ކަރާޓީއޭ ބުނުމުން އެންމެ ފުރަތަމަ ވެސް ހީވާނީ އެކަކު އަނެކަކުގެ ގަޔަށް އަތްލާ އަނިޔާކުރާ ހެންނެވެ. ނަމަވެސް އޭގެ މާނަ ދެނެގަތުމަށް ތަންކޮޅެއް އަޑިއަށް ފީނާލުމުން އެއީ އަމިއްލަ ނަފްސް ދިފާއުކުރުމަށް ބޭނުންކުރެވޭ ސެލްފް ޑިފެންސްގެ ހަރަކާތްތަކެއް ކަން އެނގިގެން ދާނެ އެވެ. ޒަމާނީ ބަހުންނަމަ މާޝަލް އާޓްސްއަކީ މިބުނި ފަދަ ސެލްފް ޑިފެންސްގެ އުކުޅުތަކާއި ހަރަކާތްތަކަކާއި އަމިއްލަ ނަފުސު، ދުނިޔެ ގަބޫލުކުރާ އަޚްލާގީ މިންގަނޑުތަކެއްގެ ތެރޭގައި ތަރުބިއްޔަތު ކުރުމަށް ދެވިފައިވާ ނަމެކެވެ. މާޝަލް އާޓްސްގެ ތެރޭގައި ހިމެނޭ ކުންފޫއަކީ މިހާރު މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ މީހުން ދަސްކުރާ ސެލްފް ޑިފެންސްގެ ހަރަކާތެވެ.
ރާއްޖޭގައި ކުންފޫ ހަރަކާތްތައް ވަރަށް ފުޅާދާއިރާއެއްގައި ހިންގަމުން އަންނަ މުހައްމަދު އަޒާން ބުނާގޮތުގައި މާޝްލް އާޓްސް ދާއިރާއަށް ފުރަތަމަ ޝައުގުވެރިކަން އުފެދުނީ ކުޑައިރު ކުންފޫގެ ހަރަކާތްތައް ދައްކުވައިދޭ ފިލްމް ބެލުމުގެ ތެރެއިންނެވެ.
އެކަމުގެ ތެރެއަށް އޭނާއަށް ރަނގަޅަށް ވަދެވުނީ 2010 ގައި އުމުރުން 18 އަހަރުގައި ރާއްޖޭގައި ވޫޝޫ އެސޯސިއޭޝަންއެއް ހުންނަކަން އެނގި އެތަނަށް ދާން ފެށި ހިސާބުންނެވެ. ވޫޝޫ އަކީ ޗައިނީސް މާޝަލް އާޓްސްއަށް ކިޔާ ނަމެވެ. އޭރު އެތާނގައި ހުސެން ޒާހިރު ކިޔާ މާޝަލް އާޓްސް ކޯޗެއް އިސްކޮށް ހުރެ، ބޭރު ކޯޗުން ވެސް ގެނެސް މާޝަލް އާޓްސްގެ ހަރަކާތްތަކެއް ދިޔައީ އެއެސޯސިއޭޝަންގައި ހިންގަމުންނެވެ.
"ހުސެން ޒާހިރަކީ މާޝަލް އާޓްސްގެ ރޮނގުން ތަމްރީން ލިބި، މުބާރާތްތަކުގައި ވެސް އެކި ވަނަތައް ހާސިލްކޮށްފައިވާ މޮޅު އިންސްޓްރަކްޓަރެއް. އަޅުގަނޑު 2013 ގައި ހަޔާ ސްޓަޑީޒްއަށް ފުރަން ދެން ހުސެން ޒާހިރު ކައިރިން ޓްރެއިންވީ. މިކަމުގެ ތެރެއަށް ވަނުމަށް މަގުފަހި ކޮށްދެއްވީތީ ހުސެން ޒާހިރަށް މިއަދު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" މެރިން ސައިންސް އެންޑް އެންޓާކްޓިކްސްގެ ދާއިރާއިން 2017ގައި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ޓެޒްމޭނިއާގައި ބެޗެލާސް ޑިގްރީ ހާސިލްކޮށްފައިވާ އަޒާން ބުންޏެވެ.
ބޭރުން ވެސް ތަމްރީނު ލިބުނު
އަޒާން ކިޔަވަން ހުރި އިރު އެ ސްޓޭޓްގައި ކުންފޫ ސްކޫލަކުން ޓްރެއިން ވާން ފުރުސަތު ލިބި، އެތަނުގައި އޭނާ ވަނީ ގިނަ ޓްރޭނިންތައް ވެސް ފުރިހަމަކޮށްފަ އެވެ. އޭނާ ބުނިގޮތުގައި އެތާނގެ ކުންފޫ ސްކޫލްގެ އިންސްޓްރަކްޓަރުންނަކީ ވެސް ވަރަށް ތަޖުރިބާކާރު އެކި ކަހަލަ ޕްރޮގްރާމްތައް ހިންގާފައިވާ ވަރަށް ޕްރޮފެޝަނަލް ބައެކެވެ.
