ސިޔާސީ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށާއި އަދި އެފަދަ ވިސްނުންފުޅެއް ނުވެސް ގެންގުޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އއ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ތޮއްޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުން ކަމަށާއި އެއްވެސް ގޮތަކުން ސިޔާސީ ފިކުރު އިސްކޮށްގެން އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއް ނުގެންގުޅުއްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ ފިކުރެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށާއި އަދި ބޭނުންމީ އެއްވެސް ސިޔާސީ ވިސްނުމެއް ނުގެންގުުޅުން ކަމަށެވެ. އަދި ހުރިހާ ރައްޔިތުން އެމަނިކުފާނުގެ ކުރިމަތީގައި ހަމަހަމަ ކަމަށާއި އެ ހަމަހަމަކަމާއެކު އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ވެސް ޚިދުމަތްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސިޔާސީ ވިސްނުމެއް ނުގެން ގުޅޭނަން. ތަފާތުވެސް ނުކޮށް، މިއަދާއި ހަމައަށްވެސް މިއައީ. ބޭނުންވަނީ، އެއްވެސް ވަރެއްގެ ސިޔާސީ ވިސްނުމެއް ނުގެން ގުޅެން. މިއަދާ ހަމައަށްވެސް އައިއިރު ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އަޅުގަނޑަށް ހުރިހާ ރައްޔިތުން ވެސް ހަމަހަމަ. ކައުންސިލުން އަދި އތމ ކޮމިޓީގެ ކަންކަމުގައި ވެސް ފުރިހަމަ އެއްބާރުލުން ދޭނަން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ތޮއްޑޫ ކައުންސިލުން އުފައްދާފައިވާ އެ ކައުންސިލްގެ ކުންފުނި، "ލޯކަލް އޮތޯރިޓީ ކޮމްޕެނީ" ފަދަ ކުންފުންޏެއް އެމަނިކުފާނު މާލޭ މޭޔަރު ކަމުގެ މަގާމުގައި ހުންނެވިއިރު، މާލޭގައި ވެސް އުފެއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް، އޭރު އޮތް އެމްޑީޕީ ސަރުކާރުން އެ ފުރުސަތު ދެއްވާފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ސަރުކާރުން އެކަން ކުރީ ސިޔާސީ ވިސްނުމެއްގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ކަންކުރެއްވި ގޮތަށް ކަމެއް ނުކުރައްވާނެ ކަމަށާއި ކައުންސިލްގެ އެ ކުންފުނިން ރަށުގެ ރައްޔިތުންގެ ފުދުންތެރިކަމަށް ހިންގަވަން ބޭނުންވާ މަޝްރޫޢުތަކަށް ފުރިހަމަ އެއްބާރުލުން މި ސަރުކާރުގެ ތެރެއިން ލިބިވަޑައުގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ އިންވެސްޓްމަންޓް، ހަމަޖައްސައިދިނުން ކަމުގައި ވިޔަސް، އަދި އެހެނިހެން ކަންކަން މަގުފަހި ކޮށްދިނުން ކަމުގައިވިޔަސް، އެ ކުންފުންޏަށް މި ސަރުކާރުން އެއްބާރުލުން ދެއްވާނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ރައީސް މުއިއްޒު ވަނީ، ތޮއްޑޫ ރައްޔިތުން ބޭނުންވާ ކަންކަން އެ ބޭނުންވާ ގޮތަށް މަޝްވަރާއާއެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.