ނިއުމޯނިއާ އަކީ ފުރަތަމަ ފެންނަ ޢަލާމާތްތަކުން އާދައިގެ ރޯގާއެއް ނުވަތަ މޫސުމީ ފުލޫއަކާ ވަރަށް ބޮޑަށް ވައްތަރުވެ، އޮޅިދާނެ ބައްޔެކެވެ.
ދިގު މުއްދަތަކަށް ކެއްސުމާއި، ހުން އައުމާއި، އާދަޔާ ހިލާފަށް ވަރުބަލިވުން ފަދަ އަލާމާތްތައް ފެނުމުން އެއީ އާދައިގެ ކަމެއް ކަމަށް ގިނަ ބަޔަކު ހީކުރެ އެވެ. ނަމަވެސް މި އަލާމާތްތަކަށް ސަމާލުކަން ދީ، އެއީ މޫސުމީ އާދައިގެ ރޯގާއަކަށް ވުރެ ބޮޑު ކަމަކަށް ވެދާނެކަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.
ނިއުމޯނިއާގެ ކުރީކޮޅު ފެނިދާނެ އިންޒާރުގެ އަލާމާތްތައް
ކައިލާޝް ހޮސްޕިޓަލް، ނޮއިޑާގެ ސީނިއާ ކޮންސަލްޓަންޓް (ޗެސްޓް ފިޒީޝަން އެންޑް ބްރޮންކޮސްކޮޕިސްޓް) ޑރ. ސުދީރު ކުމާރު ގުޕްތާ ވިދާޅުވި ގޮތުގައި، ފުރަތަމަ ފެންނަ އަލާމާތްތަކުން ގިނަ މީހުންނަށް އެއީ މޫސުމީ ފުލޫ ނުވަތަ ނޭވާލާ ނިޒާމުގެ އާދައިގެ އިންފެކްޝަނެއް ކަމަށް ހީވެ އެވެ.
"ގިނަ މީހުން ކެއްސުމާއި، ހުމާއި، ވަރުބަލިކަމަކީ މޫސުމީ ފުލޫ ނުވަތަ އާދައިގެ އިންފެކްޝަނަކާ ގުޅުންހުރި ކަންތައްތަކެއް ކަމަށް ދެކޭ. އެހެން ނަމަވެސް، ބައެއް ފަހަރު މިއީ ފުއްޕާމޭގެ ވައި ކޮތަޅުތަކަށް ދުޅަވުން ކުރިމަތިކުރުވާ އިންފެކްޝަނެއް ކަމުގައިވާ ނިއުމޯނިއާގެ ކުރީކޮޅުގެ އަލާމާތްތަކަށް ވެދާނެ." ޑރ. ސުދީރު ކުމާރު ވިދާޅުވި އެވެ.
ޑރ. ގުޕްތާ ފާހަގަކުރެއްވި މުހިންމު އަލާމާތްތަކުގެ ތެރޭގައި:
- ދިގު މުއްދަތަކަށް ކެއްސުން: ހާއްސަކޮށް ރީނދޫ ނުވަތަ ފެހި ކުލައިގެ ދަވަ އަންނަ ކެއްސުމަކީ މުހިއްމު އިންޒާރެއް.
- ހުމާއި ފިނިވުން: ހުން އައުމާއި، ތުރުތުރު އެޅުމާއެކު ފިނިވުމާއި، ދާހިތްލުން.
- ވަރުބަލިކަމާއި ކާހިތް ނުވުން: އާދަޔާ ޚިލާފަށް ވަރުބަލިވުމާއި ކާހިތް ކެނޑުން.
- ނޭވާލާން އުނދަގޫވުން: އިންފެކްޝަން އިތުރަށް ގޯސްވަމުންދާ ވަރަކަށް، ނޭވާ ކުރުވުމާއި، އަވަސް އަވަހަށް ނޭވާލާން ޖެހުމާއި، ކެއްސާއިރު ނުވަތަ ފުންކޮށް ނޭވާލާއިރު މޭގައި ރިއްސުން ފަދަ ކަންތައްތައް ދިމާވެދާނެ.
އާދައިގެ ރޯގާއަކާ އޮޅޭ ސަބަބު އަދި ހާއްސަ ސަމާލުކަން ދޭންޖެހޭ މީހުން
ޕާރަސް ހެލްތު، ގުރޫގްރާމްގެ ޑިރެކްޓަ އޮފް އިންޓާނަލް މެޑިސިން ޑރ. ރާޖޭޝް ކުމާރު ވިދާޅުވި ގޮތުގައި، ނިއުމޯނިއާ ފެށިގެން އަންނައިރު އާދައިގެ ރޯގާއަކާ ނުވަތަ ފުލޫއަކާ އެއްވެސް ތަފާތެއް ނެތް ފަދަ ގޮތަކަށް ފެނިދާނެތީ، ކުރީކޮޅުގެ އިންޒާރުތައް ފާހަގަ ނުކުރެވި ދިއުމަކީ ފަސޭހަ ކަމެކެވެ.
ހާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން އަދި ކުރިން ސިއްހީ މައްސަލަތައް ހުންނަ މީހުންނަށް އާދަޔާ ހިލާފު އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންގެ ފަރާތުން ވިސްނުން އޮޅުމާއި، އާދަޔާ ހިލާފަށް ވަރުބަލިވުން ނުވަތަ ކާހިތް ނުވުން ފަދަ ޢަލާމާތްތައް ފެނިދާނެ ކަމަށް ޑރ. ކުމާރު އިންޒާރު ދެއްވި އެވެ.
ޑޮކްޓަރެއްގެ އެހީ ހޯދަންޖެހޭ ހާލަތް
ނޭވާލާ ނިޒާމުގެ ކޮންމެ އިންފެކްޝަނަކީ އަމިއްލައަށް ރަނގަޅުވާނެ އެއްޗެއް ކަމަށް ގަބޫލު ކުރުމުގެ ބަދަލުގައި، އަލާމާތްތަކަށް އަންނަ ބަދަލުތަކަށް ފަރުވާތެރިކަމާއެކު ބެލުމަށް ޑރ. ކުމާރު ލަފާދެއްވި އެވެ.
- ރަނގަޅުނުވެ ދެމިގެންދާ ހުމާއި ކެއްސުން ހުރުމާއެކު ނޭވާލާން އުނދަގޫވާން ފަށައިފިނަމަ، ވީ އެންމެ އަވަހަކަށް ޑޮކްޓަރެއްގެ އެހީ ހޯދަން ވާނެ.
- މި މައްސަލައަށް ބޭސް ބޭނުން ކުރުމުގެ ބަދަލުގައި އަލާމާތްތައް ދިގުލާނަމަ ނުވަތަ ގޯސްވަމުންދާނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދައްކަން ވާނެ.
- ބަލީގެ ކުރީކޮޅުގައި ދެނެގަނެ، އެކަށީގެންވާ ފަރުވާ ދިނުމަކީ ބަލި ބޮޑުވެ ނުރައްކާތެރި ޙާލަތަކަށް ދިއުމުން ރައްކާތެރި ކޮށްދޭނެ ކަމެއް.