ޖުލައި މަހުގެ ފަހުން އެމެރިކާ އާއި އީރާނާ ދެމެދު ބަދަލުކުރެވުނު އެންމެ ވަރުގަދަ ހަމަލާތަކާއެކު، މެދުއިރުމަތީގައި އަލުން ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. އެމެރިކާއިން އީރާނުގެ ދެކުނު އައްސޭރިފަށަށް ހަމަލާދީފައި ވާއިރު، އީރާނުން ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ.

އެމެރިކާއިން އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެމުން ދަނިކޮށް، އީރާނުން ވަނީ އެމެރިކާއިން ކައިވެނި ހަފުލާއަކަށް ހަމަލާދީ، ހަތަރު މީހުން މަރާލައި ގިނަ ބަޔަކު ޒަހަމްކޮށްލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އީރާނުގެ ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި އެމެރިކާގެ ފަހުގެ ހަމަލާތަކުގައި ޖުމްލަ 18 މީހުން މަރުވެ، 108 މީހުން ވަނީ ޒަހަމްވެފަ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އަންގާރަ ދުވަހު ދިން ހަމަލާތަކުގައި އަމާޒުކޮށްފައި ވަނީ ވައިގެ ދިފާއީ ނިޒާމުތަކަށާއި، ރާޑަރު ސިސްޓަމްތަކަށާއި، ކަނޑުގެ އަސްކަރީ ވަސީލަތްތަކަށާއި، މައިން އެޅުމުގެ ގާބިލުކަން ހުރި ތަންތަނުގެ އިތުރުން މުވާސަލާތީ މަރުކަޒުތަކަށެވެ. އީރާނުން ބުނި ގޮތުގައި ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި ހުރި ގިނަ އަމާޒުތަކަކަށް ވަނީ ހަމަލާ އަރާފަ އެވެ.

މި ކުރިމަތިލުންތަކުގެ ސަބަބުން، މިދިޔަ ފެބުރުވަރީ މަހުން ފެށިގެން އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުން އިތުރަށް ގޯސްވުމުގެ ފުރުސަތު އެބައޮތެވެ. މީގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރަމުން ދާއިރު، ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ކޮންގްރެސް އިންތިހާބާ ދިމާކޮށް އެމެރިކާގެ ގިނަ ރައްޔިތުން ދަނީ މި ހަނގުރާމައާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

"ރޭގަނޑު ހީވީ ދުނިޔެ ނިމެން އުޅޭހެން،" ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި އޮންނަ ސިރިކް ކައުންޓީގެ މުވައްޒަފެއް ކަމަށްވާ މަހްމޫދު ރޮއިޓާސްއަށް ކިޔައިދިނެވެ. އޭނާ ސިފަކުރި ގޮތުގައި ކައިވެނި ހަފުލާއަށް ހަމަލާދިން ކަމަށް ބުނާ ސިޓީ ހިމެނޭ ސަރަހައްދަށް ވަނީ ވަރުގަދަ ހަމަލާތަކެއް އަމާޒުވެފަ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އީރާނަށް ވަރަށް ވަރުގަދަ ހަމަލާއެއް ދީފައިވާ ކަމަށާއި، އީރާނުން ދިން ރައްދު ހަމަލާއަކީ ވަރަށް އާދައިގެ ހަމަލާއެއް ކަމަށެވެ. ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ރޭގަނޑު ދިން ހަމަލާއަކީ ވަރަށް ބާރުގަދަ ހަމަލާއެއް ކަމަށާއި، ބޭނުން ކޮންމެ ވަގުތަކު އިތުރު ހަމަލާއެއް ދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ.

އީރާނުން ބުނީ ބަހުރެއިން، އުރުދުން، ކުވެއިތު އަދި އިރާގުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ. އަދި އީރާނުގެ މަގުސަދަކީ އެތައް އަހަރެއް ވަންދެން މެދުއިރުމަތީގައި އެމެރިކާއިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކުން އެމެރިކާ ސިފައިން ބޭރުކުރުން ކަމަށްވެސް ބުނެފައި ވެއެވެ.

