ބޮޑުކަމެއް ދިމާވެއްޖެނަމަ އެންމެ ފުރަތަމަ ވެސް އެފްބީގެ މަމްސް އެއިޑްގެ ސްޓޭޓަސްގައި ޖަހާލުމަކީ ފަހަކަށް އައިސް ވަރަށް ގިނަ މަންމައިންގެ އާދައެކެވެ. ވަރަށް އަވަހަށް 150 ޗޮކްލެޓް ޗިޕް ކުކީސް ހަދާދޭނެ ފަރާތެއް ހޯދައިދެމޭ ބުނެ މަމްސް އެއިޑްގައި ލިޔެލުމުން ވަރަށް ގިނަ މީހުން އެއަށް އިޖާބަދިނެވެ.

އެއީ ހަވީރުގެ ވަގުތެކެވެ. ޖެހިގެން އަންނަ ދުވަހުގެ ހެނދުނަށް ބޭނުންވާތީ އެކަން ކޮށްދިނުމަށް މީހުން ފަސްޖެހުނެވެ. އެންމެ މީހަކު ފިޔަވަ އެވެ. އެއީ އައިމިނަތު އަނާ ޝަފީގު (އަނާ) 26، އެވެ. އެއްވެސް ގޮތެއް ނެތިގެން އަދި ޝައްކެއްގައި ހުރެ އަނާއާ 150 ކުކީސް ތައްޔާރުކުރަން ހަވާލު ކުރީމެވެ. ހީކުރި ގޮތާ ޚިލާފަށް، ހަމަ އެރޭ ދަންވަރު 12 ޖެހިއިރު ކުކީސްތައް ގެނެސްދިނެވެ.

ފޮށީގެ ބޭރުގައި އަނާސް ބޭކަރީ ޖަހާފައިވާ ސްޓިކާއެއް ވެސް ހުއްޓެވެ. އެހާ އަވަހަށް އެފަދަ ޚިދުމަތެއް ފޯރުކޮށްދިނީތީ އަނާއާ ބެހޭގޮތުން ލިޔަން ޝައުގުވެރިކަން އުފެދުނެވެ. އެއީ އަނާގެ މަސައްކަތް އަވަސްވެފައި އިތުބާރު ކުރެވުމުންނެވެ. އަވަސް ބޭކަރީގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އަނާ ހުރިކަން އަންގައިދިނުމަށެވެ.

ގޮދަން ފުށުން ޕާނާއި، ކޭކް އަދި ޕޭސްޓްރީގެ ބާވަތްތައް ތައްޔާރުކުރާ މީހުންނަށް ކިޔާ ނަމަކީ "ބޭކާ" އެވެ. ޕޭސްޓްރީ ކުކް އަދި ޕޭސްޓްރީ ޝެފް ވެސް ކިޔައިއުޅެ އެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ޕޭސްޓްރީގެ މަސައްކަތް ކުރީ މިސްރު މީހުންނެވެ. ރާއްޖޭގައި މިހާރު ބޭކަރީގެ ޚިދުމަތް އަންނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ފުޅާވަމުންނެވެ. މިއީ ގޭގައި ތިބޭ އަންހެނުން ލިބޭ ހުސް ވަގުތުތަކުގައި އާމްދަނީ ހޯދުމުގެ ގޮތުން ކުރުމަށް ވަރަށް ރަނގަޅު މަސައްކަތެކެވެ.

ގދ. ތިނަދުއަށް އުފަން އާބަހާރު އަނާއަކީ ބޭކަރިގެ މަސައްކަތުގައި ކުރިއަރަމުން އަންނަ ފަރާތެކެވެ. އަނާ ތަފާތީ އިތުބާރު ކަމާއެކު އަވަހަށް ޚިދުމަތް ފޯރުކޮށްދޭތީ އެވެ. ގދ. އަތޮޅު މަދަރުސާއިން ތައުލީމު ހާސިލްކޮށްފައިވާ އަނާއަކީ އެމްއައި ކޮލެޖްގައި ބެޗެލާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ކިޔަވަމުން އަންނަ ދަރިވަރެކެވެ.

