ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެސްޖޭ ކޮންސްޓްރަކްޝަނުން އަޅާ މިސްކިތުގެ މަސައްކަތް މިހާރު ހުއްޓިފައި ވިޔަސް، އަންނަ ޑިސެމްބަރު މަހަށް އެ މިސްކިތުގެ މަސައްކަތް ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ހުރިހާ" އިން ކުރި ސުވާލަށް އިސްލާމިކް މިނިސްޓްރީން ދިން ޖަވާބުގައި ވަނީ މިހާރު ކުރިއަށްދަނީ އެ މިސްކިތުގެ ކޮންކްރިޓް އާޗްތައް ހެދުމުގެ މަސައްކަތް ކަމަށެވެ.
އެ މިސްކިތް އެޅުމަށް ހަވާލުކޮށްފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަނާ އެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޖޭ ކުންފުންޏާ ހަވާލުކުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގަކާ ގުޅިގެން މިދިޔަ ސަރުކާރުން އެ އެއްބަސްވުން ބާތިލްކުރި އެވެ.
ޒިކުރާ މިސްކިތުގެ މަޝްރޫއު ކުރިއަށްގެންދަން ޔާމީންގެ ސަރުކާރުން އިކުއިޑިޓީގެ ގޮތުގައި އެސްޖޭއަށް 30 މިލިއަން ރުފިޔާ ދީފައިވެ އެވެ. އެއްބަަސްވުން ބާތިލްކުރުމަށްފަހު އެ 30 މިލިއަން ހޯދަން މިދިޔަ ސަރުކާރުން އެސްޖޭއާ ދެކޮޅަށް ދައުވާކުރުމުން އެ ކުންފުނީގެ އެދުމުގެމަތިން ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ސެޓްލްމަންޓް އެގްރީމެންޓެއް ހެދި އެވެ.
ކޯޓުން ބޭރުގައި އެއްބަސްވިގޮތަކީ އެ 30 މިލިއަން ރުފިޔާގެ ބަދަލުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އެޅުމަށެވެ. އެގޮތުން ޖެނުއަރީ 23، 2022 ވަނަ ދުވަހު ވަނީ އެ މިސްކިތް އެޅުމަށް އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައިވާގޮތުން 30 މިލިއަނަށްވުރެ އިތުރަށް މިސްކިތަށް ހަރަދުވާ ފައިސާ ހަމަޖައްސަނީ އެސްޖޭގެ ސީއެސްއާރްގެ ދަށުންނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަލާހުއްދީން ސްކޫލް ކައިރީ އިމާރާތްކުރަން ފަށާފައިވާ އެ މިސްކިތުގެ މަސައްކަތް 2023 ވަނަ އަހަރު ހުއްޓުނުގޮތަށް ކުރިއަކަށް ނުދެ އެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ރައްޔިތުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ސޯޝަލް މީޑިއާގައި ވެސް އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށް އެސްޖޭ ކުންފުންޏަށް ސުވާލުތަކެއް އަމާޒުކޮށްފައިވެ އެވެ. އެކަމުގެ ރައްދުގައި އެސްޖޭގެ ބޯޑު ޑިރެކްޓަރު ޝިހާދު ވަނީ އެކި މީހުންނަށް ފުރައްސާރަކޮށްފަ އެވެ.