ޝާހްރުކް ޚާންއާއި ޖޫހީ ޗާވްލާ އަދި ސަނީ ޑިއޯލް މުހިއްމު ރޯލުތަކުން ފެންނަ 1993ގެ ފިލްމު "ޑަރް"އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފިލްމެކެވެ.

ޝާހްރުކް ޚާން ނެގެޓިވް ރޯލަކުން ފެނިގެންދިޔަ އެ ފިލްމާ ބެހޭ ގޮތުން ގިނަ ބަޔަކަށް ނޭނގި އޮތް ކަމަކީ އެ ފިލްމުގައި ސަނީ ޑިއޯލް ކުޅުނު ބައި އެންމެ ފުރަަތަމަ ހުށައެޅުނީ މަޝްހޫރު ތަރި އާމިރު ޚާންއަށް ކަމެވެ.

ހަބަރުތައް ބުނާ ގޮތުގައި ފިލްމުގެ ޕްރޮޑިއުސަރު ޔަޝް ޗޯޕްރާ އެ ރޯލު އާމިރުއަށް ހުށައެޅި ނަމަވެސް އާމިރުގެ ޝަރުތެއްގެ ސަބަބުން އޭނާއަށް އެ ފިލްމު ވަނީ ގެއްލިފަ އެވެ.

އާމިރު ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ލީޑު ދެ ތަރިން އުޅޭ ފިލްމުތަކުގައި އެ ދެތަރިންނާއެކު އެއް މޭޒެއްގެ މަތީގައި ފިލްމުގެ ކަންކަން މަޝްވަރާ ކުރުމަކީ އޭނާ ވަރަށް އިސްކަން ދޭ ކަމެއް ކަމަށެވެ.

އެގޮތުން ސަލްމާން ޚާންއާއެކު އޭނާ ފެނިގެންދިޔަ "އަންދާޒް އަޕްނާ އަޕްނާ"ގައި ވެސް އެ ދެމީހުންނާ ފިލްމުގެ ކަންކަން މަޝްވަރާ ކުރެވުނީ އެކުގައި ކަން އާމިރު ފާހަގަކުރި އެވެ.

އެހެން ނަމަވެސް ޔަޝް ޗޯޕްރާއަށް އެ ފުރުސަތު ހޯދައި ނުދެވުމުން އާމިރު އެ ފިލްމު ދޫކޮށްލީ އެވެ. އެންމެ ފަހުން އެ ފުރުސަތު ލިބުނީ ސަނީ ޑިއޯލް އަށެވެ.

ޝާހްރުކް ޚާންއާއެކު އެހެން ފިލްމެއްގެ ލީޑު ރޯލުން އާމިރު ފެނިފައިނުވާއިރު މި ފިލްމަކީ ބޮލީވުޑްގެ އެންމެ ބޮޑު ދެތަރިންނަށް އެކުގައި މަސައްކަތް ކުރުމަށް ލިބުނު އެންމެ ބޮޑު ފުރުސަތެވެ.