ބޭކިންއަކީ އަބަދުވެސް ކުރާ ހިތްވާކަމެއް

އަނާ ބުނާގޮތުގައި އަބަދުވެސް ބޭކިންގެ މަސައްކަތަށް އޭނާ ޝައުގުވެރިކަން ހުރެ އެވެ. އެކަނިވެރި މައެއްގެ ގޮތުގައި ހުރިއިރު ގޭގައި ހުރެ އާމްދާނީ ލިބޭ މަސައްކަތެއް ކުރުމުގެ ބޭނުމުގައި ބޭކަރީ މަސައްކަތް ދަސްކުރީ ޔޫޓިއުބް ބަލައިގެންނެވެ. މަޑުމަޑުން އެ މަސައްކަތް ކުރަމުން ގޮސް މިއަދު ބޭކަރީގެ ބާތްވަތްތަކުގެ ތެރޭގައި އަނާއަށް ތައްޔާރުކުރަން ނޭނގޭ ބާވަތެއް މަދެވެ. އެގޮތުން ސިނަމަން ރޯލްސް، ޕިއްޒާ ރޯލްސް، ޑޯނަޓްސް، އަދި މިނީ ޑޯނަޓްސް އޯޑަރަށް ތައްޔާރުކޮށް ގެންގޮސް ވެސް ކޮށްދެ އެވެ.

އެމްއައި ކޮލެޖްގައި ކިޔަވަމުން ބޭކަރީ މަސަކަތް ކުރަމުން އަދި ކުޑަކުއްޖަކު ވެސް ބަލަމުން، ވަގުތު މެނޭޖްކުރަން އުނދަގޫ ނަމަވެސް އޭނާގެ މަސައްކަތުގައި އާއިލާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެ އެވެ.

"ޑެސާޓްގެ ވައްތަރުތައް އެއީ މެގްނަމް ޕުޑިން އަދި ޗީޒްކޭކު ފަދަ އެއްޗެހި ތައްޔާރުކުރަނީ ރޭގަނޑު. އެހެނިހެން ތަކެތި މެންދުރު ތައްޔާރު ކުރަމުން އިންސްޓަގްރާމަށް ލަމުން ދަނީ. ހަވީރު ވާންވާއިރަށް ހުރިހާއެއްޗެއް ވިކި ހުސްވޭ،" އަނާ ކިޔައިދިނެވެ.

ކުޑަކޮށް ފެށި މަސައްކަތުން މިހާރު ބޮޑު އާމްދަނީއެއް

އެކަނިވެރި މަޔަކަށް ވުމަކުން، އަތުގައި ގިނަ ފައިސާ ނެތުމަކުން ނުވަތަ ކުޑަކުދިންތަކެއް ތިބުމަކީ ކުރިއަށްދާނެ މަގު ބަންދުވާ ކަމެއް ނޫންކަން އަނާ ވަނީ ސާބިތުކޮށްދީފަ އެވެ. އަނާ މަސައްކަތް ފެށީ 200 ރުފިޔާ އިންނެވެ. ފުރަތަމަ ތައްޔާރު ކުރީ އެ ފައިސާއިން ހެދޭނެ އެއްޗެއް އެކަންޏެވެ. އިތުރު ބާވަތްތައް ހަދަން ފެށީ ފައިދާ ލިބުނު ވަރަކުންނެވެ. ތައްޔާރުކުރާ ބާވަތްތައް އިތުރު ކުރަމުން ގޮސް ފަހުން ބާތްޑޭ ކޭކާއި ވެޑިން ކޭކް ވެސް އޭނާ އަޅަން ފެށި އެވެ.

"މިޒަމާނުގައި ޝައުގުވެރިކަން ހުރެ، ކަމެއް ކުރަން ބޭނުންވެގެން ނުކުރެވޭނެ އެއްވެސް ކަމެއް ނުހުންނާނެ،" އަނާ ބުންޏެވެ.

ގދ. ތިނަދޫގައި ބޭކަރީގެ މަސައްކަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު އަދި ގިނަ ތަޖުރިބާތަކެއް ކުރުމަށް ފަހު އަނާ މިހާރު ދިރިއުޅެނީ މާލޭގަ އެވެ.