ހެނދުނުގެ ނާސްތާގައި އެންމެ ގިނަ މީހުން ބޭނުންކުރާ އެއް ކާނާއަކީ "އޮމްލެޓް" ނުވަތަ ބިސްގަނޑެވެ. ބިސްގަނޑަކީ މީރު އަދި ހެދިބޮޑު ވުމަށް ބޭނުންވާ ކާނާ "ޕްރޮޓީންސް" ގިނަ އަދަދަކަށް ހިމެނޭ ކާނާ އެކެވެ. ޕްރޮޓީންސްގެ އިތުރުން މިނަރަލްސްގެ ބައި ވެސް އޭގައި ހިމެނެ އެވެ.
އެހެންނަމަ ވެސް ބިސްގަނޑު ތައްޔާރު ކުރެވޭ ގޮތުން އޭގައި ފައިދާ ހިމެނޭ މިންވަރު ތަފާތުވެ އެވެ. ތިރީގައި މިހިމަނާލަނީ އެންމެ ފައިދާހުރި ގޮތުގައި ބިސްގަނޑެއް އަޅާލުމަށް ކުރެވިދާނެ ބައެއް ކަންތަކެވެ.
އެއްބިހަށް ދެބިހުގެ ހުދުބައި ހިމަނާށެވެ. އަދި ސްޕިނެޝް ފަތް، ބެލް ޕެޕާ، އަދި ޓޮމާޓޯ އޭގެ ތެރެއަށް ކުދިކޮށް ކޮށާލާށެވެ. ބިސްގަނޑު ފިހާނީ ތަތްނުލަވާ ތަވައެއްގައި ކުޑަ އޮލިވް އޮއިލް ކޮޅެއްގަ އެވެ. އޭރުން ބިސްގަނޑުން ލިބޭ ކެލޮރީ (ހަކަތަ) އަދި ފެޓްގެ ބައި ކުޑަވެފައި، ޕްރޮޓީންސް ލިބިދޭ މިންވަރު އިތުރު ވެގެންދެ އެވެ.
ބިސްގަނޑަށް ސްޕިނޭޝް ފަތާއި، ބެލްޕެޕާ އަދި ޓޮމާޓޯ އެއްކުރުމުގެ ސަބަބުން އެ ބިސްގަނޑު ބޮޑުވެ، ހަށގަނޑަށް ގިނަ އަދަދަކަށް ފައިބާ، ޕޮޓޭސިއަމް އަދި ވިޓަމިންސް ލިބިގެންދެ އެވެ.
ބިސްގަނޑު އެޅުމުގެ ކުރިން ބޭނުން ކުރެވުނު އޮލިވް އޮއިލްގެ ސަބަބުން ބިހުގެ އެތިކޮޅުތައް ތަވާގައި ތަތްވުން ކުޑަކޮށްދެ އެވެ. ނަމަވެސް ބިސްގަނޑު އަޅާއިރު ބަޓާ، މާޖެރިން، ނުވަތަ ކުކިން އޮއިލް ބޭނުން ކުރާނަމަ، ހަށިގަނޑަށް ބޭނުންނުވާ ހަކަތަ އެތެރެވުމަށް މަގުފަހިވެ އެވެ.
ބިސްގަނޑު އަޅާއިރު ޗީޒް، ލޮނު، އަދިމަހުގެ ބާވަތްތައް ބޭނުން ކުރުމުން ހަށިގަނޑަށް ލޮނުން ލިބޭ ސޯޑިއަމް އެތެރެވެ އެވެ. އޭގެ ބަދަލުގައި ބިސްގަނޑުގެ ރަހަ މީރު ކޮށްލުމަށް މަދުމިން ވަރަކަށް ޗީޒް އަދި ލޮނު ބޭނުން ކުރުމުން ކިޑްނީ އިން ހަށިގަނޑުގައި ލޮނު އެއްމިން ވަރެއްގައި ހިފަހައްޓައި ދެ އެވެ. ނަމަވެސް ގިނައިން ލޮނު އަދި ލޮނު ލިބޭ ބާވަތްތައް ބޭނުން ކުރުމުން ލޭގެ ޕްރެޝާ މަތިވާން ފަށަ އެވެ.
ވީމާ ފައިދާހުރި އަދި މީރު ބިސްގަނޑެއް ހެނދުނުގެ ނާސްތާގައި ހިމެނުމަށްޓަކައި، އެއްބިސް އަދި ދެބިހުގެ ހުދުބައި ތައްޓަކަށް އަޅައި އެއްކޮށްލުމަށް ފަހު، އޭގެ ތެރެއަށް ކުދިކޮށް ކޮށާލާފައިވާ ސްޕިނޭޝް، ޓޮމާޓޯ އަދި ބެލްޕެޕާ އެއްކޮށްފައި ތަތްނުލަވާ ތަވައެއްގައި ކުޑަ އޮލިވް އޮއިލްކޮޅެއް ހާކާލައިގެން ތެލުލާށެވެ. ބިސްގަނޑު ތެލުލާނީ ގިނި މަޑުކޮށް ބަހައްޓައި ގެންނެވެ.