އޭނާ ގަބޫލު ކުރާގޮތުގައި އޭނާއަކީ ތަފާތު މީހެއް. ވަރަށް ކުޑައިރު ދިމާވި ޓީޗަރަކަށް އޭނާއަކީ ވަރަށް ވިސްނުން ތޫނު ކުއްޖެއް ގޮތުގައި ފާހަގަވި. ނަމަވެސް މަސައްކަތުގެ މައިދާނުން ދިމާވި ގިނަ މީހުން އޭނާގެ ގާބިލްކަމާ ދޭތެރޭ ސުވާލު އުފެއްދި. ގާބިލްކަން ދެއްކުމަށް އޭނާ ޑަބަލް މަސައްކަތްކުރި. އޭގެ ސަބަބުން ވަރަށް ޅައުމުރުގައި ގިނަ ތަޖުރިބާތަކާއި މަތީ މަގާމުތަށް ލިބުނު. މިއަދު އޭނާއަކީ އެންޖީއޯއެއްގެ ރައީސާ.

އުފެދުމުގައި އޮޕްޓިކްނާވްއަށް (ލޮލުގެ ނާރަށް) ދިމާވާ މައްސަލައެއްގެ ސަބަބުން މުޖުތަމައުއިން "ނޯމަލް" ކަމަށް ކަނޑައަޅާ މިންގަނޑަށް ނުފެތޭ ކަމަށް ބުނެ އަދި އެއީ އައިބުވީކަމަށް ދެކި، މުޅި މުޖުތަމައުން އެ މީހަކު ބާކީކޮށްލުމަކީ އެންމެ އިންސާފުވެރިގޮތް ހެއްޔެވެ؟ މީހާގެ ބޭރުފުށް ފެނިފައި އެމީހާގެ ފެންވަރާއި ގާބިލް މިންވަރު ދެނެގަނެވިދާނެބާ އެވެ؟

މަރިޔަމް ނިޔާނަކީ އުފެދުމުގައި ހުރި މައްސަލައެއްގެ ސަބަބުން ބަލާބެލުމަށް އެހެން މީހުންނާ ތަފާތުވުމުން މީހުންގެ ފުރައްސާރަ، ހަޔާތުގެ އެކި މަރުހަލާގައި ދިމާވެފައިވާ މީހެކެވެ.

ނިޔާން ބުނިގޮތުގައި އޭނާގެ ލޯ އުފެދިފައިވާ ގޮތުން މީހުން ދެކެނީ އޭނާއަކީ ވަރަށް ބޮޑަށް ނުކުޅެދޭ މީހެއްގެ ގޮތުގައި ކަމަށެވެ. އޭނާގެ މައިންބަފައިން ވެސް އޭނާ ކުޑައިރު ގެންގުޅެފައި ވަނީ އަނިޔާއެއް ލިބިދާނެތީ ވަރަށް ބޮޑަށް ރައްކާތެރިކޮށްގެން އަދި ވަރަށް ބޮޑަށް ހިފަހައްޓައިގެން ކަމަށެވެ. އުމުރުން އެންމެ ތިން އަހަރުގައި އައިނު އެޅުވި ކަމަށާއި އެހެން ނަމަވެސް އޭނާއަށް ފެންނަނީ ކިހާ ދުރުމިނަކުންތޯ ބެލެވިފައި ނުވާ ކަމަށެވެ.

"އޭރު މަންމައާއި ބައްޕަ ތިބެނީ ވަރަށް ކަންބޮޑުވެފައި. އުމުރުން 8 އަހަރު ވީއިރުވެސް ލިޔަން ކިޔަން ނޭނގުމުން ޓީޗަރުން ދެކުނީ ނުކުޅެދޭ ކުއްޖެއްގެ ގޮތުގައި. އެކަމަކު މަންމަމެން ބުނޭ ވަރަށް ހަރަކާތްތެރިކޮށް އުޅޭ ކަމަށް،" ނިޔާން ކިޔައިދިނެވެ.

ނިޔާން އާއިލާއާއެކު: އާއިލާއިން އަބަދުވެސް އެހީތެރިވެ އެއްބާރުލުންދޭ

ކުޅަދާނަ ޓީޗަރެއް: ނިޔާން އަކީ "ތަފާތު" ވިސްނޫތު ކުއްޖެއްކަން ފާހަގަކުރި

ކުދިންގެ މިޒާޖު ދެނެގަނެ ރަނގަޅަށް މަގު ދެއްކުމާއި، ކުއްޖާގެ ހައްގުގައި މަސައްކަތްކޮށް ކާމިޔާބު ދަރިވަރަކަށް ހެދުމުގައި ޓީޗަރުންގެ ރޯލު ވަރަށް މުހިންމެވެ.

