އީރާނާއެކު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅީގެ މިލްކުވެރިކަމާމެދު ދެބަސްވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި، އެ ސަރަހައްދުގެ ނަން "ޓްރަމްޕް ސްޓްރެއިޓް" ނުވަތަ "ޓްރަމްޕް ކަނޑުއޮޅި" އަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ހުށަހަޅުއްވައިފި އެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ނެޓްވޯކް ކަމަށްވާ "ޓްރުތު ސޯޝަލް" ގައި ވިދާޅުވީ، އެ ސަރަހައްދު މިހާރު އޮތީ އެމެރިކާގެ ބާރުގެ ދަށުގައި ކަމަށްވުމުން، ހޮރްމުޒް ކަނޑުއޮޅީގެ ނަން "ޓްރަމްޕް ސްޓްރެއިޓް" އަށް ބަދަލުކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެމެރިކާ ފަދައިން އެތަންވެސް ކުރިއަށްވުރެ ބޮޑަށް މަގުބޫލުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިއީ ޖިއޮގްރަފީ ގޮތުން މަޝްހޫރު ތަންތަނުގެ ނަން ބަދަލުކުރުމަށް ޓްރަމްޕް ހުށަހަޅުއްވި އެންމެ ފަހުގެ ނިންމުމެވެ. މީގެ ހަފުތާއެއް ކުރިން، ކެނެޑާއާއެކު އޮތް ވިޔަފާރީގެ ހަނގުރާމައިގެ ތެރެއިން "ލޭކް އޮންޓޭރިއޯ" ގެ ނަން "ލޭކް އެމެރިކާ" އަށް ބަދަލުކުރުމަށްވެސް އޭނާ ވަނީ އަމުރުކުރައްވާފަ އެވެ.
މީގެ އިތުރުން، ޖެނުއަރީ 2025 ގައި ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު، މެކްސިކޯ ކަނޑުއޮޅީގެ ނަން "ގަލްފް އޮފް އެމެރިކާ" އަށްވެސް ޓްރަމްޕް ވަނީ ބަދަލުކުރައްވާފަ އެވެ. ނަމަވެސް، މެކްސިކޯއިންނާއި ކެނެޑާއިން މި ބަދަލުތައް ބަލައެއް ނުގަނެ އެވެ.
އުމުރުފުޅުން 80 އަހަރުގެ ޓްރަމްޕް ކުރިންވެސް ބައެއް ތަންތަނުގެ ނަން ބަދަލުކުރުމުގެ ވާހަކަ ސަމާސާއަކަށް ދެއްކެވުމަށްފަހު، ފަހުން އެކަން އަމަލީ ގޮތުން ތަންފީޒުކުރައްވާފައިވެ އެވެ.
ވޭތުވެދިޔަ ހަފުތާތަކުގައި ޓްރަމްޕް ވަނީ ހޮރްމުޒް ކަނޑުއޮޅީގެ މައްޗަށް އެމެރިކާގެ ބާރު ހިނގާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އެ ސަރަހައްދަކީ އެމެރިކާގެ އާ މިލްކިއްޔާތެއްގެ ގޮތުގައި ދައްކައިދޭ ޗާޓެއްވެސް އޭނާ ވަނީ އާންމުކުރައްވާފަ އެވެ.
ނަމަވެސް، ފެބްރުއަރީ މަހުގެ ފަހުކޮޅު އިޒްރޭލާ ގުޅިގެން ޓްރަމްޕް ފެއްޓެވި ހަނގުރާމައިގެ ބަދަލު ހިފުމުގެ ގޮތުން، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުއޮޅި އީރާނުން ވަނީ ބަންދުކޮށްފަ އެވެ.
އީރާނުން ކަނޑުއޮޅީގައި މައިން ވަޅުލަމުންދާ ކަމަށް ބުނެ، އަންގާރަ ދުވަހު އެމެރިކާ ސިފައިން އެ ސަރަހައްދަށް ދިން ހަމަލާތަކާ ގުޅިގެން، ތެލުގެ އަގުތައް އަނެއްކާވެސް ދަނީ އުފުލެމުންނެވެ.
ކަރީނާގެ ކުރިއަށް އޮތް ފިލްމު "ޑާއެރާ"ގެ ޓްރެއިލާ އާއްމު ކޮށްފި
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އަށް ހޮލީވުޑް ރެކޯޑެއް!