އީރާނުގެ އަސްކަރީ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމެރިކާއިން މި ސަރަހައްދުގައި ހިންގާ ނުބައި އަމަލުތަކަށް މިއަށްވުރެ ވަރުގަދަ އަދި ބިރުވެރި ރައްދެއް ދޭނެ ކަމަށާއި، އެމެރިކާގެ އަސްކަރިއްޔާއާ އެކު އެއްބާރުލުންދޭ ކޮންމެ ގައުމަކުންވެސް އޭގެ ނުރައްކާތެރި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އުރުދުން އާއި އިރާގުގެ އުތުރުގައި ހުރި މަރުކަޒުތަކަށް ދިން ހަމަލާތަކުގައި އެމެރިކާ ސިފައިން މަރުވެފައިވާ ކަމަށް އީރާނުން ބުނި ނަމަވެސް، އެމެރިކާގެ އޮފިޝަލުން ވިދާޅުވީ ފުރަތަމަ ބެލި ބެލުމުން އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ.

ކުވެއިތުގައި ހުރި އެމެރިކާގެ އަލީ އަލް ސާލިމް އެއާ ބޭސްއަށާއި އެމެރިކާގެ ކޮމާންޑަރަކު ބޭނުންކުރާ ދިރިއުޅޭ ކޮމްޕްލެކްސްއަކަށް މިސައިލާއި ޑްރޯން ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފައި ވެއެވެ. ކުވެއިތުގެ ފަޔާ ސާވިސްއިން ބުނީ ޑްރޯން ހަމަލާއެއް އެރި އިމާރާތެއްގައި ރޯވި އަލިފާންގަނޑެއް ނިއްވާލާފައިވާ ކަމަށެވެ.

ގަލްފުގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު އޮންނަ ގަތަރުން ބުނީ، މި ހަމަލާތަކާއި އޭގެ ސަބަބުން ކުރިމަތިވާނެ ނަތީޖާތަކުގެ ޒިންމާ އީރާނުން އުފުލަން ޖެހޭނެ ކަމަށެވެ. އަދި އެމެރިކާގެ ކަނޑުގެ ސިފައިންގެ ސަރަހައްދީ މަރުކަޒު ހުންނަ ބަހުރެއިނުން ބުނީ އީރާނުގެ ޑްރޯންތަކެއް ހުއްޓުވައި ނައްތާލާފައިވާ ކަމަށެވެ.

އީރާނުން އިތުރަށް ބުނި ގޮތުގައި، އެމެރިކާގެ މުވައްޒަފުންގެ ބެލުމުގެ ދަށުން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ދެ ތެޔޮ ޓޭންކަރަކަށް ވަނީ މައިންގެ ހަމަލާ އަރާފަ އެވެ. އެމެރިކާއިން ބުނަނީ އީރާނުގެ ހަމަލާތަކާއެކުވެސް، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވިދާޅުވީ ހޯމަ ދުވަހު އެކަނިވެސް 17 މިލިއަނަށްވުރެ ގިނަ ފީފާ ތެޔޮ އެ ސަރަހައްދުން ބޭރުކޮށްފައިވާ ކަމަށެވެ.

