މެލޭޝިއާއަކީ ގިނަ ދިވެހިން ވެސް އެކި ބޭނުންތަކުގައި ދަތުރުކުރާ ގައުމެކެވެ. މި ހަފްތާގެ "ހޮނިހިރު ދަތުރު" ސެގްމެންޓްގައި މި ބަލާލަނީ މެލޭޝިއާގެ މަންޒިލަކަށެވެ.

ވެރިރަށް ކުއަލަލަމްޕޫރުއާ ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި އޮންނަ ކެމަރަން ހައިލޭންޑްސް ކިޔާ އަވަށަކީ އެ އަވަށުގެ ގުދުރަތީ ރީތިކަމަށް މަޝްހޫރު އަވަށެކެވެ. ޖުމްލަ 712 ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ އެ އަވަށުގެ ހާއްސަ ކަމަކީ ހަތަރު ފަރާތަށް ފެތުރިފައި އޮންނަ ފެހިކުލަ ގަދަ ވާދީތަކެވެ.

ކެމަރަން ހައިލޭންޑްސް، މެލޭޝިއާ

ދުރުން ބަލާލާއިރު ފަރުބަދަތަކެއްގެ ސިފައިގައި ފެންނަ ކެމަރޮން ހައިލޭންޑްސްއަކީ މެލޭޝިއާގެ އެންމެ ބިންގަނޑު އުސް އެއް ސަރަހައްދު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި އަވަށުގައި ގާތްގަނޑަކަށް 33،000 މީހުން ދިރިއުޅޭއިރު އޭގެ ތެރޭގައި ޗައިނާއާއި އިންޑިއާގެ އިތުރުން އެނޫން ނަސްލުތަކުގެ މީހުން ވެސް ހިމެނެ އެވެ.

އެކި ކަހަލަ ގަސްގަހާ ގެހި އާލާވެފައިވާ ކެމަަން ހައިލޭންޑްސްގައި އެތައް ހާސް ވައްތަރެއްގެ ޖަނަވާރާއި ސޫފާސޫފި ވެސް ދިރިއުޅެ އެވެ.

މީގެ އިތުރުން ވެސް މި އަވަށުގައި އިންސާނުން ހަދާފައިވާ ގިނަ ފަތުރުވެރިންގެ މަންޒިލްތައް ވެސް ހުރެ އެވެ. އޭގެ ތެރެއިން ވެސް ކެމަރަން ހައިލެންޑްސް ފްލޯރާ ޕާކް ފާހަގަކޮށްލެވެ އެވެ.

ކެމަރަން ހައިލޭންޑްސް، މެލޭޝިއާ

ކެމަރަން ހައިލޭންޑްސް ފްލޯރާ ޕާކްއަކީ އެތައް ހާސް ވައްތަރެއްގެ މާމެލާމެލި އެކުލެވޭހެން ތަރައްގީ ކޮށްފައިވާ މަލުގެ ބަގީޗާއެކެވެ. ބަހާރު މޫސުމުގައި މިތަނަށް އެތައް މިލިއަން ފަތުރުވެރިންނެއް އާދެ އެވެ.

މެލޭޝިއާއަކީ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގިނަ ތަންތަން އެކުލެވޭ ގައުމެކެވެ.