ސައުދީ އަރަބިއްޔާގެ ތެޔޮ އުފުލާ ސުޕަޓޭންކަރަކަށް އަމާޒުކޮށް އީރާނުން ދިން ނުރައްކާތެރި ހަމަލާއެއްގައި ފިލިޕީންސްގެ ދެ ފަޅުވެރިން މަރުވި ހާދިސާ ސައުދީ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
މި ހާދިސާއާ ގުޅިގެން ސައުދީގެ ގައުމީ ޝިޕިން ކުންފުނި "ބަހްރީ" އިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، އެ ކުންފުނީގެ "ސިދްރު" ނަމަކަށް ކިޔާ ޓޭންކަރު ހޯމަ ދުވަހުގެ ރޭ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުން ދަނިކޮށް ވަނީ ސަލާމަތީ ގޮތުން ނުރައްކާތެރި ހާދިސާއަކާ ކުރިމަތިލާން ޖެހިފަ އެވެ.
ކަނޑުދަތުރުފަތުރުގެ ސަލާމަތީ ކަންކަން ދިރާސާކުރާ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، އޮމާންގެ މުސަންދަމް ޕެނިންސިއުލާގެ އުތުރުން ސިދްރު ޓޭންކަރަށް ހަމަލާދީފައިވަނީ ގޮވާތަކެތި ބޭނުންކޮށްގެންނެވެ. މީގެއިތުރުން، ހަމަ އެ ވަގުތު ދެކުނު ކޮރެއާގެ ކުންފުންޏަކަށް ނިސްބަތްވާ "ސެނެގާލް ޕްރޮސްޕެރިޓީ" ނަމަކަށް ކިޔާ ސުޕަޓޭންކަރަކަށް ވެސް މުސަންދަމްގެ އިރުމަތީ ސަރަހައްދުން ހަމަލާއެއް އަމާޒުވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ސައުދީން ކުރާ މި ތުހުމަތުތަކާ ގުޅިގެން އީރާނުން ސީދާ ޖަވާބެއް އަދި ދީފައެއް ނުވެ އެވެ. އެހެންނަމަވެސް، ހުއްދަނެތް މަގަކުން ކަނޑުއޮޅި ހުރަސްކުރަން އުޅުމުގެ ސަބަބުން ދެ ޓޭންކަރެއް ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި އަލިފާން ރޯވި ކަމަށް އީރާނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
މި ހަމަލާތައް ހިނގާފައި މިވަނީ އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމާއި، އޭގެ ރައްދުގައި އަވަށްޓެރި އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލުމާ ގުޅިގެން މަސްރަހު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. މިއީ ފާއިތުވި ޖުލައި މަހަށް ފަހު ދެ ގައުމުގެ ދެމެދުގައި ހިނގި އެންމެ ވަރުގަދަ އަސްކަރީ ކުރިމަތިލުމެވެ.
އީރާނުގެ ސިއްހަތާ ބެހޭ ވަޒީރު ބުދަ ދުވަހު ވިދާޅުވި ގޮތުގައި، އެމެރިކާގެ ހަމަލާތަކުގައި އެ ގައުމުން 18 މީހުން މަރުވެ، 108 މީހުން ވަނީ ޒަހަމްވެފަ އެވެ. އަދި އީރާނުގެ ދެކުނުގެ ރަށެއް ކަމަށްވާ ސިރިކްގައި އޮތް ކައިވެނި ހަފުލާއަކަށް ދިން ހަމަލާއެއްގައި ދެ ކުޑަކުދިން ހިމެނޭހެން ހަތަރު މީހުން މަރުވި މައްސަލައިގައި، އެމެރިކާގެ މައްޗަށް ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު އީރާނުން ވަނީ ކޮށްފަ އެވެ.
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އަށް ހޮލީވުޑް ރެކޯޑެއް!
އެމެރިކާ އާއި އީރާނުގެ ހަމަލާތަކާއެކު ބޮޑު ހަނގުރާމައެއްގެ ބިރު
އެސްއޯއީތަކުގެ މުވައްޒަފުން ޕީއެންސީއަށް ސޮއި ކުރަން އަންގަނީ