ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިންކަމުގެ ތުހުމަތުގައި ފުލުހުން ކުރަމުންދާ ތަހުގީގުގެ ދަށުން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ދިރިއުޅޭ ގެއިން ފުލުހުން ގެންދިޔަ 1.4 މިލިއަން ރުފިޔާ އަނބުރާ އޭނާއާ ހަވާލުކޮށްފި އެވެ.

ފަޒުލް އާއި އޭނާގެ ބޭބެ މުހައްމަދު ފަޒީލުއަށް ކުރެވޭ ތުހުމަތުތަކާއެކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ފަޒުލް ދިރިއުޅޭ މ. ޒޭވަރު ބަލައިފާސްކޮށްފައިވަނީ 23 ޑިސެމްބަރު، 2024 ގަ އެވެ.

އެނގިފައިވާ ގޮތުގައި އެ ފައިސާ މިހާރު ވަނީ ފަޒުލްއާ ހަވާލުކޮށްފަ އެވެ.

ފުލުހުން މިކަމުގައި ރަސްމީ ބަހެއް ބުނެފައިނުވާއިރު، ތަހުގީގު ނުނިމެނީސް އެ ފައިސާ ފަޒުލް އަށް ހަވާލުކުރި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ސްޕީޑް ބޯޓުގެ ހިދުމަތްދޭ ރިލެކްސް ފެރީ ސާވިސަސްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ފަޒުލްގެ ގެއިން ފެނުނު ފައިސާއަކީ އެ ކުންފުނިން ލޯންޗެއް ބަނުމަށް ދިން ފައިސާ ކަމަށް ބުނެފަ އެވެ.

ފަޒުލް އިސްތިއުފާ ދީފައިވަނީ ފޯޖު ލިޔުމެއް ތައްޔާރުކޮށް އޭނާގެ ބޭބެ މުހައްމަދު ފަޒީލަށް ގޯއްޗެއްކަނޑައި ދިން މައްސަލައާ ގުޅިގެން ސަސްޕެންޑުކޮށްފައި ހުއްޓަ އެވެ.

އެ މައްސަލައިގެ ތަހުގީގަށް ފަޒުލްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.