އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުން މި ދަނޑިވަޅުގައި ރަނިންމޭޓުން އިއުލާން ކުރައްވަމުން ގެންދަވާތީ، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކުރިމަތިލާއިރު އެހެން ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް، ކޯލިޝަން އެއްބަސްވުންތައް ހެދޭނެ ފަދަ ޖާގައެއް އޮތުން ވަރަށް މުހިންމު ކަމަށެވެ. އަދި ރަނިންމޭޓުގެ މަގާމަކީ އެހެން ޕާޓީތަކާއެކު މަޝްވަރާތައް ކުރިއަށްގެންދާއިރު އެމްޑީޕީއަށް ލިބޭ ސިޔާސީ ބޮޑު ފައިދާއެއް ކަމަށާއި، އެ ފައިދާ ގެއްލޭ ގޮތަށް ކެންޑިޑޭޓުން އަމަލުނުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، އެމަނިކުފާނުގެ ރަނިންމޭޓަކަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ހަމަޖައްސަވާފައިވާ ދަނޑިވަޅެއްގަ އެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ޕްރައިމަރީއަށް ނުކުމެވަޑައިގަތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާއެކު ކަމަށެވެ. އަދި އާޒިމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ރައީސާއި ނައިބު ރައީސަކީ އެ ޕާޓީގެ ދެ ބޭފުޅުންނަށް ވުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާތީ ފައިސަލްގެ ދައުވަތު ގަބޫލުކުރެއްވީ ކަމަށެވެ.
ގައުމީ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވާ ގޮތަކަށް ވެސް ބަލަންޖެހޭ ކަމަށެވެ. އަދި ވެރިކަންކުރާ ޕީއެންސީ ރޫޅޭނެ ކަމަށް ލަފާކުރެއްވޭތީ، އެއްބުރުން އެމްޑީޕީ މޮޅުވެވޭނެ ފަދަ ސިޔާސީ ފޯމިއުލާއެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ފައިސަލް ނަސީމްގެ އިތުރުން، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި މަޖިލިސް މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ. މީގެ ތެރެއިން ރަނިންމޭޓަކު މިހާތަނަށް ކަނޑައަޅުއްވާފައިވަނީ ހަމައެކަނި ފައިސަލް ނަސީމެވެ.
ހުޅުމާލޭގެ މަގުތަކުގައި އާ ސްޕީޑްބްރޭކަރުތައް ހަރުކުރަން ފަށައިފި
އިންތިހާބުގެ ކުރިން އީރާނަށް ހަމަލާ ނުދޭނެ ކަމަށް ޓްރަމްޕް ބުނެފި