މަސްޓޭންކް ތެރޭގައި އުޅޭ މަސްތަކުގެ ހަރަކާތްތަކަށް ބަލާލުމުން ހިތްނުތަނަވަސް ކަމުން ދުރުކޮށްދޭ. ހޯދުންތަކުން ދައްކާގޮތުގައި މަސްފެންގަނޑުގައި އުޅޭ މަސްތަކުގެ ހަރަކާތްތަކަށް ބެލުމުން ލޭގެ ޕްރެޝަރު ދަށްކޮށްދީ ސްޓްރެސް ފިލުވާދޭ. ބަލިމީހުންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި އަދި ކުޑަކުދިންނަށް ވެސް މަސްޓޭންކުން ފެންނަ މަސްތަކުގެ ހަލުވި ހަރަކާތްތަކުން ފައިދާކުރެއެވެ. ކުޑަކުދިން މަސްގެންގުޅޭ ނަމަ ޒިންމާ ނަގަން ދަސްކުރޭ. ދިރޭތަކެއްޗަށް އޯގާތެރިވާން ދަސްވޭ.

ކަނޑުއަޑީގައި ދިރިއުޅޭ މަސްމަހާމެހީގެ ދިރިއުޅުން ދައްކުވައިދޭ އެކައްޗަކީ މަސްޓޭންކްތަކެވެ. ކަނޑުއަޑީގެ މަންޒަރު ހިމެނޭ ވީޑިއޯ ނުވަތަ ފޮޓޯއަށް ބެލުމަށްވުރެ، މަސްޓޭންކް ތެރޭގައި އުޅޭ މަސްތަކަށް ބަލާލުމުން ތަފާތު ގޮތްތަކެއް އިހްސާސްވާނެ އެވެ. އެއީ އޭގައި އަތްލެވޭތީއެވެ. އަދި ޓޏްކުގެ އެތެރޭގެ މަންޒަރު އިރުއިރުކޮޅާއި ބަދަލުވާތީ އެވެ. މަސްތަކަށް ބަލާލުމުން ވަގުތީގޮތުންވެސް ސިކުނޑިއަށް ލިބިފައިވާ ހާސްކަން ހަނދައިން ނައްތާލައި ދޭނެ އެވެ. އެއީ މަސްޓޭންކުން އެފެންނަ މަންޒަރަކީ އެއަށްބަލަން ހުރިހައި ހިނދަކު އެމީހެއްގެ ޚިޔާލާއިވިސްނުން އެހެން ކަންކަމުން އެއްފަރާތް ކޮށްލައި ދުރުކޮށްލާ އެއްޗަކަށް ވާތީ އެވެ.

ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި މަސްފެންގަނޑުގައި އުޅޭ މަސްތަކުގެ ހަރަކާތްތަކަށް ބެލުމުން ލޭގެ ޕްރެޝަރު ދަށްކޮށްދީ ސްޓްރެސް ފިލުވައިދެ އެވެ. ގޭތެރޭގައި ހުންނަ މަސްޓޭންކަކީ ސިކުނޑީގައިވާ ހާސްކަން ކުޑަކޮށްދޭ އެއްޗެކެވެ. ފޫހި ފިލުވައިދޭ އެއްޗެކެވެ. ގޭގެތެރޭގައި ގިނަ ވަގުތު ތިބޭ ބަލިމީހުންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާ އަދި ކުޑަކުދިންނަށް ވެސް މަސްޓޭންކުން ފެންނަ މަސްތަކުގެ ހަލުވި ހަރަކާތްތަކުން ފައިދާކުރެ އެވެ. ވީމާ ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ އެއްޗަކަށް މަސްޓޭންކް ވާއިރު، ޓޭންކް ހުންނަ ސަރަހައްދަކީ މުޅި އާއިލާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ ސަރަހައްދެކެވެ.

ކުޑަކުދިންނަށް މަސްގެންގުޅެން ދަސްކޮށްދިނުމަކީ އެކުދިންނަށް ޒިންމާ ނަގަން ދަސްކުރުވުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. ގަޑިންގަޑިއަށް މަހަށް ކާންދިނުމާއި ސާފުކުރަން ދަސްކޮށްދީ އެމަސައްކަތް ހަވާލުކުރުމުން އެކުދިން އަމިއްލަ އަށް ޒިންމާނަގަން ދަސްވެ އެވެ. ސާފުކުރުމުގެ މުހިންމުކަން ދަސްވެ އެވެ. ދިރޭތަކެއްޗަށް އޯގާތެރިވާން ދަސްވެ އެވެ. އަނެއްހެން ބުނާނަމަ، މަސްތަކުގެ ދިރިއުޅުމާ ބެހޭގޮތުން އެތައްކަމެއް ދަސްވެ އެވެ.

ރާއްޖޭގައި މަސްގެންގުޅުމަކީ މިއަދު ދާދި ފަސޭހަކަމެކެވެ. ކުދި ޖާގަތަކުގައި ވެސް މަސް ގެންގުޅެވޭނެ ގޮތަށް ކުދި ޓޭންކްތައް މިހާރު ލިބެން ހުރެ އެވެ. އަގުހެޔޮކޮށް މަހާއި މަސްކާނާ ވެސް ލިބެން ހުރެ އެވެ. މީގެ އިތުރުން ޓޭންކް ސެޓްއަޕް ހަދައިދިނުގެ ޚިދުމަތް ވެސް މަސް ވިއްކާ ބައެއް ފަރާތްތަކުން ފޯރުކޮށްދެ އެވެ.