ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ދިއްގާމަގު ބީޗު ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގަން ތައްޔާރުވަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ރޭ 10:50 އެހައިކަންހާއިރު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެގޮތުން އެ ސަރަހައްދަށް ފުލުހުން ގޮސް، އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ހުރި ދިމާ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ފެނިފައިވެ އެވެ. އަދި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން، އެ ސަރަހައްދު އިތުރަށް ބަލައި ޕްރޮސެސްކުރުމުގެ ތެރޭގައި އެތަނުން އިތުރު ދެ ބަޔޮނެޓް ވެސް ވަނީ ފެނިފަ އެވެ.
މި މައްސަލައާ ގުޅިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އެ ސަރަހައްދުން ހައްޔަރުކުރި މީހާގެ އިތުރުން، މިކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކުޑަކުއްޖަކު ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރު އަނދާ ހުލިވެއްޖެ
ދިލްޖީތުގެ ކޮންސެޓަށް ބޮމުގެ އިންޒާރެއް، ތަހުގީގު ކުރިއަށް!
