ދުނިޔޭގެ ކޮންމެ ދިމާއަކަށް ބަލާލި ކަމުގައި ވިޔަސް ގުދުރަތީ ރީތިކަމުގެ ގިނަ މިސާލުތަކެއް ފެނިގެންދެ އެވެ. ނަމަވެސް ބައެއް ތަންތަނަކީ އެކި ސަބަބުތަކަށްޓަކައި އަހަރުމެންގެ ލޮލުގައި އަޅައިގަންނަ ތަންތަނެވެ. މިފަހަރު މިއޮތީ އެފަދަ ތަނެކެވެ.
ކޮލަމްބިއާގައި އޮންނަ ކާނޯ ކްރިސޓޭލްސް ނަމަކަށް ކިޔާ ކޯރަކީ ބަލާ މީހަކު ފޫހިނުވާ ފަދަ އަޖާއިބު ކުރުވނިވި ރީތި ސިފަތަކެއް ލިބިގެންވާ ކޯރެކެވެ.
އާއްމުކޮށް ކޯރުތަކުން ފެންނަ ޖަންގަލި ފެހި ކުލައިގެ ބަދަލުގައި މިކޯރު ޖަރީވެފައިވަނީ ވިއްސާރަ ދުނީގެ ކުލަތަކުންނެވެ. އެ ސަބަބަށްޓަކައި މި ކޯރު މަޝްހޫރުވެފައިވަނީ ފަސް ކުލައިގެ ކޯރުގެ ގޮތުގަ އެވެ.
މި ކޯރުގެ ރީތި މަންޒަރަކީ މޫސުން ބަދަލުވާ ދުވަސްވަރު ކަމަށްވާ ސެޕްޓެމްބަރު މަހާއި ނޮވެމްބަރު މަހާ ދެމެދު ފެންނަ މަންޒަރެކެވެ.
މި ދުވަސްވަރު ކޯރަށް އެޅޭ އިރުގެ ދޯދިތަކުގެ ސަބަބުން ރީތި ދަނބުކުލައަކާއި ފިޔާތޮށި އަދި ނޫ ކުލައެއް ފާޅުވެ އެވެ. އެއާއެކު ފާޅުވާ ފެހި ކުލައާއި ރަތް ކުލަ އަދި ކަޅު ކުލައަކީ އެކޯރުގައިވާ ވަކި ވައްތަރެއްގެ އަލްގޭއެއްގެ ސަބަބުން ފެންނަ ކުލަތަކެވެ.
ގާތްގަނޑަކަށް 60 މޭލަށް ދެމޭ ކާނޯ ކްރިސްޓޭލްސް ކޯރަކީ ކޮލަމްބިއާގެ ވެރިރަށް ބޮގޯޓާއާ 100 މޭލު ދުރުގައި ފޮރުވިފައި އޮތް ގުދުރަތުގެ ރީތި މިސާލެކެވެ.
ވަރަށް ފަހަކާ ޖެހެންދެން މިތަނަކީ ހިމާޔަތް ކުރެވި ފަތުރުވެރިންނަށް ވަނުން މަނާ ސަރަހައްދެއްގެ ގޮތުގައި އޮތް ތަނެއް ނަމަވެސް މިހާރު މިތަނަކީ އެގައުމަށް ދަތުރުކުރާ ފަތުރުވެރިން ކޮންމެހެން ބަލާލަން ބޭނުންވާ ތަނެކެވެ.