ތާޖުއްދީން ސްކޫލްގެ ގްރޭޑް ތިނެއްގައި އޭނާއަށް ލިބުނު ކްލާސް ޓީޗަރަކީ އޭނާގެ ނަސީބެވެ. ނިޔާންގެ ކަންކަން ގާތުން ބަލައި އޭނާއަކީ ހަގީގަތުގައި "ބްރިލިއަންޓް" ކުއްޖެއްކަން އެޓީޗަރަށް ފާހަގަވި އެވެ. ލޮލުން ބެލުމުގައި ހުންނަ ތަފާތުކަމެއް ފިޔަވައި އިތުރު އެއްވެސް ކަމެއްނެތްކަން އޭނާއަށް ދެނެގަނެވުނެވެ އެއަށްފަހު ބޯޑާ ކައިރީގައި ނިޔާން ބައިންދަން ފެށި އެވެ. އެހެން ކުދިންނާ ވަކިންނެވެ. އަދި މަތީ ގްރޭޑްތަކަށް ދާ ވަރަކަށް ކަންތައް ކުރަންޖެހޭނެ ގޮތުގެ އިރުޝާދު ވެސް ދިނެވެ.

އެފަހަރުގެ ފުރަތަމަ ޓާމް ޓެސްޓުން ލިބުނު ނަތީޖާއިން މުޅި އާއިލާ ހައިރާންކޮށްލި އެވެ. ޚުދު ނިޔާނަށް ވެސް އޭނާގެ ނަންގޮވުމުން ސްޓޭޖަށް އަރަންޖެހޭކަން ގަބޫލުކުރަން ދަތިވި އެވެ.

"އެޓީޗަރު މަންމައާއި ބައްޕަ ކައިރީ ބުނީ ހުރިހާ ފޮތްތަކެއް އެންލާޖްކުރަން (ލިޔުންތައް ބޮޑުކޮށް ފެންނަ ގޮތަށް ހަދަން) ދިވެހި ފޮތްތައް ވެސް. އޭގެފަހުން ކޮންމެ ކްލާހެއްގެ ޓީޗަރަކާވެސް މަންމަ ބައްދަލުކޮށް ކްލާހުގެ އެންމެ ކުރީގައި އަޅުގަނޑު ބޭންދުމަށް އަންގާނެ. ދެން ސްކޫލުގެ ނަތީޖާ ރަނގަޅުވާން ފެށި. އަދި ގްރޭޑް 10 ނިމެންދެން ކްލާހުގެ އެންމެ މޮޅު ކުދިންގެ ތެރޭގައި އަޅުގަނޑުވެސް ހިމެނޭ،" ނިޔާން ވަރަށް އުފަލާއެކު ބުންޏެވެ.

ނިޔާން ފަސްޓް އްެއިޑް ކްލާހެއް ނަގައިދެނީ: ސީއެންވީގެ ބޭނުމަކީ ސިއްޚީ ހޭލުންތެރިކަން އިތުރުކުރުން

ކުޅެން ލިބުނު ސިރިންޖަކުން ބޮޑުވެގެން މަސައްކަތް ކުރާނެ ދާއިރާ ޔަގީންކުރި

ބޮޑުވެގެން ކުރިއަށް ދާނެ ވަކިދާއިރާއެއް އޭނާ ކަނޑައަޅާފައި ނުވަނީސް ވަރަށް "އެޑްމަޔަރަބަލް" (ލޯބިވާ ކަހަލަ) ޔުނިފޯމެއް ލައިގެން އޭނާގެ ގެއަށް މީހަކު ޒިޔާރަތް ކުރާކަން ފާހަގަވި އެވެ. އެއީ ލޭބާރޫމްގެ ނަރުހެއް ކަމަށްވާ ނާޒްލީ އެވެ. އޭރު އޭނާގެ ބޮޑުދައިތައެއް އުޅެނީ ވިހައިގެންނެވެ. އެ ނަރުސް ކޮންމެ ދުވަހަކުވެސް ބޭސް އަޅާފައި ދަމުން ހުސް ސިރިންޖެއް އޭނާ އަތަށް ދޭ ކަމަށް އޭނާ ބުންޏެވެ. ނަރުސްކަމަށް ނިޔާން ޝައުގުވެރިވީ އެ ހިސާބުންނެވެ.