ކިޔެވިއިރު ލިބޭ ޗުއްޓީގައި މާލޭގައި ވެސް ކުންފޫގެ ޓްރޭނިންތައް އޭނާ ކުރިއަށް ގެންދިޔަ އެވެ. އެގޮތުން 2013، އިން ފެށިގެން 2016ގެ ނިޔަލަށް މެދުނުކެނޑި މަސައްކަތްކޮށް ކުންފޫގެ ގިނަ ލެވެލްތަކެއް އޭނާ ވަނީ ފުރިހަމަކޮށްފަ އެވެ. ކުންފޫ ޓްރޭނިންގެ ތެރެއިން އޭނާއަށް ވަރަށް ގިނަ ކަންކަން ދަސްވިކަން އަޒާން ފާހަގަ ކުރެ އެވެ. އެއިން އެއްކަމަކީ ކުންފޫ ކަހަލަ މާޝަލް އާޓްސްއަކީ ފައިޓް (އަނިޔާ) ކުރުމަށް ކުރެވޭ ކަމެއް ނޫން ކަމާއި، ވަރަށް ބޮޑަށް މީހާ ޑިސިޕްލިން ކުރުވާކަމެއް ކަން ފާހަގަވިކަމެވެ. ޑިސިޕްލިން ކުރުމުގައި ހިމެނެނީ ވަގުތު މެނޭޖްކުރަން ދަސްކޮށްދިނުމާއި، ފައިދާހުރި ކަނާ ކާން ދަސްކޮށްދިނުމާއި، ފިޓްކޮށް ހުރުމަށް ކަސްރަތު ކުރަން ޖެހޭނެކަން ދަސްކޮށް ރަނގަޅު އަޚްލާގެއް ބިނާ ކުރުމާއި، އޯގާތެރިވުމާއި، އެހެން މީހުންނަށް އަޅާލުމާއި، އެހީތެރިވުމެވެ.
"އަޅުގަނޑު ކުންފޫ ރޭންކްސްތަކުން މައްޗަށް އަރަމުން ގޮސް 2017 ވަނަ އަހަރު ގްރެޖުއޭޓްވިއިރު ހުރީ ކުންފޫ ކަރިކިއުލަމް ވެސް ފުރިހަމަ ކުރެވިފައި،" އޮސްޓްރޭލިޔާގައި ބެޗެލާސް ޑިގްރީ ހަދަމުން ކުންފޫ ޓްރޭނިންތައް ވެސް ފުރިހަމަކޮށް ކުންފޫ ކަރިކިއުލަމް ވެސް ނިންމި އަޒާން ކިޔައިދިނެވެ.
ކިޔަވަން ދިއުމުގެ ކުރިން އަޒާން އަދާކުރި ވަޒީފާއަކީ މިނިސްޓްރީ އޮފް ފިޝަރީޒްގެ މެރިން ރިސާޗް ސެންޓާގައި ރިސާޗް އޮފިސަރެއްގެ މަގާމެވެ. ކިޔަވައި ނިންމާފައި އައިސް ކޮވިޑާ ޖެހެންދެން ކްރޮސްރޯޑްސްގައި މެރިން ޑިސްކަވަރީ ސެންޓާގެ ލެބޯޓަރީ ސެޓްއަޕް ހެދުމުގެ މަސައްކަތުގައި ދުވަސްކޮޅެއް ހޭދަކުރި އެވެ. ކޮވިޑަށްފަހު މަސައްކަތް ކުރަން ފެށީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް ނުވަތަ މިހާރުގެ ނަމުން ނަމަ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓްގެ އެންވަޔަރަމަންޓް އެނަލިސްޓްގެ ވަޒީފާގަ އެވެ. މިހާރު ވެސް ހުރީ އެ ޒިންމާދާރު ވަޒީފާގަ އެވެ.
ކުންގުފޫ އެކަޑެމީ ވުޖޫދުވުން
އަޒާން ދެން ވިސްނީ ދަސްކުރި އެއްޗެއް އެހެން މީހުންނަށް ފޯރުކޮށްދިނުމެވެ. ވީމާ ސަރުކާރުގެ ވަޒީފާއާ ގުޅުނު ނަމަވެސް މާޝަލް އާޓްސްގެ މަސައްކަތް އޭނާ ކުރިއަށް ގެންދިޔައީ އެސޯސިއޭޝަން ފޯ މާޝަލް އެތްލީޓްސް އާ ގުޅި، އެ މީހުންނާ އެކީ އެދިގެން އެ މީހުން ކޮލޭބްރޭޓްކުރާ ގޮތަށެވެ.
