ސަރުކާރުގެ ދެ ކުންފުނި ކަމަށްވާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި އެގްރޯނެޓް ކޯޕަރޭޝަން އުވާލުމަށް ސަރުކާރުން ނިންމައިފި އެވެ.
މިގޮތަށް ނިންމާފައި ވަނީ ސަރުކާރުގެ ކުންފުނިތަކަށް ބަދަލުތަކެއް ގެނައުމަށް މިދިޔަ އާދީއްތަ ދުވަހު ކެބިނެޓުން ފާސްކުރި ނިންމުންތަކުގެ ތެރޭގަ އެވެ. އެމްއައިޓީޑީސީ އާއި އެގްރޯނެޓް އުވާލަން ނިންމީ ހަރުދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ.
އެމްއައިޓީޑީސީ އުވާލުމަށް ފަހު، އެ ކުންފުންޏަށް ހަވާލުކޮށްފައިވާ މަސައްކަތްތަކާއި މަޝްރޫއުތައް ބަދަލުކުރަން ނިންމީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އަށެވެ. އެގްރޯނެޓް އުވާލުމަށް ފަހު، އެ ކުންފުނީގެ މަސައްކަތްތައް ބަދަލު ކުރަން ނިންމީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުންޏަށެވެ.
އެ ކުންފުނިތައް އުވާލުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެގްރޯނެޓަކީ ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ. އަދި އެގްރޯނެޓްގެ މަސައްކަތް ބަދަލުކުރާ ފްރީ ޒޯން ކުންފުންޏަކީ އުތުރުތިލަފަޅުގައި ޗައިނާ ކުންފުންޏަކާ ގުޅިގެން ދަނޑުވެރިކަމުގެ މަސައްކަތް ކުރަން މި ސަރުކާރުން އުފެއްދި ކުންފުންޏެކެވެ.
އެމްޓީޑީސީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދެވި ކުންފުޏެކެވެ. އެގްރޯނެޓް އުފެއްދެވީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާގަ އެވެ.
މިނިންމުގެ އިތުރުން އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ، މޯލްޑިވްސް އެއާޕޯޓްސް ކޮންމްޕެނީ ލިމިޓެޑް (އެމްއޭސީލް)ގެ ދަށަށް ބަދަލުކުރުމަށާއި، އެޗްޑީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން މާޖް ކުރުމާއި އަދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް އާއި ބީސީސީގެ މަސައްކަތްތަށް އެކުގައި ކުރިއަށް ގެންދެވޭނެ ގޮތަކާމެދު މަޝްވަރާކޮށްފަ އެވެ.