ޕެންޝަނާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހުގެ ދަށުން އެކުލަވާލި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، އުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށްވެސް މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ފައިސާ ބޭނުންކޮށްގެން ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ރިޒާވްކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ފެށުމުގެ ކުރިން، އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށާއި ޖާގަ ކަށަވަރުވާއިރު 65 އަހަރު ފުރޭ މީހުންނަށް ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ފުރުސަތެއް ނޯވެ އެވެ. ނަމަވެސް އަލަށް ގެނެވުނު ބަދަލާއެކު، ޝަރުތުހަމަވާ ކޮންމެ އުމުރެއްގެ މެންބަރަކަށްވެސް ޕެންޝަން ފައިސާއިން ހައްޖަށް ދިއުމުގެ މަގު ވަނީ ތަނަވަސްވެފަ އެވެ.

ޕެންޝަން ސްކީމުގެ ދަށުން ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމުގެ ޝަރުތުހަމަވަނީ މީގެ ކުރިން ފަރުޟު ހައްޖު އަދާކޮށްފައިނުވާ މެންބަރުންނަށެވެ. އަދި އެ މެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336,000 ރުފިޔާ ހުންނަންޖެހެއެވެ. ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާނަމަ، ޝަރުތުހަމަވާނީ އެ ޢަދަދު އުނިކުރުމަށްފަހުވެސް އެކައުންޓުގައި 336,000 ރުފިޔާ ހުންނަ މެންބަރުންނަށެވެ.

މި އުސޫލުގެ ދަށުން ހައްޖަށް ދާން އެދޭ މެންބަރުން، ހައްޖު ދަތުރުގެ އަގުގެ %20 މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދެއްކުމުން ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެ އެވެ. ހައްޖު ދަތުރުގެ އަގުގެ ބާކީ %80 އަށްވާ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުނިނުވެ، ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމާ ހަމައަށް ދާނީ އިންވެސްޓްކުރެވެމުންނެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ޕެންޝަން ލިބެމުންދާ މެންބަރުންނަށް ނުވަތަ އަލަށް ރިޓަޔާކުރާ މެންބަރުންނަށް ދެވޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ހައްޖަށް ރިޒާވްކުރާ ފައިސާގެ އަދަދެއް ނުހިމެނޭނެ އެވެ. އެހެންކަމުން ހައްޖު ބެނެފިޓުގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ ޢަދަދަށް ބަދަލުއައުން އެކަށީގެންވެ އެވެ. ނަމަވެސް އެއްވެސް ސަބަބަކާހުރެ ހައްޖު ރިޒަވޭޝަން ކެންސަލްވެ، އެ ފައިސާ އަނބުރާ އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން އަލުން ހިސާބުކުރެވޭނެ އެވެ.