"އަޅުގަނޑު ފެށީ ވިންޗުން ކުންފޫ ކްލާސްތައް. އެއީ ވިންޗުން ކުންފޫއަކީ މިހާރު ދުނިޔޭގެ އެންމެ އާއްމުކޮށް ޕްރެކްޓިސް ކުރާ މާޝަލް އާޓްސްއަށް ވެފައި، އަމިއްލަ ނަފްސް ދިފާއުކުރުމަށާއި މީހާގެ ކެރެކްޓާ ޑިވެލޮޕް ކުރުމަށް ބޭނުންކުރާ އެއްޗެއް އެއީ. އަޅުގަނޑު ހިތަށް އެރީ މިކަން ވެއްޖެޔޭ ރާއްޖޭގައި ކުރަން. ރާއްޖެއަށް ވަރަށް ބޭނުންތެރި އެއްޗެކޭމީ،" އޭނާ ބުންޏެވެ.
އެކި ކޯސްތައް ހިންގަމުން ގޮސް 2022ގައި ވިންޗުން ކުންފޫގެ މާސްޓާ ލެވެލްއަށް އޭނާ ކޮލިފައިވި އެވެ. އަދި ޕެރިސްގެ ހޮރައިޒަން ޔުނިވާސިޓީ އިން މާސްޓާއޮފް އާޓްސް އިން މާޝަލް އާޓްސް ސްޓަޑީސް ހާސިލްކުރި އެވެ. މިހާރު އޭނާއަކީ ކުންފޫގެ އެންމެ މަތީ ލެވެލްގެ އިންސްޓްރަކްޓަރެކެވެ.
"ކްލާހަށް ކުދިން ގެނެސްގެން ކުރިއެރުވުމުގެ ބޭނުމުގައި 2024 ގައި ކުންފޫ އެކަޑަމީއެއް އުފެއްދީ. މި އެކަޑަމީ އުފެއްދުމުގައި އިންޓަނޭޝަނަލް މާޝަލް އާޓްސް އޮގަނައިޒޭޝަންއެއްގެ ލޯޔަރުންނާއި، ޓެކްނިކަލް ބޭފުޅުންނާއި އަދި އަޅުގަނޑާއި ވަރަށް ގާތް ގުޅުމެއް އޮންނަ ހޮބާޓް ސްކޫލްގެ ބޭފުޅުން ވެސް ބޮޑު ސަޕޯޓަކާއެކު މިއެކަޑަމީ ހުޅުވުނީ،" ކުންފޫ އެކަޑަމީގެ ޓްރޭނިން އެންޑް ލާނިން މެނޭޖްމަންޓްގެ ޑިރެކްޓަރުގެ ގޮތުގައި މިހާރު ހުރި އަޒާން ބުންޏެވެ.
އެކަޑަމީގެ ގޯލް ވަރަށް ތަފާތު
ކުންފޫ އެކަޑަމީގެ ގޯލްއަކީ 2030 އާ ހަމައަށް ދާން ވާއިރަށް 70 ޕަސެންޓް އަމާޒް ހާސިލްވެގެން ދިއުމެވެ. އަދި ރާއްޖެ މިހާރު އޮތް ހާލަތުގައި، މީހުންނަށް ދިމާވާ ކަންތަކުން ސަލާމަތްކަން ލިބި، ރައްކާތެރިވެ ތިބެވޭނެ ބައެއް ތަމްރީނު ކުރާ ޓްރޭނިން އިނސްޓިޓިއުޝަންއަކަށް ވެގެންދިއުމެވެ. އަދި މުޖްތަމައަށް ނުކުންނަ މީހާއަކީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ވަރުގަދަ، ރަނގަޅު ކެރެކްޓާއެއް އަދި ރަނގަޅު ޑިސިޕްލިންއެއް ލިބިފައި ހުރި ބައެއް ތަމްރީން ކުރެވޭނެ އިންސްޓިޓިއުޝަންއަކަށް ވެގެން ދިއުމެވެ. މީގެ އިތުރުން މި އެކަޑަމީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ އދ. ގެ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލްސްއަށް ޕްލެޖް ކުރި ފުރަތަމަ މާޝަލް އާޓްސް އެކަޑަމީ އެވެ. ޖަމިއްޔާގެ ހަ ގޯލަކަށް އަމާޒުކޮށް މަސައްކަތް ފަށައިގެން ކުރިއަށް ގެންދެވެ އެވެ.
