ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއިން ފުރި ވަގުތު މަތިންދާބޯޓެއް ވެއްޓި އަލިފާން ރޯވެ 18 މީހުން މަރުވެ، ޕައިލެޓް އެކަނި ސަލާމަތް ވެއްޖެ އެވެ.
ޕައިލެޓަށް މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ސައުރިޔާ އެއާލައިންސްގެ ޓެސްޓް ފްލައިޓު ވެއްޓިފައި ވަނީ 19 މީހުނާއެކު އެވެ. އޭގެ ތެރޭގައި އެ އެއާލައިނުގެ ޓެކްނިކަލް ސްޓާފުންނާއި ދެ ފަޅުވެރިން ހިމެނެ އެވެ.
މިއަދު ސައުރިޔާ އެއާލައިންސްގެ ޓެސްޓް ފްލައިޓް ދަތުރުކުރަމުން ދިޔައީ ނޭޕާލުގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއް ކަމަށްވާ ޕޮކަރާ އަށެވެ.
އޮންލައިންކޮށް އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މަތިންދާބޯޓުގައި އަލިފާނާއި ދުމުގެ އަސަރު ފެންނަން ހުއްޓެވެ.
ނޭޕާލް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސާޗް އެންޑް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓުން މަތިންދާބޯޓު ފުރިތާ ކުޑަ އިރުކޮޅެއް ފަހުން ނޭޕާލު ގަޑިން 11:15 ހާއިރު ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މަތިންދާބޯޓު ކަނާތް ފަރާތަށް ގޮސް ރަންވޭގެ އިރުމަތީ ފަރާތަށް ވެއްޓުނު ކަމަށެވެ.
އަދި އަލިފާންގަނޑު ކޮންޓްރޯލްކޮށް ވަގުތުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އަދި 18 މީހެއްގެ ހަށިގަނޑު ނަގާފައި ވާއިރު އެކަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ. މަރުވި މީހުންގެ ތެރެއިން 17 މީހުންނަކީ ނޭޕާލް މީހުން ކަމަށާއި އެކަކީ ޔަމަނުގެ ރައްޔިތެއް ކަމަށް އެ އިދާރާގެ ބަޔާނުގައި ވެއެވެ.
އެއާޕޯޓުގެ ޗީފް ޖަގަނަތު ނިރައުލާ ބީބީސީ ނޭޕާލީއަށް ވިދާޅުވީ މި އެކްސިޑެންޓް ހިނގީ ފުލައިޓް ނައްޓާލިތާ ކުޑައިރުކޮޅެއް ތެރޭގައި ކަމަށާއި ނަމަވެސް އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އެއާޕޯޓުގެ ކަމާބެހޭ ފަރާތްތަކަށް ކަށަވަރު ކޮށްދެވިފައި ނުވާ ކަމަށެވެ.
ނޭޕާލްގެ ވައިގެ ދަތުރުފަތުރުތަކުގެ ރައްކާތެރިކަން ދަށްކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ޔެޓީ އެއާލައިންސްގެ މަތިންދާބޯޓެއް ވެއްޓި 72 މީހުން މަރުވި އިރު، އެ އެއާލައިންގެ ޕައިލެޓުންނަށް އޮޅިގެން ކަރަންޓު ކަނޑާލެވުނީ ކަމަށް ފަހުން ބުނެފައިވެ އެވެ.
އެއީ 1992 ވަނަ އަހަރުގެ ފަހުން ނޭޕާލްގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ އެކްސިޑެންޓެވެ. އެ ފަހަރު ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ މަތިންދާ ބޯޓެއް ކަތަމަންޑޫ އެއާޕޯޓާ ދިމާލަށް ވެއްޓި ބޯޓުގައި ތިބި 167 މީހުން މަރުވި އެވެ.