ހުޅުމާލޭގައި ދެ ކުއްޖެއްގެ އުފަންދުވަސް ފާހަގަކުރުމަށްޓަކައި، ފިޔާތޮށި ކުލައިގެ ބޮޑު "ޕްރިންސެސް ކާސަލް" އެއް ހަދައިގެން ބޭއްވި އާދަޔާހިލާފު ކުލަގަދަ ޕާޓީއަކަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

މި ހަފުލާ ހާއްސަކޮށްފައިވަނީ ކުޑަ ދެ ކުދިންގެ އުފަންދުވަސް އެއްކޮށް ފާހަގަކުރުމަށެވެ. އެގޮތުން ޕާޓީ ކުރިއަށްދިޔަ ސަރަހައްދުގައި ހަދާފައިވާ ބޮޑު ގަނޑުވަރުގެ އިތުރުން، ޑިޒްނީގެ މަޝްހޫރު ޕްރިންސެސް ކެރެކްޓާތައް މި ހަފުލާއިން ފެނިގެންދިޔަ އެވެ. އަދި ހަފުލާ އިތުރަށް ފަޅުފިލުވައިލުމުގެ ގޮތުން ރޭގަނޑުގެ ވަގުތުގައި ވަނީ ހަވާ އެރުވުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.

ކާސަލް ހަދަން ފެށުމާއެކު މީހުން އެތަނުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަން ވަނީ ފަށާފަ އެވެ. ބައެއް މީހުން ބުނަމުން ދިޔައީ ރާއްޖެއަށް ޑިޒްނީ ލޭންޑް އަންނަނީ ކަމަށެވެ. އަނެއްބަޔަކު ބުނީ ރެސްޓޯރަންޓެއް ހުޅުވަނީ ކަމަށެވެ. ނަމަވެސް ފަހުން ވަނީ މީ ދެ ކުއްޖެއްގެ އުފަންދުވަސް ފާހަގަކުރުމަށް ވަމުންދިޔަ ތައްޔާރީތަކެއް ކަން އެނގިފަ އެވެ. މިއަދު ހަވީރު ޕާޓީ ފެށުމާއެކުވެސް އަދި ރޭގަނޑުވެސް ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވެ މި ތަފާތު ތަޖުރިބާ ވަނީ ބަލާލާފަ އެވެ.

މިކަމާއި ގުޅިގެން އެކި މީހުން ދިޔައީ ތަފާތު ހިޔާލާއި ޝުއޫރު ފާޅުކުރަމުންނެވެ. ބައެއް މީހުން ދެކޭގޮތުގައި މިއީ އަމިއްލަ ދަރިން ދެކެ ވާ ލޯތްބާއި، އެ ކުދިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި މައިންބަފައިން ކޮށްދީފައިވާ ވަރަށް އަގުހުރި މަސައްކަތެކެވެ.

ނަމަވެސް، ބައެއް ފަރާތްތަކުން ވަނީ މިކަމަކަށް ފާޑު ކިޔާފަ އެވެ. ރާއްޖޭގައި ދިރިއުޅުމުގެ ޒަރޫރީ ހަރަދުތައް އިންތިހާއަށް އުފުލި، އާދައިގެ ގިނަ އާއިލާތަކަކަށް ދެކޮޅު ނުޖެހި މާލީ ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ މި ދަނޑިވަޅުގައި، މިފަދަ ބޮޑު އިސްރާފެއް ކޮށް މުއްސަނދިކަން އިޝްތިހާރު ކުރުމުން ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ހިޔާލު ތަފާތުވުމުގެ ތެރެއިންވެސް ގިނަ ބަޔަކަށް މިކަން ވަރަށް ކަމުދިޔަ އެވެ. ހާއްސަކޮށް ރާއްޖެއިން މުޅިން އަލަށް މިފަދަ ކުލަގަދަ ކާސަލެއް ސިފަވެގެން ދިއުން އެންމެނަށްވެސް ވީ ތަފާތު ކަމަކަށެވެ.