ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް ޕީއެންސީއަށް ފޯމް ފުރި މައްސަލައިގައި ޑީއެންއާރްގެ ވެރިންނަށް ފިޔަވަޅުއަޅަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގޮވާލައްވައިފި އެވެ.
ޑީއެންއާރު އޮފީހުގެ ތެރޭގައި ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރިކަމަށް އެ ޑިޕާޓްމަންޓުގެ އިސް ބައެއް ބޭފުޅުން މިއަދު ވަނީ އެއްބަސްވެފަ އެވެ.
ޑީއެންއާރުގައި ރައްކާކޮށްފައިވާ ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީން ވަގު ފޯމް ފުރައިގެން ޕާޓީއަށް މީހުން ވެއްދިކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް ޑީއެންއާރް ތެރޭގައި އެ މަސައްކަތް ކުރިއަށް ދިޔަ ވަގުތު މިނިސްޓަރު އަލީ އިހުސާންވެސް އެތަނުގައި ހުންނެވި ފޮޓޯތަކެއް ވަނީ އާއްމުވެފަ އެވެ. މިއާއެކު އިހުސާން ވިދާޅުވީ އެތަނަށް ވަޑައިގެންނެވީ އެ މަސައްކަތުގައި އުޅުއްވި ބޭފުޅުން ޕިއްޒާ ފަރިއްކުޅުވަން ދެއްވި ދައުވަތަކަށް ކަމަށެވެ.
މައްސަލަ ގޯސްވެފައި ވަނިކޮށް މިއަދު ޑީއެންއާރްގެ މަސައްކަތް ދައްކާލުމަށް ކަމަށް ބުނެ ވަނީ އެތަނަށް ނޫސްވެރިންނަށް ވަނީ ދައުވަތު ދީފަ އެވެ. ޕިއްޒާއާއެކު ނޫސްވެރިންނާއި ބައްދަލުކުރެއްވީ ސްޓޭޓް މިނިސްޓަރު މަޖީދު އާއި ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީގެ އިތުރުން ޓެކްނިކަލް މުވައްޒަފެކެވެ.
ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ސްޓޭޓް މިނިސްޓަރު މަޖީދުވަނީ ޑީއެންއާރް ތެރޭގައި ފޯމް ފުރިކަމަށް އިއުތިރާފުވެފަ އެވެ. އަދި އެ މަސައްކަތް ކުރީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ބެއްލެވުމުގެ ދަށުންކަމަށް އޭނާ ވިދާޅުވި އެވެ. ފަހުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވާ ޑީއެންއާރްގެ ބޭފުޅުން ވަނީ ފިއްލަވާފަ އެވެ.
ޑީއެންއާރުގެ ވެރިން މި ކުށަށް އިއުތިރާފުވެފައިވާތީ މައްސަލަ ބަލައި އިދާރާތަކުން ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އަދި ޕީއެންސީއިން އީސީއަށް މިދިޔަ މުއްދަތުގައި ހުށަހެޅި ފޯމުތައް ބާތިލުކުރަން ޖެހޭކަމަށް ފައްޔާޒު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވި އެވެ.
"ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ނުދެވުމުން ހޯމް މިނިސްޓްރީގެ އިސްވެރިން ފިލި ނަމަވެސް މިކަމުގެ ހަގީގަތް މިއޮތީ ހާމަވެފައި. ޕީއެންސީއަށް ވަގު ފޯމު ފުރީ ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާކުރެވިފައިވާ ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި، ދައުލަތުގެ މުދާ ބޭނުންކޮށްގެން، އެ ތަނުގެ މުވައްޒަފުން،" ފައްޔާޒް ވިދާޅުވި އެވެ.
ޕީއެންސީން އެކި މީހުންގެ ނަމުގައި ވަގު ފޯމް ހުށަހެޅި ގިނަ މައްސަލަތަކެއް ފުލުހަށް ހުށަހަޅާފައިވާއިރު، ހޯމް މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ވައްދާފަ އެވެ.
"ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާކުރެވިފައިވާ އިދާރާގެ ތެރޭގައި ޕީއެންސީއިން އެ މައުލޫމާތު ވަގަށް ނަގައިގެން، ވަގު ފޯމު ފުރާ މަންޒަރު ހިމެނޭ ފޮޓޯތަކެއް ލީކުވެ، އެ ކަން ކުރި ކަމަށް ޑީއެންއާރުގެ ވެރިން އިއުތިރާފުވެފައިވާއިރު ދައުލަތުގެ ބަޖެޓުން ވައްކަން ކުރުމަށް ރާވައިގެން އެ ޕާޓީ އަދި ސަރުކާރުގެ ސިޔާސީ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ މި ސަރުކާރުގެ މުޑުދާރު ލަދުވެތި ހާލަތު ހާމަކޮށްދޭ ހެއްކެއް" ފައްޔާޒު ވިދާޅުވި އެވެ.
މިއަދު އެކަން ފޫބެއްދުމަށް ޑީއެންއާރުން ނޫސްވެރިންނަށް ބޭއްވި ޕިއްޒާ ޕާޓީގައި ތަނުގެ އިސްވެރިން ވަނީ އިތުރަށް ބޭޒާރުވެފަ އެވެ.