ފޭސްބުކްގެ ގްރޫޕެއްގައި މީހަކު އޭނާގެ ރައްޓެއްސަކަށް ދިމާވެފައިވާ "ވެޖައިނިސްމަސް" ބަލީގެ ވާހަކަ އެއްފަހަރަކު ހިއްސާކޮށްލި އެވެ. އެ ޕޯސްޓްގައި ވަނީ އެރައްޓެހި ކުއްޖާއަށް ދިމާވެފައިވާ އެބަލީގެ ސަބަބުން ފުރަތަމަ ކާވެނީގައި ދެމަފިރިކަމުގެ ގުޅުމުގައި ދިމާވި އުނދަގޫތަކެއްގެ ސަބަބުން މިހާރު ވަރިވެފައިވާކަމާއި، ދެވަނަ ކައިވެންޏެއް ކުރަން ބޭނުންވި ނަމަވެސް އެބަލީގެ ސަބަބުން އިތުރު ކައިވެންޏެއް ކުރުމަށް ފަސްޖެހޭ ވާހަކަ އެވެ. އެ ޕޯސްޓަށް ޖަވާބުދީފައިވާ ގިނަ މީހުން ލަފާދީފައި ވަނީ އެކި ތިރަޕީތައް ނެގުމަށެވެ. ނަމަވެސް ބަލީގެ ހަގީގަތް ދެނެނުގަނެ އަމިއްލައަށް ފަރުވާކުރުމުން އެކަމުގެ އެންމެ އަވަސް އަދި އެންމެ ރަނގަޅު ހައްލު ލިބޭނެބާ އެވެ؟
މާލޭ ޕައިންޓްރީ މެޑިކް ކެއާގައި މަސައްކަތް ކުރައްވާ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ޑރ. ނެގޯރާ މަމަސަލީވާ ލަފާދެއް ވަނީ ދެމަފިރިކަމުގެ ގުޅުން ހިންގާއިރު އެއްވެސް ވަރަކަށް ތަދު އިހުސާސް ކުރެވޭނަމަ، އެކަމުގެ ހަގީގީ ސަބަބު ދެނެގަތުމަށްޓަކައި އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް ދައްކައި ތަދުވާން ދިމާވާ އަސްލު ސަބަބު ޔަގީން ކުރުމަށެވެ. އެއީ ވެޖައިނިސްމަސް ނޫނަސް ތަދުވާން ދިމާވެދާނެ އެތައް ސަބަބެއް ހުރެދާނެ ކަމަށްޓަކަ އެވެ. ޖިސްމާނީ، ނަފްސާނީ، ނުވަތަ ޖިންސީ އަނިޔާއެއްގެ ސަބަބުން ދިމާވެފައިވާ ކަމެއްތޯ ބެލުމަށެވެ. ނުވަތަ ޖަރާސީމެއްގެ ސަބަބުން ދިމާވެފައިވާ ކަމެއްތޯ ޔަގީން ކުރުމަށެވެ. އެހެނީ އަސްލުފަރުވާ ކުރެވޭނީ ސަބަބު ދެނެގަނެވިގެން ކަމަށްވާތީ އެވެ.
ވެޖައިނިސްމަސް އަކީ ކޮބާ؟
ވެޖައިނިސްމަސްއަކީ ޖިންސީގުޅުން ހިންގަން ތައްޔާރުވުމާއެކު އަމިއްލަ އިޚްތިޔާރަކާއި ނުލައި، އަންހެނާގެ ޖިންސީ ގުނަވަނުގެ މަސްތައް ބާރުވެ، ކުރުގެޅި، އެދޮރު ހިމަވެ ފިތޭގޮތްވުމެވެ. އޭގެ ސަބަބުން ޖިންސީގުޅުން ހިންގަން އުނދަގޫވެ ތަދު އިހްސާސްވެ އެވެ. ޖިންސީގުޅުން ހިންގާއިރު ތަދުވާނެކަމުގެ ބިރު ހީވުމުން ވެސް އަންހެނާގެ ޖިންސީ ގުނަވަނުގެ މަސްތަކަށް މިބަދަލު އާދެ އެވެ. އާންމުކޮށް މިމައްސަލަ ދިމާވަނީ 19 އަހަރަށް އެޅުމަށްފަހު އެވެ. އުމުރުގެ ފަހުކޮޅުގައި ވެސް މިމައްސަލަ ދިމާވާކަމަށް ފާހަގަ ކުރެވިފައިވެ އެވެ.
ވެޖައިނިސްމަސް މައިގަޑު ގޮތެއްގައި ބެހެނީ ދެބަޔަކަށެވެ. އެއީ ޕްރައިމަރީ އާއި ސެކަންޑަރީ ވެޖައިއިނިސްމަސް އެވެ. ޕްރައިމަރީ ވެޖައިނިސްމަސްއަކީ އަމިއްލަ އިޚްތިޔާރަކާއި ނުލައި އަންހެނާގެ ޖިންސީ ގުނަވަނުގެ މަސްތައް ބާރުވާން ދިމާވުމުގެ ސަބަބުން އެއްވެސް ވަރަކަށް ޖިންސީގުޅުން ނުހިންގިފައިވުމެވެ.
ސެކަންޑަރީ ވެޖައިނިސްމަސްއަކީ އެއްއިރެއްގައި ޖިންސީގުޅުން ހިންގިފައިވި ނަމަވެސް އަނިޔާއަކާއި ގުޅިގެން، ނުވަތަ އިންފެކްޝަނަކާއި ގުޅިގެން، ގުޅުން ހިންގިއިރު ތަދުވުމުގެ ސަބަބުން ބިރުއުފެދި، އޭގެ ސަބަބުން ޖިންސީ ގުނަވަނުގައިގައިވާ މަސްތައް ބާރުވެ ކުރުގެޅޭ ގޮތްވުމެވެ.
އެއްވެސް ސަބަބަކާއި ހެދި ދެމަފިރިކަމުގެ ގުޅުމަށް އަސަރު ކުރާނަމަ، ޒަވާޖީ ހަޔާތަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ އެވެ. މައްސަލަ ޖެހޭނެ އެވެ. ހަޔާތުގެ ބައިވެރިޔާ އާއި ދޭތެރޭ ހިތްހަމަނުޖެހޭ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓޭނެ އެވެ. އަދި ނަފްސާނީ ގޮތުން ވެސް މީހާ ބަލިވެ ހާސްވެ، ހިތް ނުތަނަވަސްވާނެ އެވެ. ދަރިއަކު ހޯދުމަށް ވެސް ހުރަސް އެޅޭނެ އެވެ.
ވެޖައިނިސްމަސްކަން ޔަގީން ކުރުމަށް ޑޮކްޓަރަކަށް ދައްކައި ރަނގަޅު ފަރުވާ ހޯދިއްޖެނަމަ، މިކަމަކީ ރަނގަޅު ކުރެވޭނެ ކަމެކެވެ