަ އެވެ.
"އެއީ ވެސް ކައިވެނީގެ ކާމިޔާބީގެ ސިއްރެއް،" އުމުރުން 76 އަހަރުގެ ފިރިމީހާއާ ބެހޭ ގޮތުން ތޯހިރު ބުންޏެވެ.
ފަސް ކައިވެންޏެއް ކޮށްފައިވާ 39 އަހަރުގެ ހަސަނާ މަހްމޫދު ވެސް ވަނީ އެ ދެމަފިރިންގެ ކައިވެނީގެ ކާމިޔާބީ އަށް ތައުރީފް ކޮށްފަ އެވެ. ހަސަނާ ބުނީ ކޮންމެ ކައިވެންޏެއްގައި ވެސް ގިނަވެގެން އޭނާ އަށް އުޅެވެނީ ހަތަރު އަހަރު ކަމަށެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރު ވަރަށް ރަނގަޅު ކަމަށާއި އެކަމަކު ކައިވެންޏަށް ފަހު ހުރިހާ ކަމެއް ބަދަލުވާ ކަމަށް ބުންޏެވެ.
ކާނޯ ސިޓީގައި ވަރީގެ ރޭޓް މަތިވާން ފަށާފައި ވަނީ 1990 ގެ އަހަރުތަކުން ފެށިގެންނެވެ. ކޮންމެ މަހަކު ވެސް އެ ސިޓީން ކޮންމެ މަހަކު ވެސް އެތައް ބަޔަކު ވަރިވެ އެވެ. ދެހާސް ދެވަނަ އަހަރު ކާނޯ ސިޓީގައި ކުރި ދިރާސާއަކުން ދައްކަނީ އެ ސިޓީގައި ކުރާ ކައިވެނިތަކުގެ 32 ޕަސެންޓް ކައިވެނި ދެމިއޮންނަނީ ތިން މަހާއި ހަމަހާ ދެމެދުގެ މުއްދަތަކަށް ކަމަށެވެ. އުމުރުން 20 އަހަރާއި 25 އަހަރާ ދެމެދު ބައެއް މީހުން ތިން ކައިވެންޏަށް ވުރެއިން ގިނައިން ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.