ހުނިހަކުރު ފޮޅި ނުވަތަ ފަތަފޮޅިއަކީ ދިވެހި ސަގާފީ ފޮނި ކާތަކެތީގެ ތެރޭގައި ހިމެނޭ ދިވެހިންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރު މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ފޮނި ކާއެއްޗެއް. ދުނބުރި ފަތުގައި ހަދާ ހުނިހަކުރު ފަތަފޮޅި ބައެއްމީހުނަށް މީރުވާއިރު އަނެއްބައި މީހުނަށް މީރީ ދިއްގާފަތުގައި ހަދާ ފަތަފޮޅި. ހުނިހަކުރު ހެދުމަށް ޅަގަބުޅީގެ ހުންޏާއި، ރާނބާފަތާއި، ހަކުރާއި އަދި ފެނާއި އަޅައިގެން ގިރުމަށްފަހު ތެލި އުނދުން މައްޗަށް އުދައި ހިލަނީ. ހުނިހަކުރު ބޭރުފުށްގަނޑު ހަދާނީ، ހަރުގަބުޅީގެ ހުނި ގާނައި ފުނޑާލައިފައި، ފުށާ އެއްކޮށް މޮޑެލާނީ. ދެން ހުނިހަކުރު ފަތަފޮޅިތައް، ހޫނު ތަވާމަތީ އަތުރައި ފިހެލަނީ.

ކާތަކެތި ކިރާ މެޝިންތައް ގޭގޭ ބަދިގެއަށް ލިބުމުގެ ނަތީޖާއަކަށްވީ ރެސްޓޯރެންޓުތަކުގައި ތައްޔާރު ކުރާ ކާއެއްޗެއްސާއި ގޭގައި ތައްޔާރު ކުރާ އެއްވައްތަރެއްގެ އެއްނަމެއްކިޔާ ކާއެއްޗެހީގައި ވެސް ދާދި އެއްރަހައެއް ހުރުމެވެ. މިސާލަކަށް ބުނާނަމަ، ކެފޭ ނުވަތަ ރެސްޓޯރަންޓެއްގައި ތައްޔާރު ކުރާ ޗީޒް ކޭކުގައި ދޭރަހަ ގޭގައި ތައްޔާރުކުރާ ޗީޒް ކޭކުގައި ނުދޭނަމަ، ގޭގަ ތައްޔާރުކުރި ޗީޒް ކޭކު ހަދަން ނޭނގެނީ ކަމަށް ގަބޫލުކުރެވެ އެވެ.

ނަމަވެސް ދިވެހި ކެއުންތައް އަދިވެސް ކޮންޓްރޯލް ކޮށްފައި ވަނީ ގެވެށި ކުޅަދާނަ ކައްކާއިން އެމީހުންގެ ހިތުލަފައިން ކަނޑައަޅާ މިނެކިރުމަށް ބަރޯސަވެގެންނެވެ. ދިވެހި ސަގާފީ ކާނާއަކަށް އަދިވެސް ކިރާ މޭޝިނުގެ އަސަރެއް ފޯރާފައެއް ނުވެއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެއަށް ދިވެހި ކައްކާއިންގެ ކުޅަދާނަކަމޭ ވެސް ބުނެވިދާނެ އެވެ. ރޯދަމަހު އެތައް ބަޔަކަށް ދިވެހި ބަދިގެތަކުގައި ކައްކާލަނީ މިބުނާ ހިތުލަފައަށް ބަރޯސަވެ ތިބެ އެވެ. ފިޔާ، ލުނބޯ، އިނގުރު، އަދި މިރުވެސް ދިވެހި ކެއްއުންތަކަށް އެއްކުރަނީ ވަކި ސީދާ މިންގަނޑެއް ނެތި ހިތު ލަފަޔަށެވެ. އެކި ގޭގޭގައި އެއްނަމެއް ކިޔާ ހެދިކާއެއް ހެދި ނަމަވެސް ތަފާތު މީރު ރަހަދޭ ސަބަކީ ހިތުލަފަޔަށް ތަކެތި އެއްކުރާތީ އެވެ.

