ދެކުނު އެފްރިކާގެ ނަސްލީ ތަފާތުކުރުމުގެ (އެޕާތައިޑް) ނިޒާމާ ދެކޮޅަށް މަސައްކަތް ކުރެއްވުމުގެ އިތުރުން އިސްރާއީލުން ގާޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ފާޅުކަން ބޮޑު ގޮތެއްގައި އަޑުއުފުއްލެވި ދެކުނު އެފްރިކާގެ ގާނޫނީ ވަކީލު ނާވީ ޕިއްލޭއަށް 2026 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފި އެވެ.
އިންސާނީ ހައްގުތަކާއި އިންސާފު ގާއިމުކުރުމުގެ ދާއިރާއިން ބައިނަލްއަގުވާމީ ތާރީހުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ޕިއްލޭއަކީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ މަގާމު ވެސް ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ.
މީގެއިތުރުން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާއި ގާޒާގެ ގަތުލުއާންމު ބެލުމަށް އދ. އިން އެކުލަވާލި މިނިވަން ތަހުގީގު ކޮމިޝަނުގެ ރިއާސަތު ވެސް ބެލެހެއްޓެވީ އޭނާ އެވެ.
ނޯބެލް ކޮމިޓީން ފާހަގަކުރި ގޮތުގައި، ޕިއްލޭއަށް މި އިނާމު އަރުވަން ނިންމެވީ އަނިޔާވެރިކަމާ ދެކޮޅަށް ވަކާލާތުކުރެއްވުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށް އޭނާ ކުރެއްވި އުމުރުދުވަހުގެ މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
އުމުރުން 85 އަހަރުގެ ނާވީ ޕިއްލޭއަކީ ދެކުނު އެފްރިކާގެ އެޕާތައިޑް ނިޒާމުގެ ދުވަސްވަރު ސިޔާސީ ކުށްވެރިންގެ ދިފާއުގައި ވަކާލާތު ކުރެއްވި ފުރަތަމަ އަންހެން ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މީގެއިތުރުން ރުވާންޑާގެ ގަތުލުއާންމުގެ މައްސަލަތައް ބެލި އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލްގެ ފަނޑިޔާރުކަމާއި، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ފަނޑިޔާރުކަން ވެސް އޭނާ ވަނީ ކުރައްވާފަ އެވެ.
ޗާލު ވާދީތައް ދޫކޮށް ސްވިޓްޒަލޭންޑްގެ މުޅިން ތަފާތު މަންޒަރެއް!
ސްޓްރެސް މެނޭޖްކުރުމަށް ހިޕްނޮތެރަޕީ
އާމިރުގެ ތަފާތު ފެނިލުމަކާއެކު ސަޕޯޓަރުންގެ ތައުރީފު އޮހެނީ!