ނިޔާން: ތަފާތު ވުމަކީ ގާބިލްކަމަށް އެޅޭ ހުރަހެއްނޫން

"އޭރުއްސުރެ ހިތަށް އަރަނީ އަޅުގަނޑު ވާނީ ނަރުހަކަށޭ. އެހެންވެ އަޅުގަނޑު ސައިންސް ސްޓްރީމް ނެގީ ވެސް. އެކަމަކު އަޅުގަނޑުގެ ޢާއިލާއިން އެހާ ތަރުހީބެއް ނުދޭ އެ މަސައްކަތަކަށް. އެމީހުން ބުނި ވަރަށް އުނދަގޫ ވާނެޔޭ. އެކަމެއް ނުވާނެޔޭ. އިންޖެކްޝަން ޖަހަން ޖެހޭނެޔޭ. ލޭނަގަން ޖެހޭނެޔޭ. ކިހިނެއްހޭ މެނޭޖްކުރާނީ. އެކަމަކު އޯލެވެލް ނިންމާފައި ހަމަ ނާސިން ހަދަން އަޅުގަނޑު ނިންމީ،" ނިޔާން ކިޔައިދިނެވެ.

ނަރުސްކަން ކުރަން ނުކުތުމުން ގިނަ ގޮންޖެހުންތައް: ލޮލުގެ ފެނުމާ ދޭތެރޭ އެހެން މީހުން ޝައްކުކުރުން

އުމުރުން އެންމެ 16 އަހަރުގައި އޭނާ މާލޭގައި ހުންނަ އިންސްޓިޓިއުޓް އޮފް ހެލްތް ސައިންސަސް (އައިއެޗްއެސް)ގައި ހިންގާ ނާސިން ޑިޕްލޮމާ ކޯސް ހެދުމަށް އޭނާ ކުރިމަތިލީ އެކަމަށް ހުރި ޝައުގުވެރި ކަމެއްގެ ބޮޑުކަމުންނެވެ. އަދި އެ މަސައްކަތް ކުރެވޭނެކަމުގެ ފުރިހަމަ އިތުބާރު އޮތުމުންނެވެ. އޭނާ ގަވައިދުން ދައްކާ ލޮލުގެ ޚާއްސަ ޑޮކްޓަރު ވެސް ބުނެފައި އޮތީ އެހެން ކަމަށް ވާތީ އެވެ.

"މިއުޅެނީ އަޅުގަނޑަށް ނުވާވަރު ކަމެއް ކުރާކަށް ނޫން. ކޮންމެ ގޮތެއްވިޔަސް ބަލިމީހާގެ ރައްކާތެރިކަމަށް ވިސްނަން ޖެހޭނެ. ދެން އަނެއްކަމަކީ އަސްލު ހަގީގަތުގަ އަޅުގަނޑުގެ ލެކްޗަރާސްއަށް ނުވެސް އެނގޭނެ ބޯޑުގައި އަޅުވާ ސްލައިޑްސް ވެސް އަޅުގަނޑަކަށް ނުފެންނަ ކަމެއް. އެހާ ދުރުން ވީމަ ކިޔަން ނޭނގޭ ކަމެއް. މިއަދު މިހެން ބުނަން ޖެހިލުން ނުވިވިއަސް އެދުވަހު އެހެން ބުނަން ޖެހިލުންވި. އެއީ އަޅުގަނޑަށް ގާބިލްނޫން ކަމަށް ދެކިދާނެތީ. އެކަމަކު އަޅުގަނޑަށް ކްލާހުން އެންމެމަތީ މާކްސް ލިބޭ،" ނިޔާން ބުންޏެވެ.