ހިތުލަފަޔަށް ތައްޔާރުކުރާ މީރު ހުނިހަކުރު ފޮޅި ނުވަތަ ފަތަފޮޅިއަކީ ދިވެހި ފޮނިކާތަކެތީގެ ތެރޭގައި ހިމެނޭ ދިވެހިންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރު މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ފޮނި ކާއެއްޗެކެވެ. ޅަގަބުޅި އާއި ހަރު ގަބުޅި ލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުނިހަކުރު ތައްޔާރު ކުރާގޮތް ތަފާތުވި ނަމަވެސް، އެއިން ކޮންމެ ހުނިހަކުރު ފަތަފޮޅިއެއް ކާލި ނަމަވެސް ސިކުނޑިއަށް ތަފާތު އިހުސާސެއް ގެނުވައިދެ އެވެ.

ނ. މާފަރު، ދާންނާގޭ މަރިޔަނބު ދައިތައަކީ ދުނބުރިފަތުގައި ހުނިހަކުރު ފަތަފޮޅި ހިތުލަފަޔަށް އެއްޗެހި އެއްކޮށްގެން އެންމެ އިހުޒަމާނުގެ ގޮތަށް ހަދާ މޮޅު އަދި ހީވާގި ކެއްކުންތެރިއެކެވެ. ރަށުގެ އިޖުތިމާއީ ކަންކަމުގައި ވެސް ނަގާކިޔާ މީހުންގެ ތެރޭގައި ވެސް ހިމެނޭ މަރިޔަނބު ދައިތައަކީ ކުރީގެ ސިއްޚީ ޚިދުމަތްތެރިއެއް ވެސް މެ އެވެ.

"އަޅުގަނޑަކީ ކުރިން ފޫޅުމައެއް. މާފަރު ސިއްޚީ މަރުކަޒުގައި މަސައްކަތް ކުރީ. އެލައިޑް ހެލްތުން ހަ މަސް ދުވަހުގެ މުއްދަތަށް ހިންގި ފޫޅުމައިން ތަމްރީނުކުރާ ކޯހުން ފާސްވެގެން، ފޫޅުމާފޮށި ހިފައިގެން އަޅުގަނޑުގެ މަންމަ ކައިރިއަށް ގޮސް ބުނިން ޑޮކްޓަރީ ފޫޅުމާކަން ކިޔެވުނީއޭ. ދެން ދިވެހި ފޫޅުމާކަން މަންމަ ކިޔަވައިދޭށޭ. ދެން މަންމަ ހުރިހާ އެއްޗެއް ބުނެދިނީ،" މަރިޔަނބު ދައިތަ ކިޔައިދިނެވެ.

އޭނާ އަކީ މާފަރުގައި ހެދިކާ ވިއްކުމުގެ ވިޔަފާރި ވެސް ކުރި ވަރަށް މަސައްކަތްތެރި މީހެކެވެ.

"އަޅުގަނޑު އެންމެކުރިން ހެދިކާ ވިއްކާ އުޅުނީ ވީލްބަރޯއަކަށް ހެދިކާ އަޅައިގެން ރަށުގެ އެކި ސަރަހައްދު ތަކަށް ގެންގޮސްގެން. ދުވާލެއްގެ މައްޗަށް ސާޅީހާއި ފަންސާހާއި ދޭތެރޭގެ އަދަދަކަށް، ވަރަށް ބުރަ މަސައްކަތުން ހަދާ ހުނިހަކުރު އޭރު ވިއްކީ އެންމެ ދެ ރުފިޔާއަށް. އެގޮތަށް ހެދިކާގެ ވިޔަފާރި ކުރަމުން އައިސް ފަހުން އެކަން ހުއްޓައިލައިފައި، ގޭގައި ކެފޭއެއް ހިންގަން ފެށީ. އެ ކެފޭގައި އިސްކޮށް އުޅުނީ އަޅުގަނޑުގެ ފިރިމީހާ އާއި ދަރިން. އެތާނގައި ވިއްކީ ކޭކާއި، ގަބުޅި ބޯކިބާލާއި އަދި، ހަނޑުލުގުޅަ ފަދަ ހެދިކާތައް. ހުނިހަކުރުގެ އިތުރުން މިބުނީ،" އޭނާ ކިޔައި ދިނެވެ.

