ރިޕަބްލިކަން ޕާޓީގެ ޓިކެޓްގައި އެމެރިކާގެ ރައީސްކަމަށް ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފި އެވެ.

މިކަން ހިނގާފައި ވަނީ މިއަދު ޕެންސިލްވޭނިއާގައި ކުރިއަށް ދިޔަ ރައީސް ޑޮނަލްޑް ޓްރަމްޕް ކެމްޕޭން އެއްވުމެއްގެ ތެރެއިންނެވެ.

ލައިވް ފްޓޭޖުތަކުން ފެންނަ ގޮތުގައި ޑޮނަލްޑް ޓްރަމްޕްގެ ވާހަކަފުޅުގެ މެދުތެރެއިން ބަޑީގެ އަޑު އިވި، ދެން ފެނުނީ އޭނާ ސްޓޭޖް މައްޗަށް ތިރިވި މަންޒަރެވެ. އެއާއެކު ސެކިއުރިޓީ ސާވިސްގެ އޮފިޝަލުން ވަނީ ޓްރަމްޕް ވަށާލާ އެތަނުން ދުރަށް ގެންގޮސްފަ އެވެ.

ހަމާލާގެ ފަހުން ޓްރަމްޕް ޓްރުތު ސޯޝަލް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަޒަން ދިޔައީ އޭނާގެ ކަންފަތުގެ މަތީ ކައިރި ފޫ އަޅުވާލާފައި ކަމަށާއި، އެ ވަގުތު ކަމެއް ގޯސްވެއްޖެ ކަމާއި ވަމުންދާ ގޮތް އެނގިވަޑައިގެންނެވި ކަމަށެވެ.

ވަޒަން ކަންފަތް ފޫއަޅުވާލާފައި ދިއުމުގެ ސަބަބުން ވަރަށް ގިނަ ލެއި އައި ކަމަށް ވެސް ޓްރަމްޕްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ޓްރަމްޕްގެ ކެމްޕޭނުން ބުނީ، ބަޑިޖެހުމުގެ ސަބަބުން އޭނާގެ ކަނާތު ކަންފަތުގެ މަތީ ބައި ފަޅައިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް ހާލު ރަނގަޅު ކަމަށެވެ.

މި ހާދިސާގައި އެއްވުމުގެ ބައިވެރިވި އެކަކު މަރުވެ އިތުރު ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. ޕެންސިލްވޭނިއާގެ ބަޓްލާގައި ބޭއްވި އެއްވުން ބޭއްވި ތަނާއި ދުރުގައި ހުރި އުސް އިމާރާތެއްގެ މަތީގައި ހުރެ ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ މަރާލާފައިވާ ކަމަށާއި އަދި ޓްރަމްޕް ސަލާމަތުން ހުންނެވި ކަމަށް ސީކްރެޓް ސާވިސް އިން ވަނީ ބުނެފަ އެވެ.

މި ހަމަލާއަކީ 1981 ވަނަ އަހަރު ރޮނާލްޑް ރޭގަންގެ ގަޔަށް ބަޑި ޖެހުމަށްފަހު ރައީސެއް ނުވަތަ ރިޔާސީ ކެންޑިޑޭޓަކު އަވަހާރަކޮށްލަން ދިން އެންމެ ސީރިއަސް ހަމަލާ އެވެ.