ނިޔާން: ކުރިއަށް ދިއުމަށް ގޮންޖެހުން ގިރާކުރުން މުހިންމު

ނިޔާން ބުނިގޮތުގައި އޭނާގެ ނޯމަލް އާއި އެހެން މީހުންގެ ނޯމަލް ތަފާތުވުމަކީ އޭނާއަށް ކަންކަންކުރެވޭނެތޯ ސުވާލު އުފައްދަން ސަބަބެއް ނޫނެވެ. އޭނާ ދެކޭގޮތުގައި އޭނަ ތަފާތެވެ. އޭނާ ލޮލާ ކައިރިން ބޭސް ސިޓީ ނުވަތަ ޕޭޝަންޓް ފައިލް ފަދަ އެއްޗެހި ބަލައި އަދި ކިޔާލުމަކީ އޭނަގެ "ނޯމަލް" އެވެ. އެކަން ބަލާ މީހާއަށް އައިބު ކަމަކަށް ވެދާނެ އެވެ. މީހުންގެ ފަރާތުން އެފަދަ ބަސްތައް ރައްދުވާތީ އޭނާއަކީ އެފަދަ މީހެއް ނޫންކަން އަންގަން ޑަބަލް މަސައްކަތް ކުރަން ޖެހުނުކަން ނިޔާން ބުންޏެވެ.

"ބަލާމީހާއަށް ހީވެދާނެ އަޅުގަނޑު ސްޓްރަގްލް ކުރަނީއޭ. އަޅުގަނޑު އައިވީއެއް ޖަހަން ގޮއްސަ ތަފާތު ގޮތަކަށް ބަލަނީއޭ. އައިވީ ކަށި ޖެހާއިރު ނާރު ލޮލުން ނުފެނުނަސް ފީލްކޮށްގެންނާއި އެކި ގޮތްގޮތުން ވެސް ނާރު ހޯދައި އެކަން ކުރެވޭނެ. އެކަމަށް ގާބިލް ވަނީ ގިނައިން އެކަން ކުރިވަރަކަށް،" އޭނާ ބުންޏެވެ.

ނިޔާން މަސައްކަތް ކުރުމުގައި އޭނާއަށް ފަސޭހަ އަމިއްލަ ގޮތަތަކެއް ގެންގުޅެ އެވެ. އޭގެ އިތުރުން އޭނާއަށް ގިނަބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ސްކޫލުގައި އުޅުނުއިރު ބޯޑުން ބަލައިގެން ޑައިގްރަމްތައް ކުރަހަން ނޭނގުމުން އޭނާގެ ބެސްޓްފްރެންޑް އައިޝަތު ލޫބާ އޭނާއަށް އެކަން ކޮށްދެ އެވެ. އަދި ބޯޑުގައި ހުންނަ ފިލާވަޅު ކިޔައިދެ އެވެ.

މިއަދު އާއިޝަތު ލޫބާއަކީ ޑިސްއެބިލިޓީ ދާއިރާއިން އެންމެ މަތީ ލެވެލްގައި އެޑްވޮކޭޓްކުރާ އެކަކެވެ. އާއިލާ ތެރޭގައި ވެސް ވަރަށް ހިތްވަރު ލިބޭކަމަށް ނިޔާން ބުންޏެވެ. އެގޮތުން ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާގެ މަންމަ ނަރުސްކަމުގައި ކުރިއަށް ދިއުމަށް ބާރުއަޅާކަން ނިޔާން ފާހަގަކުރި އެވެ. އަދި ބޮޑުވަމުން ދިޔައިރު އޭނައަކީ ތަފާތު ގޮތެއް ހުންނަ ކުއްޖެއްކަމެއް އިހުސާސް ވިޔަނުދޭކަމަށް އޭނާ ބުންޏެވެ.

ބެސްޓް ފްރެްންޑް އައިޝަތު ލޫބާއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ބޯޑުގައި ލިޔެފައި ހުންނަ ފިލާވަޅު ކިޔައިދޭ

އޮސްޓްރޭލިއާގައި މަސައްކަތް ކުރުމުގެ ފުރުސަތުން އާތަޖުރިބާތަކެއް: ތަފާތު ސަގާފަތެއް

ބޭރު ގައުމެއްގައި މަސައްކަތުގެ ތަޖުރިބާ ހޯދުމަކީ ވެސް ނިޔާން ދެކެމުން އައި ހުވަފެނެކެވެ. ނަރުސްކަމަށް އޭނަގެ ހިތްޖެހުމުގެ އެއް ސަބަބުކަމުގައި ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ނަރުހުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮތުން ވި އެވެ.

