ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދިރިއުޅޭ އެޕާޓްމަންޓްތައް ދެނެގަނެ، އެ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް މަޝްވަރާތައް ފަށައިފި އެވެ.

އެފްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ހަމްދާން ޝަކީލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ހަމްދާން ވިދާޅުވީ މި ޓަވަރުތަކުގައި އުޅޭ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ކުންފުނީގެ އެތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވެމުންދާ ކަމަށެވެ. އެގޮތުން ހުރިހާ ޔުނިޓެއްގައިވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައިވީ ނަމަވެސް، އެންމެ ބޮޑަށް ރައްކާތެރިކަން ބޭނުންވާ ޔުނިޓުތަކަށް އިސްކަންދީގެން އެ ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފަހަކަށް އައިސް އުސް އިމާރާތްތަކުގެ ފުލެޓުތަކުން ކުޑަކުދިން ވެއްޓުމުގެ ނުރައްކާތެރި ހާދިސާތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން އަންގާރަ ދުވަހު ސްޓެލްކޯ ފުލެޓެއްގެ މަތިން 2 އަހަރުގެ އަންހެން ކުއްޖަކު ވެއްޓި ނިޔާވެފައިވާއިރު، މިދިޔަ ހޯމަ ދުވަހު އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި ލިބުނު ސީރިއަސް އަނިޔާތަކަށް ދަނީ ފަރުވާދެމުންނެވެ.

މި ހާދިސާތަކާ ގުޅިގެން ރައީސް މުއިއްޒު ވަނީ، އުސް އިމާރާތްތަކުގައި ހިނގާ މިފަދަ ނުރައްކާތެރި އެކްސިޑެންޓުތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖުތަމައު ގުޅިގެން އަދާކުރަންޖެހޭ ގައުމީ އަދި އިންސާނީ ވާޖިބެއް ކަމަށް ވިދާޅުވެފަ އެވެ.