ކަޅު ކުލައަކީ ގިނަބަޔަކު ލޯބިކުރާ ކުލައެކެވެ. ލާ އަންނައުނުން ފެށިގެން ގޭގައި ހިފާ ގެންގުޅޭ ސާމާނަށް ދަންދެން ގަތުމުގައި އިސްކަން ދެވެނީ ކަޅު ކުލައަށެވެ.

މިފަހަރު މިއޮތީ ކަޅު ކުލައިގެ ތަފާތު ވާހަކަ އެކެވެ. އާއްމުކޮށް މާމެލާމެއްޔަކީ އަލިގަދަ ކުލަތައް އެކުލެވޭ އެއްޗެއް ނަމަވެސް މިފަހަރު މިއޮތީ ކަޅު ކުލައިގެ ފިނިފެން މަލުގެ ވާހަކަ އެވެ.

ފިނިފެން މަލަކީ އާއްމުކޮށް ވެސް ގިނަ ބަޔަކު ލޯބިކުރާ މަލެއް ނަމަވެސް މަގުބޫލުކަން ހޯދާފައިވަނީ ރަތް ފިނިފެންމަލާއި ފިޔާތޮށި ފިނިފެންމަލެވެ. ކަޅު ފިނިފެންމާ ކިރިޔާވެސް ފެންނަނީ ޕްލާސްޓިކް މާތަކުގެ ތެރެއިންނެވެ.

ތުރުކީގެ ހަލްފެތީ އަވަށުގައި ހުންނަ ކަޅު ފިނިފެން މަލުގެ ބަގީޗާއެއް

އެހެން ނަމަވެސް ގުދުރަތީ ގޮތުން ވެސް ކަޅު ކުލައިގެ ފިނިފެންމާ ހެދޭކަން އެނގޭ ކަމަކީ ތުރުކީގެ ރަށްފުށު އަަވަށެއް ކަމަށްވާ ހަލްފެތީގައި ކަޅު ފިނިފެން މަލުގެ ބަގީޗާތައް ގިނަވުމެވެ.

ދުނިޔޭގައި ގުދުރަތީ ގޮތުން ކަޅު ފިނިފެންމާ ހެދޭ ކަމަށް ހަމައެކަނި ގަބޫލު ކުރެވޭ މި އަވަށުގައި ކަޅު ފިނިފެންމާ ހެދުމުގެ ސިއްރަކަށް ވަނީ ފުރާތު ކޯރުން ލިބިދޭ ފެން ކަމަށް ބުނެވެ އެވެ.

ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ނުފެންނަ މި ރީތިކަން ހަލްފެތީ އަވަށުގެ މުނިސިޕަލްޓީއިން އެ އަވަށަށް ފައިދާވާހެން އެންމެ ރަނގަޅު ގޮތުގައި ބޭނުން ވެސް ކުރެ އެވެ.

ތުރުކީގެ ހަލްފެތީ އަވަށުގައި ހުންނަ ކަޅު ފިނިފެން މަލުގެ ބަގީޗާއެއް

އެގޮތުން ކަޅު ފިނިފެންމާ ފޮޅޭ މޫސުމާ ދިމާކޮށް މަލުގެ ބާޒާރެއް އަތުރާލާއިރު މި މަންޒަރު ދެކިލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ އަވަށަށް މީހުން ޖަމާވެ އެވެ.

ތުރުކީގެ ވެރިރަށް އަންކާރާއިން 8 ގަޑިއިރުގެ ދަތުރަކަށްފަހު ހަލްފެތީއަށް ދެވޭއިރު އެ އަވަށުގައި ހުރުމަށްޓަކައި ގެސްޓް ހައުސްތަކާއި އިންތައް ހުރެ އެވެ.

ކޮންމެއަކަސް ކަޅު ފިނިފެންމާ ވެފައިވަނީ ހަލްފެތީ އަވަށަށް ލިބިފައިވާ ތަފާތު ސިފައަކަށެވެ. ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ލިބިފައިނުވާ ޖާދުވީ ސިފައަކަށެވެ.