އޮސްޓްރޭލިއާއަށް ޑިގްރީއަށް ކިޔަވަން ދިޔުމުން ޑިގްރީ ނުހަދާ މާސްޓާސް ހެދުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. އެއީ ރާއްޖޭގައި ފުރިހަމަކުރި ޑިޕްލޮމާގެ ނަތީޖާ ރަނގަޅުވުމުންނެވެ. މާސްޓާސް ފުރިހަމަކުރިއިރު އޭނާގެ އުމުރަކީ އެންމެ 22 އަހަރެވެ. އެއަށްފަހު މަސައްކަތް ކުރުމުގެ ލައިސަންސާއި ވަގުތީ ރަށްވެހިކަން ހޯދުމަށް ފަހު ސައުތް އޮސްޓްރޭލިއާގެ މަޑްބްރީ ޕަބްލިކް ހޮސްޕިޓަލުގައި ރެޖިސްޓާޑް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި އެވެ. އުމުރުން ކިތަންމެ ހަނގަސް ކޮލިފިކޭޝަނަށް ބަލާފައި އޭނާއަށް ދިނީ ސުޕަވައިޒާއެއްގެ ވަޒީފާއެކެވެ. އަދި އޭނާގެ ދަށަށް ދޮށީ އުމުރުގެ ގިނަ ތަޖުރިބާހުރި މީހުން ލި އެވެ.

"އަޅުގަނޑުގެ ލޮލުގެ މައްސަލަ ވެސް ވަޒީފާ ދިން ފަރާތާ ހިއްސާކޮށްލުން މުހިންމު ކަމަށް ފެނި އެ ވާހަކަ ބުނުމުން އެފަރާތުން ބުނީ އަޅުގަނޑަށް މަސައްކަތް ކުރެވޭނެ ކަމަށް އަޅުގަނޑު ބުނެ، އަތުގައި ޕްރެކްޓިސިން ލައިސަންސް އޮތްނަމަ އޮސްޓްރޭލިއާގެ އެއްވެސް މީހަކު އަޅުގަނޑުގެ ގާބިލް ކަމާމެދު ސުވާލު ނުކުރާނެ ކަމަށް. އަޅުގަނޑު މަޑްބްރީގައި ރެޖިސްޓާޑް ނަރުހެއްގެ ގޮތުގައި ދެ އަހަރު މަސައްކަތް ކުރިން. ފަހުން ޖެނެރަލް ނާސް ޕްރެކްޓިޝަނާއަކަށް ބަދަލުވި. އެއީ ފުލްޓައިމް ޖޮބެއް. އެތަނުން ގިނަ ތަޖުރިބަތަކެއް ލިބުނު. ތަފާތު އެތައް ކަމަކަށް ލޯހުޅުވުނު،" ނިޔާން ކިޔައިދިނެވެ.

ހިތްދަތި ހާދިސާއަކުން ފެންކަޅިވި: ހޮސްޕިސް އަކުން ދިމާވި އެކަނިވެރި ބައްފައެއް!

މަޑްބްރީ ހޮސްޕިޓަލްގައި އިންނަ ހޮސްޕިސް (އުންމީދު ކަނޑާލާފައިވާ މީހުން ބައިތިއްބާ ތަނެއް) އެއްގައި ތިންމަސް ދުވަހު މަސައްކަތް ކުރިއިރު ހިތަށް އަސަރުކުރާ އެތައް ހާދިސާއެއް އޭނާއާ ދިމާވެފައިވެ އެވެ. އެތަނުން މުޅި ނާސިންގެ ހަޔާތުގައި ދިމާވި އެންމެ އަސަރުކުރުވި ހާދިސާ ހިއްސާކޮށްލި އެވެ. ނިޔާން ބުނިގޮތުގައި އެއީ ހަނދާނުން ފިލުވާލަން އުނދަގޫ ހިތަށް ވަރަށް އަސަރު ކުރި ހާދިސާއެކެވެ.

