ހުން އައުމާއެކު ގިނަ މީހުންނަށް އެންމެ ފުރަތަމަ ވިސްނާލެވެނީ އެންޓިބައޮޓިކް ބޭނުން ކުރުމަށެވެ. ނަމަވެސް، މިއީ ސިއްހީ ގޮތުން ބަލާއިރު ވަރަށް ނުރައްކާތެރި އަދި ނުބައި އާދައެއް ކަމަށް ޑޮކްޓަރުން އިންޒާރުދެ އެވެ. ހުމަކީ އަމިއްލައަށް ކުރިމަތިވާ ބައްޔެއް ނޫނެވެ. އެއީ ހަށިގަނޑަށް ދިމާވާ ކަމަކާ ގުޅިގެން ހަށިގަނޑުން ދޭ އަމަލީ ރައްދެކެވެ.

ގުރުގާއޯމްގެ އާޓެމިސް ހޮސްޕިޓަލްގެ އިންޓާނަލް މެޑަސިންގެ ސީނިއަރ ކޮންސަލްޓެންޓް ޑރ. ސީމާ ދީރް ވިދާޅުވާ ގޮތުގައި، ހުން އަންނަ ސަބަބު ދެނެނުގަނެ ބޭނުންކުރާ އެންޓިބައޮޓިކްގެ ސަބަބުން ފައިދާއަށްވުރެ ވާނީ ގެއްލުމެވެ.

ވައިރަހާއި ޖަރާސީމުގެ ތަފާތު

ގިނަ ފަހަރަށް ހުން އަންނަނީ އަރިދފުސް ރޯގާ، އިންފުލުއެންޒާ، ކޮވިޑް-19، އަދި ނޭވާލާ ނިޒާމަށް ޖެހޭ އެހެނިހެން ވައިރަލް ބަލިތަކުގެ ސަބަބުންނެވެ. އެންޓިބައޮޓިކް އަކީ ހަމައެކަނި ޖަރާސީމުގެ ސަބަބުން ޖެހޭ ބަލިތަކާ ހަނގުރާމަކުރާ އެއްޗެކެވެ.

ވައިރަހެއްގެ ސަބަބުން ހުން އަންނަ ހިނދު އެންޓިބައޮޓިކް ބޭނުން ކުރުމުން ބަލި އަވަހަކަށް ނުފިލާނެ އެވެ. މިފަދަ ހާލަތްތަކުގައި ޑޮކްޓަރުގެ ލަފަޔާއެކު އަރާމުކޮށް، ގިނައިން ދިޔާތަކެތި ބޮއެ ރަނގަޅު ކާނާ ކެއުމުން އެކަނިވެސް ބަލިން ފަސޭހަވެ އެވެ.

ބޭނުން ނެތް އެންޓިބަޔޮޓިކްގެ ނުރައްކާތައް

ޑރ. ދީރް ފާހަގަ ކުރައްވާ ގޮތުގައި، އެންޓިބައޮޓިކް ފަދަ ވަރުގަދަ ބޭސްތައް ބޭކާރު ގޮތުގައި ބޭނުން ކުރުމުން ހަށިގަނޑަށް ތަފާތު ގެއްލުންތައް ލިބެ އެވެ. އޭގެ ތެރޭގައި:

  • ބޭރަށް ހިންގުން، ހޮޑުލެވުން، އަދި މއިގަނޑުގެ އުނދަގޫތައްވުން.
  • ބޭހަށް ހަށިގަނޑު އެލާޖިކްވުން.
  • ޖަރާސީމުތައް ބޭހަށް ދެކޮޅުހަދާ ގޮތްވުން - މިއީ ގިނަގިނައިން ނުވަތަ ނަގަންޖެހޭ ސަބަބެއް ނެތި ބޭސް ކެއުމުން ޖަރާސީމުތައް ބަދަލުވެ، ފަހުން ފަސޭހައިން ފަރު ވާކުރެވޭ ބަލިތައް ވެސް ނުރައްކާތެރި ކަމަކަށް ބަދަލުވެގެންދާ ކަމެކެވެ.

އެންޓިބަޔޮޓިކް ބޭނުންވަނީ ކޮން ހާލަތެއްގައި؟

ހުން އަންނަ ހުރިހާ ފަހަރަކު އެންޓިބަޔޮޓިކް ނުނެގުނު ކަމުގައިވިޔަސް ވެސް، ކުޑަކަމުދާ ނިޒާމަށް ޖެހޭ ބައެއް އިންފެކްޝަންތަކާއި، ޖަރާސީމުގެ ސަބަބުން ޖެހޭ ނިއުމޯނިއާ އަދި ސީރިއަސް އެހެނިހެން އިންފެކްޝަންތަކަށް އެންޓިބަޔޮޓިކް ކޮންމެހެން ބޭނުންވެ އެވެ. ނަމަވެސް ބޭސް ސިޓީއެއް ލިޔެދޭނީ ޑޮކްޓަރުން ބަލިމީހާގެ އަލާމާތްތަކާއި، އުމުރާއި، ބަލީގެ ހާލަތަށް ބެލުމަށްފަހު އެވެ.

ހުން އައުމުން އަމިއްލައަށް އެންޓިބޮއޮޓިކް ބޭހެއް ކެއުމަކީ ނުރައްކާތެރި ކަމެކެވެ. އެއް ކަހަލަ އަލާމާތްތަކެއް ފެނުނު ނަމަވެސް ސަބަބު ތަފާތުވެދާނެ އެވެ. އެހެންކަމުން، ބޭސް ބޭނުން ކުރަންވާނީ ޑޮކްޓަރެއްގެ ލަފަޔާއި ޓެސްޓުތަކުގެ އަލީގަ އެވެ.