ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ހިލޭބެހުމާއި ވިއްކުން މަނާކުރަން ނިންމެވީ ރައްޔިތުންގެ އެދެމުގެ މަތިން ކަމަށާއި އަދި މި ނިންމުމާއެކު ރިވެތި އަޚުލާޤު އަށަގެންނެވި ފިކުރީ ގޮތުން މީހުން ތަރައްޤީވެ، ވަށައިޖެހޭ ތަރައްޤީއެއް ޤައުމަށް ގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހުރިއްޔާ މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަހިބަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އދ. މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ ޤައުމެއް ތަރައްޤީވެ ކުރިއަރާ ދިޔުމުގައި އެ ތަނެއްގައި އުޅޭ މީހުން ފިކުރީ ގޮތުން ތަރައްޤީކުރުން މުހިންމު ކަމަށާއި އެގޮތުން ކުރިން ދިވެހިންގެ ކިބަގައި ހުރި ރީތި ސިފަތައް އަލުން އަށަގެންނެވުމާއެކު އިސްލާމީ ރިވެތި އުޞޫލްތައް ދިވެހިންގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

މިގޮތުން ގިނަ އަދަދެއްގެ ދިވެހި ޒުވާނުންނާއި ކުޑަކުދިން ދެވިހިފާފައިވާ ވޭޕްގެ ނުބައި ޢަމަލުކުރުން މަނާކުރުކަށް ނިންމެވީވެސް މުޖުތަމައުގެ އަހުލާގީ ފޭރާން ވަރުގަދަކުރުމަށްކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ހިލޭބެހުމާއި ވިއްކުން މަނާކުރަން ނިންމެވީ ރައްޔިތުންގެ އެދެމުގެ މަތިން ކަމަށާއި އަދި މި ނިންމުމާއެކު ރިވެތި އަހުލާގު އަށަގެންނެވި ފިކުރީ ގޮތުން މީހުން ތަރައްގީވެ، ވަށައިޖެހޭ ތަރައްގީއެއް ގައުމަށް ގެނެވޭނެކަމަށެވެ.

"ރައްޔިތުން އެދެމުންދިޔައީ ޤައުމުގެ ދަރިން ވޭޕްގެ ވަބާއިން ސަލާމަތްކޮށްދޭށޭ. އެއީ ވަށައިޖެހޭ ތަރައްގީ ގެނައުމަށްކުރާ މަސައްކަތެއް. ސިއްހީ ގޮތުން ޒުވާނުންނާއި އާންމު ރައްޔިތުން ސަލާމަތްވެގެން ތިބެގެން ނޫނިއްޔާ ގައުމަށް އެއްވެސް ކަމެއް ނުކޮށްދެވޭނެ. ޤައުމެއް ކުރިނާރާނެ." ރައީސް ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެނެވުނު އިސްލާޙުތަކާއެކު ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މިއަދުން ފެށިގެން ވަނީ މަނާވެފަ އެވެ. އަދި ގާނޫނާ ހިލާފަށް މިއިންއެއްވެސް ކަމެއް ކޮށްފިނަމަ، ބޮޑެތި އަދަދުތަކުން ވަނީ ޖޫރިމަނާ ކަނޑައަޅާފަ އެވެ.