"އެތަނުގައި އެނދުމަތިކޮށްފައި އޮތް ބަލިމީހެއް ކޮންމެ ދުވަހަކު ވެސް ބުނާނެ ނުކާނަމޭ. އެހެން އުޅެފައި އެއްދުވަހު މިބުނަނީ ތިމަންނަގެ ފިރިހެން ދަރިފުޅުވީ އިނގިރޭސިވިލާތުގައޭ. ތިމަންނަ މިހާ ބަލިވެ އޮތްއިރު އޭނާ އައީކީ އެއްވެސް ނޫނޭ. ތިމަންނަ މި މަރުވަނީއޭ. ނަރުހުންނަށް އެއްޗެހި ކިޔޭތީ ތިމަންނައަށް މާފުކުރާށޭ. ހަގީގަތުގައި ނަރުހުން ދެކެ ރުޅިއެއް ނާދެއޭ. އަޅުގަނޑު ބުނިން އަޅުގަނޑުމެންގެ ހަމަހިތް ސާފޭ. ދެން ޖެހިގެންއައި ދުވަހުގެ ހެނދުނު އަޅުގަނޑު ޑިއުޓީއަށް ދިޔައިރު މިބުނާ ބަލި މީހާއެއް ނެތް. ސްޓާފުން ކައިރީ އެމީހާ ކޮބައިހޭ އަހާލީމަ ބުނީ އޭގެ ކުރީ ދުވަހު ނިޔާވެއްޖެ ކަމަށް. އެމީހާ މަރުވީ އެކަނި އޮވެ. އެބުނާ ދަރިފުޅަކަށް ވެސް ނުގުޅުނު. އެންމެފަހުން އެމީހާގެ ހަށިގަނޑު ޖެހުނީ މޯޗުއަރީއަށް ލާން،" ނިޔާން ވަރަށް އަސަރާއެކު ކިޔައިދިނެވެ.

އާއިލާއާއި ދުރުގައި އެފަދަ ކަންކަން ފެންނަމުން ދިޔުމާއެކު ނިޔާން ދެން ގަސްދުކުރީ އަނބުރާ ރާއްޖެ އައުމަށެވެ. މައިންބަފައިން ކައިރީގައި އެމީހުންނަށް ޚިދުމަތް ކުރަން ހުރުމަށެވެ.

ރާއްޖެއައިސް ގިނަ ކުރިއެރުންތަކެއް: ލިބުނު ތަޖުރިބާގެ އަލީގައި އިސްލާހީ ގިނަ މަސައްކަތްތަކެއް

އައިޖީއެމްއެޗް އާ އަލުން ގުޅުމާއެކު އޭނާގެ ކޮލިފިކޭޝަނަށް ބަލައި ޑަބަލް ޕްރޮމޯޝަން ދިނެވެ. ރެޖިސްޓާޑް ނަރުހަކުން ސީނިއާ ނަރުހަކަށް ނުވެ ލިބުނީ ކްލިނިކަލް ނަރުހެއްގެ މަގާމެވެ.

"ފަހުން އަޅުގަނޑު އެޗްއާރަށް ބަދަލުކުރި. އެތަނުގައި އެއްއަހަރު ހަމަވުމާއެކު ޓްރޭނިން ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމަށް ބަދަލުކުރި. އެދަވަސް ވަރަކީ އައިޖީއެމްއެޗް ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔަ ދުވަސް ވަރެއް. އެތަނުގެ އެޑްމިނިސްޓްރޭވް މަސައްކަތުގައި އުޅުއްވާ ބޭފުޅުންގެ ޒިންމާދާރުކަމާއި މަސައްކަތުގެ ބުރަކަމާއި އެބޭފުޅުން މަސައްކަތަށް ހުރި އިޚްލާސްތެރިކަން އަޅުގަނޑަށް ގާތުން ފެނުނު،" ނިޔާން ކިޔައިދިނެވެ.

ނިޔާން ވަނީ ހަމަ އެދުވަސްވަރު މޯލްޑިވްސް ނާސަސް އެސޯސިއޭޝަންގެ ސެކެޓްރީއެއްގެ މާގާމުގައި ހުރެ އެތަނަށް ވެސް ގިނަ ޚިދުމަތްތަކެއް ކޮށްދީފަ އެވެ. ގިނަ ތަޖުރިބާތަކަކަށްފަހު އޭނާ ދެން ނިންމީ ދުވަސްކޮޅަކަށް ވަޒީފާގެ މާހައުލާ ދުރަށްޖެހިލައި އާއިލާއަށް ވަގުތު ދިނުމަށް ގޭގައި މަޑުކޮށްލާށެވެ.