ހުނިހަކުރު ފަތަފޮޅި:ދުނބުރި ފަތުގައި ހެދީމައި ދެނީ ތަފާތު މީރު ރަހައެއް

މަރިޔަނބު ދައިތަ މިހާރު ވެސް ހުނިހަކުރު ހަދަނީ އޭނާގެ މަންމަ ކައިރިން ދަސްކުރިގޮތަށް އެއްވެސް އުނި އިތުރެއް ނުގެނެސް އެންމެ ކުރީޒަމާނެކޭ އެއްފަދައިން ދުނބުރި ފަތް ބޭނުންކޮށްގެނެވެ. ބައެއް ރައްރަށުގައި ދިއްގާފަތް ބޭނުން ކުރިނަމަވެސް މާފަރު މީހުނަށް މީރީ ދުނބުރިފަތުގައި ހަދާ ހުނިހަކުރު ފަތަފޮޅިކަމުގައި އޭނާ ބުންޏެވެ. އޭގެ ރެސިޕީ ކިޔައިދެމުން އޭނާބުނީ ހުނިހަކުރު ހެދުމަށް ޅަގަބުޅީގެ ހުންޏާއި، ރާނބާފަތާއި، ހަކުރާއި އަދި ފެން އަޅައިގެން ގިރުމަށްފަހު ތެލި އުނދުން މައްޗަށް އުދައި ހިލުމަށެވެ. އަދި ފުލުގައި ހިފިޔަ ނުދީ ތެލީގެ ފުލުގައި ދޭފަތް ހާކަމުން ގެންދިއުމަށެވެ.

"ހުސްފެނުގެ ބަދަލުގައި މާ ފެނުގައި ވެސް ގިރިދާނެ، އެމީހަކު ބޭނުމިއްޔާއި ފޮނިތޮށި ކާފޫރުތޮޅި ވެސް ލެވިދާނެ. އަހަރުމެން ނުލަން އެ އެއްޗިއްސެއް، ތާޒާ ރާނބާފަތުން މީރުރަހަ ނުކުންނާނެ،" އޭނާ ކިޔައިދިނެވެ.

ތަކެތި ކިރަނީ ކިހިނެތްތޯ ނުވަތަ އެއްޗެހި އަޅާ މިންގަނޑަކީ ކޮބައިތޯ އެހުމުން އޭނާބުނީ، އެއީ އެމީހުން ކުރާކަމެއް ނޫން ކަމުގަ އެވެ.

"އަހަރުން މިންގަނޑެއް ނުބަލަން އެއްވެސް ވަރަކަށް. ހުނިގަނޑަށް ބަލާލައިފައި، ލަފާކޮށްލައިފައި ފުށް އަޅައިގެން މޮޑެލަނީ. އެއްޗެހި އަޅަނީ ހީއަށް ބިނާކޮށް. ފޮނިމަޑުހެން ހީވީމަ ހަކުރު ކޮޅެއް އަޅާލަނީ. ކެކުނުކަން ޔަގީންކުރަނީ ހުނިހަކުރު ހިނދި ތަތްލާން ފެށީމައި،" މަރިޔަނބު ދައިތަ ކިޔައިދިނެވެ.

ހުނިހަކުރު ބޭރުގަލާ ފުށްގަނޑު ހަދާގޮތް ކިޔައިދެމުން ބުނީ، ހަރުގަބުޅީގެ ހުނި ގާނައި ފުނޑާލައިފައި، ފުއްގަނޑު މޮޑެލުމަށެވެ. ލޮނު ނުލުމަށް ވެސް އިރުޝާދު ދިނެވެ.

"ފުށްގަނޑު މޮޑެފައި، މައިތަނޑު ނަގާފައި ދެކޮޅުން ބުރިކޮށްފައިވާ ދުނބުރި ފަތުގައި ފުށްގަނޑު ޖަހާނީ، ދެން ކުޑަ ސަމްސަލަކުން ފަތުގެ އެއްފަޅިއަށް ހުނިހަކުރު އަޅާފައި އަނެއްފަޅި ތަތްކޮށްލާނީ،" އޭނާ ކިޔައިދިނެވެ.

އެއަށްފަހު ހުނިހަކުރު ފަތަފޮޅިތައް ހޫނު ތަވާމަތީ އަތުރައި ފިހެލަނީ އެވެ. ފިހެވުނުކަން ޔަގީން ކުރަނީ ދުނބުރިފަތުގައި ތަތްވެފައި ހުންނަ ފަތަފޮޅިތައް ނެއްޓެން ފެށުމުންނެވެ.