އީރާނުން ވަނީ އިތުރު 11 އުޅަނދެއް ބްލެކްލިސްޓްކޮށްފަ އެވެ. މިއާއެކު ޖުމްލަ 56 އުޅަނދެއް ބްލެކްލިސްޓް ކުރެވިފައި ވާއިރު، އީރާނުގެ ހުއްދައާ ނުލައި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަން އުޅެފިނަމަ އެ އުޅަނދުތައް ހިފަހައްޓާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. ޓްރަމްޕް ވަނީ ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ސަޕްލައި ކުރާ އެ ކަނޑުއޮޅި އޮތީ ހުޅުވިފައި ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ކައިވެނި ހަފުލާއަކަށް ހަމަލާދިން ކަމަށް އީރާނުން ބުނުން

އީރާނުގެ ރައްޔިތުން ތިބީ މި ހަމަލާތަކާއެކު ބޮޑު ހަނގުރާމައެއް ފެށިދާނެތީ ބިރުންނެވެ. ބަންދަރު އައްބާސްގައި ދިރިއުޅޭ އަންހެނަކު ބުނި ގޮތުގައި، އެމެރިކާއިން ހަމަލާދޭނީ ކޮން ވަގުތަކު ކަމެއް ނޭނގޭތީ ދިރިއުޅުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.

ސިރިކްގައި ހުރި ގެއެއްގައި ބޭއްވި ކައިވެނި ހަފުލާއަށް ދިން ހަމަލާގައި 4 އަހަރުގެ ކުއްޖަކާއެކު ޖުމްލަ 4 މީހުން މަރުވި ކަމަށް އީރާނުން ބުނެ އެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި 68 މީހުން ޒަހަމްވެފައި ވާއިރު، ހޮސްޕިޓަލުގައި ފަރުވާދޭ ކުޑަކުދިންގެ ފޮޓޯތައް ވަނީ އާންމުކޮށްފަ އެވެ.

އީރާނުގެ "ވެސްޓް އޭޝިއާ ނިއުސް އެޖެންސީ" އިން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، ހަމަލާދިން ކަމަށް ބުނާ ތަނުގެ ގޯތިތެރެއާއި ކޮޓަރިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ދެ ފަރާތަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކުރިމަތިލުމެއް

މިފަހަރުގެ ހަމަލާތަކަކީ ޖުލައި މަހުގެ ފަހުން ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ. ޖުލައި މަހު ޓްރަމްޕް ވަނީ ދެ ހަފުތާ ވަންދެން އީރާނަށް ދެމުންދިޔަ ވަރުގަދަ ބޮމުގެ ހަމަލާތައް ކުއްލި ގޮތަކަށް ހުއްޓާލާފަ އެވެ. އެއީ ހަނގުރާމައަށް ބޭނުންވާ ހަތިޔާރު ހުސްވަމުންދާ ކަމަށާއި، ހަމަލާދޭނެ މުހިންމު އަމާޒުތައް މަދުވަމުންދާ ކަމަށް އަސްކަރީ އިސްވެރިން ދިން އިންޒާރާ ގުޅިގެންނެވެ.

މިދިޔަ ފެބުރުވަރީ މަހު "އޮޕަރޭޝަން އެޕިކް ފިއުރީ" ފެށިއިރު ޓްރަމްޕް ކަނޑައެޅުއްވި މަގުސަދުތައް ކަމަށްވާ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމާއި، އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ނައްތާލުމާއި، އީރާނުގެ ވެރިކަން ބަދަލުކުރުމަށް ރައްޔިތުންނަށް މަގުފަހިކޮށްދިނުން ފަދަ ކަންކަން އަދި ކާމިޔާބުވެފައެއް ނުވެ އެވެ.

ނަމަވެސް، އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ އަސްކަރީ ގާބިލުކަން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި އީރާނުގެ ބަލިކަށިވަމުންދާ އިގްތިސާދަށްވެސް މީގެ ސަބަބުން ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނޮވެމްބަރު މަހު އޮންނަ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެތީ، ޓްރަމްޕްގެ އެހީތެރިން ދަނީ މިވަގުތަށް ހަނގުރާމައިގެ ކަންކަން މާ ބޮޑަށް ފާހަގަނުވާނެ ގޮތަކަށް ކުރިއަށް ގެންދަން މަސައްކަތް ކުރަމުންނެވެ. ހިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި އެމެރިކާގެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް މި ހަނގުރާމައާ ދެކޮޅެވެ.