ކޮވިޑްގެ ހާލަތާއެކު ނަރުހުންގެ ޚިދުމަތަށް އަލުން ނިކުތުން

ޚިދުމަތަށް އެދި ގޮވައިލައިފި ނަމަ އެކަމަށް އިޖާބަދޭ މީހުންގެ އެންމެ ކުރީގައި ސަފުގައި ހުންނާނެ އެކަކު ކަމުގައި ހަމަގައިމު ވެސް ނިޔާން ވާނެ އެވެ. ކޮވިޑްގެ ހާލަތުގައި ގޭގައި ތިބި ސިއްހީ ހިދުމަތްތެރިން މަސައްކަތުގެ މައިދާނަށް ނުކުތުމަށް އެދުމުން، އެކަމަށް އޭނާ ނިކުތެވެ. އަދި އަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވާން ފެށި އެވެ. ބަލި މީހުންގެ ގޭގެއަށް ޒިޔާރަތް ކުރުމާއި ވެކްސިންޖަހަން ފެށުމުން އެ މަސައްކަތަށް ހުރި ލޯބި އިހްސާސްވި އެވެ. އަދި ކޮމިއުނިޓީ ނަރުހުން ތިބުމުގެ މުހިންމުކަން ވެސް އެދުވަސްވަރު ވިސްނެން ފެށި އެވެ.

"އަލުން މަސައްކަތް ފެށީމަ ހިތަށް އެރީ ދުވަހަކު ވެސް މިކަން ދޫކޮށެއް ނުލާނަމޭ. ލޮކްޑައުންގައި ދަރުބާރުގެއަށް އަޅުގަޑު ދަނީ ރޭގަނޑު އަށެއް ޖަހާއިރަށް. ވަރަށް އުފަލުން އެކަމަށް ދަނީ،" ނިޔާން ކިޔައިދިނެވެ.

ސީއެންވީ: ކޮމިއުނިޓީ ނާސް ވޮލަންޓިއާސް

ނިއާންއަކީ މިވަގުތު ރަޖިސްޓްރީކޮށްގެން ހިންގާ ކޮމިއުނިޓީ ނާސް ވޮލަންޓިއާސް (ސީއެންވީ)ގެ ރައީސާ އެވެ. އެ ޖަމިއްޔާއަށް އަދި މާގިނަ ދުވަސްވެފައި ނުވިނަމަވެސް ދުވަހެއް ދުވަހަކަށް އެ ޖަމިއްޔާގެ މަސައްކަތް ފުޅާކޮށް، ކުރިއެރުވުމުގެ މަސައްކަތް ކުރުމުގައި އިސްދައުރެއް އަދާކުރެ އެވެ. ހޮސްޕިޓަލްތަކާއި ބޭސްފަރުވާ ލިބޭ ކްލިނިކްތައް ހުއްޓައި ސީއެންވީ ހިންގުމުގެ ބޭނުމަކީ ކޮބައިކަން އޭނާ ވަރަށް ސާފުކޮށް ކިޔައިދިނެވެ.

ސީއެންވީގެ ހަރަކާތެއްގައި: ބަލިމީހުންގެ ގޭގެއަށް ޒިޔާރަތްކުރާއިރު ސީއެންވީ ނަރުހެއްގެ ގޮތުގައި ދިއުމަށް ބާރުއަޅާ

"ކޮމިއުނިޓީ ނާސިންގެ ވަރަށް ބޮޑު ރޯލެއް އޮންނާނެ ހޮސްޕިޓަލް ބޯން އިންފެކްޝަންސް މަދުކުރަންޏާ ވެސް އަދި ހޮސްޕިޓަލް ސްޓޭ މަދު ކުރަންޏާ ވެސް. ބޭނުމަކީ އަޅުގަނޑުމެން ސީއެންވީގެ ރޯލު ފުޅާކުރުން. ކޮމިއުނިޓީ ނާސިންއަކީ ޕަބްލިކް ހެލްތް ސިސްޓަމްއަށް ދެވޭ ވަރަށްބޮޑު އެހީތެރިކަމެއް،" އޭނާ ކިޔައިދިނެވެ.

ނިއާން ފާހަގަ ކުރިގޮތުގައި ބަލި މީހުންނަށް ޒިޔާރަތްކޮށް ހިލޭސާބަހަށް ދިވެހި ނަރުހުން އަބަދުވެސް ވަރަށް ފުޅާ ދާއިރާއެއްގައި ނާސިންކެއާ ދެ އެވެ. ސީއެންވީގައި މަސައްކަތް ކުރަނީ އެކި ކަންކަމާ ހުރެ މިހާރު ދާއިރާއާއި ދުރުގައި ތިބި ތަޖުރިބާކާރު ދިވެހި ނަރުހުންނެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ވެކްސިން ދިނުމުގެ މަސައްކަތުގައި ސީއެންވީގެ ނަރުހުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރި އެވެ. މިހާރު ވެސް އިސް ރަށްވެހިންގެ ނާދީގައި ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ފޯލް ރިސްކް ޕްރިވެންޝަން (އުމުރުން ދުވަސްވާ މީހުން ވެއްޓިގެން ލިބޭ އަނިޔާ މަދުކުރުން) ޕްރޮގްރާމް ހިންގުމުގައި އެ އެންޖީއޯ އެހީތެރިވެ އެވެ.

