ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދިވެހި ރުފިޔާ އެކައުންޓުތަކަށް ދެމުން އައި ޑޮލަރު ސަޕޯޓު ކަނޑާލުމަކީ ބަޣާވާތެއް ކަމަށް ސަރުކާރުން ސިފަ ކުރުމަކީ ލަދުވެތި ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ބޭންކްގެ ނިންމުމަކީ ބަޣާވާތެއްކަމަށް ސިފަކޮށް ބޭންކަށް ނުފޫޒު ފޯރުވައި، ޖިނާއީ ތުހުމަތުތަކެއް ކުރުމުން މުޅި މާލީ ނިޒާމު ފުނޑިދާނެ ކަމަށެވެ.
އާދިއްތަ ދުވަހު ދިވެހި ރުފިޔާ އެކައުންޓުތަކަށް ބީއެމްއެލްއިން ދެމުން ދިޔަ ޑޮލަރު ސަޕޯޓު ކަނޑާލިކަން އިއުލާންކުރުމަކީ ބަޣާވާތެއް ކުރަން އުޅުންކަމަށް ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ ރޭގެ ޕީއެންސީ ޖަލްސާގައި ވިދާޅުވެފަ އެވެ. ރައީސްގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ވަނީ އެއީ ބަޣާވާތެއްކަމަށް ވިދާޅުވެ ބީއެމްއެލްގެ ސީއީއޯ އިސްތިއުފާދިނުމަށް ގޮވާލައްވާފަ އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު އިއްތިފާގުން ދިވެހި ފުލުހުންގެ އިދާރާއިން ވެސް ވަނީ ސަރުކާރު ބޭންކުގެ ނިންމުމަކީ ސަރުކާރު ވައްޓާލަންކުރި ބަޣާވާތެއް ކަމަށާއި އެކަމާއި ގުޅޭ ތަހުގީގެއް ފަށާފައިވާ ކަމަށް ބުނެ ނޫސްބަޔާނެއް ނެރެފަ އެވެ.
ފައްޔާޒު ވިދާޅުވީ ދިވެހިރާއްޖޭގެ ތާރީހުގައި އިއްޔެއަކީ ލަދުވެތި ދުވަހެއް ކަމަށާއި،ދިވެހިރާއްޖޭގެ ވެރިއަކު، މާލީ ބާޣާވާތެއް ގެންނަން އުޅުނީއޭ ކިޔައިގެން ދެއްކި ވާހަކައަކީ ދައްކަންވެސް ލަދުވެތި ވާހަކައެއްކަމަށެވެ.
"މިއަދު ދައުލަތުގެ އިސްވެރިޔާ ނުކުންނަވާ އެބޭފުޅާގެ ކޮންޓްރޯލް އޮތް ބޭންކަކުން ނުކުމެ އެބޭފުޅާގެ ވެރިކަން ބަދަލުކުރަން އޮޕޮޒިޝަން އާއެކު މަސައްކަތް ކުރީއޭ ބުނީމަ އަނެއްކާވެސް ބޭންކްގެ ބޮލުގައި ވަރަށް ބޮޑު ބަދުނާމެއް ދުނިޔޭގެ މާލީ ނިޒާމުގެ ތެރޭގައި އެ އައީ،" ފައްޔާޒު ވިދާޅުވި އެވެ.
މި ސަރުކާރުން މަސައްކަތްކުރަނީ މާލީ ނިޒާމުގެ އިތުބާރު ގެއްލުވާލުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މިހާރު މި ފެންނަނީ ވިސްނުންތެރިކަމެއް ނެތި ބޯހަރު ހުދުމުހުތާރު ގޮތެއްގައި ރައީސް މުއިއްޒު ކަންކަން ކުރައްވާތަންކަމަށް ފައްޔާޒު ވިދާޅުވި އެވެ.