ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ބެހުމަށްޓަކައި ޕީއެންސީގެ މަޖިލިސް މެމްބަރުން ހައުސިން މިނިސްޓްރީއަށް ލިސްޓްތަކެއް ފޮނުވައިފި އެވެ.

މިއީ ގަވާއިދާ ޚިލާފު ކަމަކަށްވާތީ މި ލިސްޓުތައް ފޮނުވާފައި ވަނީ ރަސްމީކޮށް ނޫނެވެ. ހައުސިން މިނިސްޓްރީގެ އޮފިޝަލަކު "ހުރިހާ"އަށް ވިދާޅުވީ އެކި މެމްބަރުން އެކި އަދަދުތަކުގެ ލިސްޓްތައް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން އެއް މެމްބަރަކު ފޮނުވި ލިސްޓްގައި ގާތްގަނޑަކަށް 100 ވަރަކަށް މީހުންގެ ނަން އެބައޮތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެއީ އެންމެ ގިނަ މީހުންގެ ނަން ހިމެނޭ ލިސްޓެވެ. ދެން ފޮނުވި ލިސްޓްތަކުގައި ހުރީ ގާތްގަނޑަކަށް 50 މީހުންގެ ނަމެވެ.

"މި ލިސްޓްތަކުގައި މާލޭގައި ދުވަހަކު ވެސް ދިރިނޫޅޭ މީހުންގެ ނަންތައް ވެސް ހިމަނާފައި އެބަވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މި މަހުގެ 14 ވަނަ ދުވަހު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކޮށްފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓު އެ ހަފްތާ ނިމުމުގެ ކުރީ ދުވަސް ކަމަށްވާ ހޮނިހިރު ދުވަހު އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް ހޮނިހިރު ދުވަހު ހައުސިން މިނިސްޓްރީން ވަނީ ފްލެޓް ލިސްޓް ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. ސަބަބެއް ކަމަށް އެ މިނިސްޓްރީން ބުނީ ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމު ބެލުމުގައި ކަށަވަރު ކުރަން ޖެހޭ ގިނަ ކަންކަން ހުރުމުން އެ ކަމަށް އިތުރު ވަގުތު ބޭނުންވާތީ އެވެ.

އެ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ލިސްޓް ނެރުން މުއްދަތެއް ނެތްގޮތަށް ފަސްކުރީ މަޖިލިސް މެމްބަރުންގެ ފަރާތުން ލިބިފައިވާ ލިސްޓްތަކުގައިވާ ނަންތައް އެ ލިސްޓްގައި ހިމެނުމަށް އިތުރު ވަގުތު ބޭނުންވާނެތީ އެވެ.

"މަޖިލިސް މެމްބަރުންގެ ފަރާތުން ގިނަ ނަންތަކެއް ހިމެނޭ ލިސްޓްތަކެއް ދެއްތޯ ލިބިފަ ވަނީ. އެހެންވީމަ އެ ނަންތައް ލިސްޓަށް އެޑްކުރުމަށްޓަކައި އިތުރު ވަގުތު ބޭނުންވާނެ ނޫންތޯ،" އޮފިޝަލް ވިދާޅުވި އެވެ.

އެހެން މަސްދަރަކުން "ހުރިހާ"އަށް އެނގިފައިވާގޮތުގައި ފްލެޓް ލިސްޓްގެ ކަންތައްތަކާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން މަޖިލިސް މެމްބަރަކު ގެންދަވަނީ މިނިސްޓަރު ހައިދަރާ ވާހަކަދައްކަވަމުންނެވެ.

ޕީއެންސީގެ މަޖިލިސް މެމްބަރަކު "ހުރިހާ"އަށް ވިދާޅުވީ ކުރީގެ ސަރުކާރުން ނެރެފައިވާ ފްލެޓް ލިސްޓާ އެއްގޮތަށް ފްލެޓްދީފިނަމަ ރައީސް މުއިއްޒަށް ކުރަމުންއައި ތާއީދު އަނބުރާ ގެންދާނެ ކަމަށް އެމަނިކުފާނަށް ބައެއް މެމްބަރުން އަންގާފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު އަހްމަދު އިޒްމީމާ ކުރި ސުވާލަށް ޖަވާބުދީފައިނުވާތީ މިކަމުގައި އެ މިނިސްޓްރީގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.