ހައްޔަރުކުރީ ދޮންދަރިއަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ނަމަވެސް، ދޮންދަރިއެއް ނުހުންނާނެ ކަމަށް ބުނެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ފަރާތުން ހައި ކޯޓުގައި ބުނެފި އެވެ.

ހުޅުމާލޭގައި ހުންނަ ރެއިންބޯ އޯޝަންފްރޮންޓްގައި ޝާހިދު ދިރިއުޅުއްވާ އެޕާޓްމަންޓުން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ.

ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

އެ އަމުރުގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ދަށުން، މުޖުތަމައުގައި އުޅޭ އެހެން ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުކުރަން ޖެހޭ ކަމަށެވެ. ޝާހިދުގެ މައްޗަށް ތުހުމަތުކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، އޭނާގެ 18 އަހަރުން ދަށުގެ ދޮންދަރިއަކަށް މި އަހަރުގެ ކުރީކޮޅުން ފެށިގެން އެކި ފަހަރުމަތިން ޖިންސީ ގޯނާކުރި ކަމަށެވެ.

ދަށު ކޯޓުގެ ބަންދު އަމުރު ބާތިލުކޮށްދިނުމަށް އެދި ޝާހިދުގެ ފަރާތުން މި މަހުގެ ހަތަރު ވަނަ ދުވަހު ހައި ކޯޓަށް މައްސަލަ ހުށަހަޅައި ފާހަގަކުރީ، އޭނާގެ ދޮންދަރިއެއް ނުހުންނާނެ ކަމަށެވެ. އަދި ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި ފޯމުގައި ނެތް ތުހުމަތެއްގެ މައްޗަށް ބިނާކޮށް ބަންދުކުރަން ނިންމި ނިންމުން ގޯސް ކަމަށާއި، ކުއްޖާގެ ބަހެއް ނުވަތަ ބަޔާނެއް ނެތި، އެހެން މީހަކު ދެއްކި ވާހަކައެއްގެ މައްޗަށް ބިނާކޮށް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ވެސް އޭނާގެ ދިފާއުގައި ބުންޏެވެ.

މި ވާހަކަތަކަށް ރައްދު ދެމުން ދައުލަތުން ބުނީ، މިއީ ހެކި ސާބިތުކުރުމުގެ މަރުހަލާ ނޫން ކަމަށާއި، ތަހުގީގު މަރުހަލާގައި ތުހުމަތުކުރާ މައްސަލަ ސާފުވާނަމަ ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ހިޔާސޭ (އިވުނު ކަމަށް ބުނާ ހެކި) ބަލައިގަތުމުގެ އިސްތިސްނާ ހާލަތު އޮންނަކަން ދައުލަތުން ފާހަގަކުރި އެވެ.

އަދި ފޯމުގައި ދޮންދަރިއެއް ކަމަށް ބަޔާންކުރީ، ތަހުގީގަށް ލިބުނު ބަޔާންތަކުން ކުއްޖާ ޝާހިދާ މުހާތަބުކުރަނީ "ބައްޕި" ގެ ގޮތުގައި ކަމަށް ވާތީ އާއި، ޝާހިދަކީ ދޮންބައްޕަ ކަމަށް ކުއްޖާ ގަބޫލުކުރާކަން އެނގޭތީ ކަމަށް ދައުލަތުން ބުންޏެވެ.

މި މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމުމުގައި ވަނީ، މިއީ ތަހުގީގީ މަރުހަލާގެ ކުރީކޮޅު ކަމަށްވާތީ އެހިނދަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ޕީޖީން ސަބަބުތައް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝާހިދަކީ ކުއްޖާގެ ދޮންބައްޕަ ކަމާމެދު ދެފަރާތުގެ މެދުގައި ހިލާފު އުފެދިފައިވީ ނަމަވެސް، އެ ތުހުމަތަށް ބާރުލިބިދޭ ކަންތައްތަކެއް ހުރުމުން، އޭނާ ބަންދުކުރީ ނެތް ތުހުމަތެއްގެ މައްޗަށް ބިނާކޮށް ކަމަށް ބެލެވެން ނެތް ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމުގައި ބަލާ މިންވަރަށް ތުހުމަތު އޮތްތޯ ކަށަވަރުކުރުމަކީ ކުށް ސާބިތުކުރުމުގެ މަރުހަލާގައި ހެކި ވަޒަންކުރާ މިންގަނޑަށް ކުރަންޖެހޭ ކަމެއް ނޫން ކަމަށް ކަނޑައަޅައި، ދަށު ކޯޓުގެ އަމުރަށް ވަނީ ތާއީދުކޮށްފަ އެވެ.