ބޮލީވުޑްގެ ތަރި އަދި އިންޑިއާގެ މަޖިލިސް މެމްބަރު ކަންގަނާ ރަނޯޓްގެ ކުރިއަށް އޮތް ފިލްމު "އެމަޖެންސީ"އަށް ގާނޫނީ ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ސިކް ދީނުގެ ޖަމިއްޔާއަކުން މިވަނީ އެ ފިލްމުގައި އެމީހުންގެ ދީނީ ބައެއް ކަންކަން ހަގީގަތާ ހިލާފަށް ދައްކާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެގޮތުން އެ ޖަމިއްޔާއިން ވަނީ އޮސްޓްރޭލިއާގައި އެ ފިލްމު އެޅުވުން ހުއްޓުވަން އެ ގައުމުގެ އެކި ސިނަމާތަކަށް ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައި ބުނެފައިވަނީ "އެމަޖެންސީ"އަކީ ވަކި ޕްރޮޕެގެންޑާއެއް ފަތުރަން އުފައްދާފައިވާ ފިލްމެއް ކަމަށާއި އެ ފިލްމުގެ ސަބަބުން ވަކި ޖަމާއަތަކަށް ކުޑައިމީސް ކުރެވޭ ކަމަށެވެ.

އެ ފިލްމު ސިނަމާތަކުގައި އަޅުވައިފިނަމަ އެގައުމުގައި އުޅޭ ސިކް ދީނަށް އަޅުކަންކުރާ މީހުންގެ މެދުގައި ހަމަނުޖެހުން އުފެދި ގައުމުގެ އާއްމު މަސްލަހަތު ވެސް ގެއްލޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

"އެމަޖެންސީ"އަކީ އިންޑިއާގެ ތާރީހުގައި ފާހަގަކޮށްލެވޭ ސިޔާސީ ޝަހްސިއްޔަތެއް ކަމަށްވާ އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.