ބޮލީވުޑްގެ ތަރި ކަރިސްމާ ކަޕޫރަކީ އެ ދާއިރާގައި އެންމެ ފުންނާބު އުސް ތިން ފިރިހެން ތަރިން ކަމަށްވާ ޝާހްރުކް ޚާން، ސަލްމާން ޚާން އަދި އާމިރު ޚާންއާއެކު ވެސް މަސައްކަތް ކޮށްފައިވާ މަދު ތަރިންގެ ތެރެއިން އެކެކެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކަރިސްމާ ވަނީ ބޮލީވުޑްގެ އެންމެ މަޝްހޫރު ތިން ޚާންއާއެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާކޮށް އެ ތަރިންގެ ތަފާތުތަކަށް އަލިއަޅުވާލާފަ އެވެ.

"އަހަރުމެން ދާއިރާއަށް ވަނީ އެކުއެކީގައި ކަހަލަ ގޮތަކަށް. އެ ތިން މީހުންނަކީ ވެސް ވަރަށް ތަފާތު ތިން މީހުން އަދި އެ މީހުން މަސައްކަތްކުރާ ގޮތް ވެސް ވަރަށް ތަފާތު،" ކަރިސްމާ ބުންޏެވެ.

ކަރިސްމާ ބުނީ ސަލްމާނަކީ ވަރަށް މަޖާ މިޒާޖެއްގެ މީހެއް ކަމަށާއި ޝޫޓިންގައި އޭނާ ސީރިއަސްވާ ކަމަށެވެ. އެއާއެކު ޝާހްރުކް ޚާންއަކީ އޭނާއާއެކު މަސައްކަތްކުރާ ތަރިންނަށް ވަރަށް އެހީތެރިވާ ތަރިއެއްގެ ގޮތުގައި ކަރިސްމާ ސިފަކުރި އެވެ.

މީގެ އިތުރުން އާމިރު ޚާންއަކީ "ޕާފެކްޝަނިސްޓް"އެއްގެ ގޮތުގައި ސިފަކުރަމުން ކަރިސްމާ އިތުރަށް ބުނެފައިވަނީ އެ ތިން ތަރިންނާއެކު މަސައްކަތް ކޮށްގެން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށެވެ.

ކަރިސްމާ ސަލްމާން ޚާންއާއެކު ފެނިގެންދިޔައީ މަޝްހޫރު ފިލްމު "ޖުޑްވާ"އިންނެވެ. ޝާހްރުކް ޚާންއާއެކު "ދިލް ތޯ ޕާގަލް ހޭ"އިން އޭނާ ފެނުނުއިރު "ރާޖާ ހިންދުސްތާނީ"ގައި އޭނާ މަސައްކަތްކުރީ އާމިރުއާއެކު އެވެ.