މާޝަލް އާޓްސް މުހިންމުވާ ސަބަބު
މާޝަލް އާޓްސްއަކީ ހެވިކަމުގެ ކުޅިވަރާއި ކަސްރަތުތަކަށް އިނގިރޭސިން ކިޔާ ނަމެވެ. މިހާރު މިކަން އެކި މުއައްސަސާތަކުގައި އެކި ގޮތަށް ބޭނުން ކުރެވެމުން އެބަދެ އެވެ. ސިފައިން، ޕޮލިހުން މިލިޓަރީ ބޭނުމެއްގައި ބޭނުންކުރާއިރު އާންމުން ސެލްފް ޑިފެންސްގެ ގޮތުގައި ބޭނުންކުރެ އެވެ. އުމުރުން ދުވަސްވީ މާޝަލް އާޓްސް ކަސްރަތެއްގެ ގޮތުގައި ބޭނުންކުރެ އެވެ. ބައެއް ގައުމުތަކުގައި ތެރަޕީއެއްގެ ގޮތުގައި ވެސް ބޭނުންކުރެވެ އެވެ. .
އަޒާން ބުނިގޮތުގައި ކުންފޫ އެކަޑަމީގައި ހިންގަނީ ސްޓޫޑަންޓް ޑްރިވަން ޕްރޮގްރާމެކެވެ. ކުޑަކުދިން އެ އެކަޑަމީއަށް ޖޮއިންކުރަނީ ތެރަޕީއެއްގެ ގޮތުގައި ދެކިގެން އަދި ކޮންފިޑެންސް ޑިވެލޮޕް ކުރުމަށެވެ. ކޮންމެ ކޮންޑިޝަންއެއްގެ ކުއްޖެއް ނަމަވެސް ކުންފޫ ކްލާސްތަކަށް ބަލައިގެނެ ތަފާތު ގެނެވޭތޯ އެ އެކަޑަމީއިން މަސައްކަތް ކުރާނެ އެވެ. ފުރަތަމަ ޖޮއިންކުރާ ކުދިންގެ އެސެސްމަންޓް ހަދަ އެވެ.
އެ އެކަޑަމީގެ ޓްރެއިނިން އެޕްރޯޗް ބޭނުންކުރުމުން 6-8 މަސް ތެރޭގައި ކުދިންނަށް ބަދަލު އަންނަކަން އޭނާ އުފަލާއެކު ފާހަގަ ކުރެ އެވެ.
"އަޅުގަނޑުމެން ސެޝަންތައް ނަގައިދިނިން ނުކުޅެދުންތެރިކަން ހުރި ކުދިންގެ ކޮމިއުނިޓީއެއް ކަމުގައިވާ ވިލި ޖޯލި ކުދިންނަށް. ތިމާ އިށީނދެގެން މި އިންނަ ގޮނޑިއަކީ ވެސް ހަތިޔާރެއްގެ ގޮތަށް ބޭނުން ކުރެވޭނެ އެއްޗެއްކަން އެ ކުދިންނަށް އެދުވަހު ގަބޫލުކުރެވުނު،" އޭނާ ބުންޏެވެ.
އަޒާން ދެކެން ބޭނުންވާ ދުވަހެއް
ފުރާނައަކީ އަގުކުރެވޭނެ އެއްޗެއް ނޫނެވެ. ދުވަހެއް ދުވަހަކަށް ރާއްޖޭގައި އަނިޔާވެރިކަން އިތުރުވަމުންދާއިރު ސެލްފް ޑިފެންސަކީ މިއަދު ރާއްޖެއަށް ކޮންމެހެން ބޭނުން އެއްޗެކެވެ. ވީމާ ނުރައްލަކާއި ކުރިމަތިވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ އެންމެ ބުއްދިވެރި ގޮތެވެ.
"ރާއްޖޭގެ ގާނޫނުގަ އެބައޮވޭ ވަރަށް ސާފޮކޮށް ބުނެފައި ދިވެހި ރައްޔިތަކަށް ލިބިދޭ ގާނޫނީ ބާރެއްކަން އެއީ އަމިއްލަ ނަފްސު ދިފާއު ކުރުން. މިކަން ކިތައް ރައްޔިތުންނަށްތޯ އެނގެނީ މީ މިއަދު ކޮށްލަން ޖެހޭ ސުވާލެއް،" އަޒާންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ހިއްސާކޮށްލަމުން ބުންޏެވެ.
ކުންފޫ އެކަޑަމީއެއް ހިންގާ މީހެއްގެ ހައިސިއްޔަތުން އަޒާން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކުންފޫ އެކަޑަމީއަށް އަންނަ ކުދިންގެ އިތުރުން އާންމު ފަރުދުންނަކީ ވެސް ހަމަލާއެއް ދިނުމަށް އަންނަ މީހަކަށް އެފުރުސަތު ނުދީ އަމިއްލަ ނަފްސު ސަލާމަތް ކުރުމަށް ފިޒިކަލީ، މެންޓަލީ ތައްޔާރުވެފައި ތިބި ބައެއް ކަމަށްވުމެވެ.