ފަސްޓްއެއިޑް ސެޝަންއެއްގައި: ނަރުހުން މަސައްކަތް ކުރަންވާނީ ރިސާޗް ގެ އަލީގައި

އޭގެ އިތުރުން ސްކޫލްތަކުގައި ސިއްޚީ މައުލޫމާތު ދިނުމާއި، ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގެ އިސް ނަރުހުންނާއެކު ކޮންމެ ދެ އަހަރުން އެއްއަހަރު ރާއްޖޭގެ އެކި ސަރަހައްދުގައި ކޮންފަރެންސް ބާއްވައި ނަރުހުންގެ ޚިދުމަތުގައި ހުރި ގޮންޖެހުންތައް ހޯދައި އެކަން ހައްލުކުރަން އެޅިދާނެ ފިޔަވަޅުތައް ބަލައި އެހީތެރިވުމުގައި ވެސް، ސީއެންވީ އިސްދައުރެއް އަދާކުރެ އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ނަރުހުން ބަލި މީހުންގެ ގޭގެއަށް ދާއިރު ސީއެންވީގެ ބެޖްގައި ހައިސިއްޔަތަކާއެކު ކޮމިއުނިޓީ ނަރުހެއްގެ ގޮތުގައި ގޮސް އެ ހިދުމަތް ދޭން ދިއުން،" ނިއާން ބުންޏެވެ.

މަސައްކަތުގައި ގިނަ ކަންބޮޑުވުންތަކެއް: ހައްލުނުކުރެވޭނެ ކަމެއް ނެތް

ނިޔާން އޮޅުންފިލުފައިދިން ގޮތުގައި ނާސިން ޕްރެފޮޝަންއަކީ ވަރަށް ރަނަގޅު އުސޫލުތަކަކާއި އަޚްލާގީ މިންގަނޑުތަކެއް ހުންނަން ޖެހޭ ދާއިރާއެކެވެ.

"މި ޒަމާނުގައި މަސައްކަތް ކުރާ މާހައުލުގައި ހަނގާކުރުމަކީ އެވާހަކަ ނުދެއްކިއަސް ހިނގާމެއް. ވީމާ އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތްތަކެއް ކުރަންޖެހޭ. މަސައްކަތުގެ މާހައުލުގައި، އުފެދުމުގައި "ތަފާތު" ގޮތަކަށް ހުންނަ މީހެއް އުޅޭނަމަ މަލާމާތް ކުރުމުގެ ބަދަލުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން ވަރަށް މުހިންމު. އެއީ އެމީހަކު ވެދާނެ އެހެން އެންމެނަށް ވުރެ މަސައްކަތައް ގާބިލް މީހަކަށް،" ނިޔާން ބުންޏެވެ.

ނަރުސްކަން ކުރާއިރު އަޚްލާގީ މިންގަނޑެއް ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، މީހަކާ ދޭތެރޭ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ބޭނުން އެއްޗެއް ނުކިޔޭނެކަން ދަންނަންވާނެ ކަމަށެވެ. އަދި އަލަށް މިދާއިރާއާ ގުޅޭ ނަރުހުންނަށް ވެސް މިކަން އޮޅުން ފިލުވައިދެވިފައި އޮތުން މުހިންމު ކަމަށް އޭނާ ދެކެ އެވެ.

އުމުރުން ހަގު، ހަރުދަނާކަމެއް ނެތް ކުދިންނަށް އެއްވެސް ތަމްރީނެއް ނުދީ ވަޒީފާގެ މާހައުލަށް ނެރުމަކީވެސް ނިޔާން ދެކޭ ގޮތުގައި ރަނގަޅުކަމެއް ނޫނެވެ. އަދި ކިތަންމެ ކިޔަވައިގެން ހުއްޓަސް މަސައްކަތުގެ ތަޖުރިބާއަށް ބެލުމެއް ނެތި ބޮޑެތި މަގާމުތައް ހަވާލުކުރުމަކީ ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.