ފުވައްމުލަކު ހޮސްޕިޓަލާއި ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެފްއީއޯސީ) އަށް 107،000 ރުފިޔާގެ ތަކެތި އެ ރަށު ޒުވާނުންތަކެއް ހަދިޔާކޮށްފި އެވެ.

އެ ތަކެތި ހަވާލުކުރީ ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފޭސްބުކްގައި ލައިވްކުރި އެ ރަސްމިއްޔާތުގައި ފުވައްމުލަކު މޭޔަރު އަބްދުﷲ ފަލާހު ޝަރީފާއި ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ފުވައްމުލަކު ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދިޔަ މިހަރަކާތާ ބެހޭގޮތުން ސައީދު ވަނީ އެ ތަކެއްޗަކީ ކޮވިޑްގެ ކަންކަމުގައި އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުންގެ މަސައްކަތަށް ނުހަނު ބޭނުންތެރި ތަކެތިކަން ފާހަގަ ކުރައްވާފަ އެވެ. އަދި އެ ރަށު ޒުވާނުން އިސްނަގައިގެން މިފަދަ ހަރަކާތެއް ހިންގުމަކީ ލިބުނު "ސަޕްރައިޒެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހަރަކާތުގެ ތެރެއިން އެފްއީއޯސީ އާއި ފުވައްމުލަކު ހޮސްޕިޓަލަށް 16 އައިޕެޑް، 10 އިންފްރާރެޑް ތާމޯމީޓަރު، ޕްލަސް އޮކްސިމީޓަރު، ހަތަރު ޑިޖިޓަލް ބީޕީ އެޕަރޭޓަސް ވަނީ ހަދިޔާކޮށްފަ އެވެ. އަދި ބާކޯޑް ޕްރިންޓަރާއި ސެނިޓައިޒާ މެޝިނާއި ކޫލްބޮކްސްގެ އިތުރުން ވެސް ގިނަ އަދަދެއްގެ ސާމާނު ވަނީ ހަދިޔާކޮށްފަ އެވެ.

މިހަރަކާތާ ބެހޭ ގޮތުން މޭޔަރު ފަލާހު ވިދާޅުވީ ފުވައްމުލަކު ރައްޔިތުންނަކީ މިފަދަ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކާ ބައެއް ކަމަށެވެ. އަދި ކުރިމަގުގައި ވެސް ރައްޔިތުންގެ ފަރާތުން މިފަދައިން އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު ޒުވާނުން އެރަށު ހޮސްޕިޓަލާއި އެފްއީއޯސީއަށް ހަދިޔާކުރި ތަކެތި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިހަރާކާތް ރާވާ ހިންގި ފުވައްމުލަކު ސޯޝަލް މީޑިއާ ގްރޫޕޫން ބުނީ މިއީ ކޮވިޑާ ގުޅިގެން އިސް ސަފުގައި މަސައްކަތްކުރާ މީހުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ހިންގި ހަރަކާތެއް ކަމަށެވެ.

މިއަދު ހަދިޔާކުރި ތަކެތީގެ އިތުރުން ހޮސްޕިޓަލަށް ބޭނުންވާ އިތުރު ތަކެތި ހޯދައިދިނުމުގެ މަސައްކަތް އެ ޒުވާނުން މިހާރު ކުރަމުންދާ ކަމަށް އެޓީމުން ބުންޏެވެ.

އެ ޓީމުގެ ފަރާތުން ނަސްރު އަލީ ވިދާޅުވީ ޒުވާނުންގެ ޓީމުން ކުރި މަސައްކަތުން 30 ގަޑިއިރުގެ ތެރޭގައި 107،000 ރުފިޔާ އެއްކުރެވުމަކީ ކޮވިޑާ ގުޅިގެން އެރަށުގައި ހިންގޭ އޮޕަރޭޝަންތަކަށް ރައްޔިތުންދޭ އަހަންމިއްޔަތުކަމާއި އަދި އިސް ސަފުގައި މަސައްކަތްކުރާ ބޭފުޅުންގެ ބުރަ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން ދޭހަވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިފަދަ ކޮންމެ ހާލަތެއްގައިވެސް ފުވައްމުލަކު ރައްޔިތުންގެ އެއްބައިވަންތަކަމާއި އަޚުވަންތަކަން ވަރަށް ފުރިހަމައަށް ފެނިގެންދާ ކަމަށް ނަސްރު ވިދާޅުވި އެވެ. އަދި މިކަމުގައި މުޅި ރާއްޖެއަށް ވެސް ފުވައްމުލަކުގެ ރައްޔިތުން ނަމޫނާ ދައްކައިފިކަމަށް ނަސްރު ފަަޚުރުވެރިކަމާއެކު ވިދާޅުވި އެވެ.

ފުވައްމުލަކު ޒުވާނުން އެރަށު ހޮސްޕިޓަލާއި އެފްއީއޯސީއަށް ހަދިޔާކުރި ތަކެތި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުވައްމުލަކުން މިހާތަނަށް ޖުމްލަ 51 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މީގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 19 ކޭސްއެއް އުޅޭއިރު 51 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ.

ފާއިތުވެދިޔަ ދެ ދުވަހު އެ ރަށުން އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.